27 Dec 2021, 09:22
ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކަމުގެ އިނާމު އިތުރު 106 ބޭފުޅަކަށް އަރުވައިފިއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދަވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
މި އިނާމު ލިބިވަޑައިގަތް ހިދުމަތްތެރިންގެ ތެރޭގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ގައުމަށް ހިދުމަތް ކުރެއްވި މ. މާހުރާ އަހުމަދު ސަލީމް ހިމެނެއެވެ. މިވަގުތު ސަލީމް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ. ސަލީމު އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ދާއިރާގައެވެ.
ދިވެހި ސަރުކާރުން ސާކަށް ފުރަތަމަ ކަނޑައެޅި ބޭފުޅަކީ ވެސް ސަލީމެވެ. އަދި ސާކުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. އަދި މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސްއަކީ ވެސް ސަލީމެވެ.
މި އިނާމަކީ މި އަހަރު މުޅިން އަލަށް ދޭ އިނާމެކެވެ. މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދޭ އިނާމެކެވެ.
ގައުމީ ދެ ޖަލްސާއަކަށް ބަހާލައިގެން ދެވޭ މި އިނާމު ޖުމްލަ 223 ބޭފުޅަކަށް ވަނީ އަރުވާފައެވެ. މި އިނާމު ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވަނީ 117 ބޭފުޅަކަށް އަރުވާފައެވެ. އަދި މިރޭ 106 ފަރާތަކަަށް ވަނީ މި އިނާމު އަރުވާފައެވެ.