ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެގާޒީއަކަށް ރޭ ފަތިހު ހަމަލާދީ އޭނާގެ ފައި ބިންދާލައިފި އެވެ.

ފުވައްމުލަކު ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުގެ ގާޒީ އެ ރަށު، މާދަޑު، ހުދުއަސްރުމާގޭ، އަހުމަދު ލަތީފުއަށް ހަމަލާދީ، އޭނާގެ ފައި ބިންދާލާފައި ވަނީ ރޭ އޭނާ ފަތިސްނަމާދަށް ދަނިކޮށް އެވަގުތު މަގުމަތިން ހިނގާފައި ދިޔަ ދެމީހަކު ކަމަށެވެ. އަދި ވިދާޅުވީ ގާޒީ އަށް ހަމަލާދެމުން ދަނިކޮށް އެތަނަށް ސައިކަލެއްގައި މީހަކު އައުމުން ހަމަލާދިން ދެ މީހުން އެތަނުން ފިލާފައިވާ ކަމަށެވެ.

"މި ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ލަތީފް ރޭ ފަތިސް ނަމާދަށް ދަނިކޮށް، އެ ވަގުތު މަގުމަތިން ހިނގާފައި ދިޔަ ދެ މީހަކު ގާޒީގެ ގައިގައިތަޅައި މާރާމާރީ ހިންގުމަށް ފަހު ފައި ބިންދާލާފައި ވަނީ. އެ ދެ މީހުން ގާޒީ އަށް ހަމަލާދެމުން ދަނިކޮށް އެތަނަށް އެ ވަގުތު ސައިކަލެއް އައުމުން އެ ދެ މީހުން ވަނީ އެތަނުން ގޮސްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެ ރަށުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ މުއްދަތު އާންމުކޮށް ޖަހަނީ ގާޒީ އަހުމަދު ލަތީފު ކަމަށެވެ.

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އަހުމަދު ލަތީފު އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ގާޒީ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ވައަތުފައިގެ ތަނބިކަށިމަތީން ވަނީ ބިނދިފައި ކަމަށާއި އިތުރު ފަރުވާ ހޯދުމަށް އަހުމަދު ލަތީފު މާލެ ގެންދިޔުމަށް ޑޮކްޓަރު މިހާރު އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަށް ރޭ ހަމަލާދީފައިވާ އިރު، މިދިޔަ މަހު އަށް ވަނަ ދުވަހު އެ ރަށުގައި ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި 41 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުސް އޮފީހުން މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ބަޔަކު ރޯކޮށްލި ނަމަވެސް މާބޮޑު ގެއްލުމެއް ނުވަނީސް އަލިފާން ގަނޑު ވަނީ ނިއްވާލެވިފަ އެވެ. އަލިފާން ރޯކޮށްލުމުން ހަމައެކަނި ގެއްލުން ވެފައި ވަނީ އެ ކޯޓުގެ ކުޑަދޮރަށް އެކަންޏެވެ.

އަދި އެ ރަށުގައި ހުންނަ ޕީޖީ އޮފީހާއި އެ ރަށު ޕޮލިސް ސްޓޭޝަންގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ.