27 Dec 2021, 00:39
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭކުގެ ލޯނު އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރުއެކެވެ.
މި މަޝްރޫއުގެ ބީލަން ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަސް ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވެއެވެ.
އެއާޕޯޓު ތަރައްގި ކުރުމުގެ މި މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލއަން ޕަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ އާ ޓަމިނަލެއް އިމާރާތްކުރާނެ އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
Tender process for Hanimaadhoo International Airport Development Project launched today. The project financed by the Indian Exim Bank's Line of Credit is envisioned to be a catalyst for the development of the North of Maldives into an engine of growth and prosperity.@faya_ipic.twitter.com/ewzx5oU6MJ
— Economy & Trade (@MoEDmv)December 26, 2021
މީގެ އިތުރުން މި އެއާޕޯޓުގެ މަސައްކަތް ނިމޭއިރު ބައިނަލްއަގްވާމީ ދަތުރުތަކަށް ބޭނުންވާނެ އެހެނިހެން ޒަމާނީ ހިދުމަތްތައްވެސް ލިބިން ހުންނާނެއެވެ. މި އެއާޕޯޓު ތަރައްގީ ކުރާނީ ބައިނަލްއަގްވާމީ އުދުހުން ތަކުގައި ބޭނުންކުރާ އެއާބަސް A320 އަދި ބޯއިންގް 737 ގެ މަރުކާގެ ބޯޓުފަހަރުވެސް ޖެއްސޭނެ ފެންވަރަށެވެ.
މި އެއާޕޯޓު ނިމުމުން މެދު އިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕްރޭޓްކުރެވޭ ވަރުގެ ގާބިލުކަން ހުންނާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ އިތުރަށް ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށެވެ.
މި މަޝްރޫއަކީ ސަރުކާރުން އުތުރަގައި އިގްތިސާދީ މައި ހަބެއް ގާއިމްކުރުމުގެ ސިޔާސަތުގެ ތެރެއިން ގާއިމްކުރާ އެއާޕޯޓެކެވެ. އަދި މި އެއާޕޯޓު ވެގެންދާނީ އުތުރުގައި ރިސޯޓުތަކާއި ގެސްޓު ހައުސްތައް ފުޅާކުރުމަށް މުހިންމު މަޝްރޫއަކަށެވެ.