ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއްގަމުތޮށި ލުމަށް ޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، އައު ހާބަރު ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް -- ފޮޓޯ/ އެމްޓީސީސީ

މީގެ އިތުރުން 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއަށް ކަނޑައަޅާފައިވާ އަގަކީ 25.88 މިލިއަން ދިވެހި ރުފިޔާއެވެ.

ހިންމަފުށި ބަނދަރުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރުމަށް ޓަކައި އެމްޓީސީސީއާ ހަވާލު ކުރީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

އެމްޓީސީސީން ބުނީ ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް ބާރު ސްޕީޑްގައި ކުރިއަށް އެބަދާ ކަމަށެވެ.