ދިވެހީންނާއި ވޯކްވިސާ ހޯލްޑަރުން ހިމެނޭހެން، ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކޮވިޑަށް ޓެސްޓު ކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، 27 ޑިސެންބަރުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ ފަތުރުވެރިން ހިމެނޭހެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ރާއްޖެއަށް ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑި އިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން މަޖުބޫރުކޮށްފައެވެ. އެހެންނަމަވެސް މި އުސޫލުން އެއް އަހަރު ނުވާ ތުއްތު ކުދިން އިސްތިސްނާ ވާނެއެވެ.

ހަމައެހެންމެ ފަތުރު ވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭނީ ދިވެހިންނާއި ވޯކް ވިސާ ހޯލްޑަރުންނެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ވެސް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. މި މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދާ ޕީސީއާރު ޓެސްޓު ނެގަޓިވްވުމުންނެވެ. މި އުސޫލުގައި އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭނެއެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މިހާރު ފެތުރެމުންދާ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުއިކަމާއެކު ފެތުރޭ އަދި އެއަށް ވެކްސިންގެ އަސަރުކުރާ މިންވަރު ދަށް ވޭރިއަންޓެއްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފައެވެ.

އޮމިކްރޯން އަކީ ކޮވިޑް ވެކްސިންގެ އަސަރު އެއަށްކުރާ މިންވަރުކުޑަ ނުވަތަ ވެކްސިންއަށް އެހާބޮޑަށް ރެސްޕޮންސް ނުކުރާ ވޭރިއަންޓެއް ކަމަށް ބެލެވިފައިވީ ނަމަވެސް އެކަމާބެހޭގޮތުން ސައިންސްވެރިން ކުރާ ދިރާސާތަކުގެ ފުރިހަމަ ނަތީޖާ އަދި ނުނެރެވޭކަމަށް އިލްމީ ރިޕޯޓްތައް ބުނެއެވެ.

އޮމިކްރޯން ފެތުރޭލެއް އެހެން ވޭރިއަންޓްތަކަށްވުރެ ހަލުއިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި އަދި ވެކްސިންގެ ސަބަބުން އުފެދިފައިވާ ދިފާއީ ނިޒާމުގެ ތެރެއިން އެވޭރިއަންޓް ބަލިކޮށްނުލެވޭތީކަން ނޫނީ ގައިން ގަޔަށް އެރުމުގެ ގާބިލްކަން އެވޭރިއަންޓްގައި އިތުރުވުމުގެ ސަބަބުންކަން އިލްމީގޮތުން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

މި ވޭރިއަންޓު ޖެހިފައިވާ ފަސް މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ.