ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ރިލީޒް ސާމްޕަލްއަށް ރެންޑަމް ސާމްޕަލް ބަލައިގަންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ދިވެހީންނާއި ވޯކްވިސާ ހޯލްޑަރުން ހިމެނޭހެން، ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން މިއަދުން ފެށިގެން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެކަމަށް އެޗްޕީއޭ އިން އިއްޔެ ވަނީ އަންގާފައެވެ.

އެގޮތުން، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭނީ ދިވެހިންނާއި ވޯކް ވިސާ ހޯލްޑަރުންނެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ވެސް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. މި މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދާ ޕީސީއާރު ޓެސްޓު ނެގަޓިވްވުމުންނެވެ. މި އުސޫލުގައި އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭނެއެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީގެ މީޑިއާ އޮފިޝަލް އަދި ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "ސަން"އަށް ވިދާޅުވީ، ރާއްޖެ އައުމަށްފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ހަދަން މަޖުބޫރު ކޮށްފައިވާ ޕީސީއާރު ޓެސްޓާއި އަދި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ނިންމާފައި ނަގާ ސާމްޕަލް، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގައިގެން ޓެސްޓުކުރިޔަސް ބަލައިގަންނާނެ ކަމަށެވެ.

އެޗްޕީއޭއިން ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ، ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީއެވެ.

މި ވޭރިއަންޓު ޖެހިފައިވާ ފަސް މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އެއީ ފަސް ފަތުރުވެރިން ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.