26 Dec 2021, 22:03
ހިޔާ ފުލެޓުގެ ކުލި ނުނަގާ މުއްދަތު އިތުރު ތިން މަހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިތުރުކޮށްދެއްވައިފިއެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ ގައުމީ އެއްބައިވަންތަކުގެ ދަވަހާ ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިމިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް އިތުރު ތިން މަސް ދުވަސް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަމަށް އިތުރަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރު ނިންމާފައިވާނީ ފްލެޓްތައް ނިންމުމަށްޓަކައި ކުލި ނުނަގާ އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދިނުމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އުންމީދަކީ އަންނަ އަހަރުގެ މާޗް މަސް ނިމޭއިރު، ފިނިޝިންގެ މަސައްކަތް ނިމި އެ ފްލެޓްތަކުގައި ދިރިއުޅެން ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރެއް އޮތުމުގެ ބޭނުމަކީ އެ ދައުލަތެއްގައި ހިމެނޭ އެންމެންގެ އަޑު އަހައި އެންމެންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުން ކަމަށާއި ރައްޔިތުން އެދޭގޮތަށް މި ސަރުކާރުން ކަންތައްތައް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ނިންމުމުގެ މާލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން އެކަން ނުކުރެވި ލަސްވާ ކަމަށް ފްލެޓްތަކުގެ ބައެއް ވެރިން އަންނަނީ ބުނަމުންނެވެ.
ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ނިންމަން ޖެހިފައި ވަނީ ބޭންކުތަކުން ލޯނު ނަގައިގެން ކަމަށްވާތީ ފްލެޓްތަކުގެ ވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ސިލްސިލާ އެއްވުންތަކެއް ކުރިއަށްގެންދިޔުމަށްފަހު ފްލެޓްތަކުގެ ކުލި ދައްކަން ފަށާ މުއްދަތު އިތުރުކޮށްދޭން ހިޔާ ޔޫނިއަނުން ވަނީ އެޗްޑީސީއާ އެކު މަޝްވަރާކޮށްފައެވެ.