ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އެމްޓީސީސީން ސިދާ ބަހުގެ ހިދުމަތް ފެށޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަސް ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓާ އަދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިވަގުތު ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ބަހުގައި ދިއުމަށް ފުރަތަމަ ދާންޖެހެނީ ފުރަތަމަ ފިޔަވައްސަށެވެ. ދެން ޖެހެނީ އެތަނުން ދެވަނަ ފިޔަވައްސަށް ދާނެ ބަހެއް ހޯދާށެވެ.

ދެވަަނަ ފިޔަވަހީގެ ބަހުގެ ހިދުމަތް ނުދެވި އޮތީ ބަހުގެ ދަތިކަން ދިމާވެފައިވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެމްޓީސީއަށް ބަސްތައް ޓްރާންސްފާ ކުރި އިރުގަ ޓްރާންސް ކުރީ 50 ޕަސަންޓު ބަސްތައް" އާޒިމް "ސަން"އަށް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ބަހުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުޅާކުރުމަށް ބޭނުންވާނެ ބަސް ރާއްޖެ ގެނައިމުގެ މަސައްކަތް އެމްޓީސީސީއިން މިހާރު ކުރުމުން އަންނަ ކަމަށެވެ.

އެހެންކަމުން ބަސްތައް ލިބުނުހާ އަވަހަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަަށް ސިދާ ބަސް ދަތުރުތައް ފެށޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއިން މާލެ ނޫން އެހެން ރަށްތަކުގައިވެސް ބަސް ދަތުރުތަށް ފެށުމަށް މަސައްކަތް ކުރުމުން އަންނަކަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގެ ބަސް ދަތުރުތައް ފެށުމަށް ބޭނުންވާނެ ބަސް ވެސް ލިބި އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ދެވަނަ ފިޔަވހީގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު މާލެއާއި ވެދަނަ ފިޔަވައްސާއި ދެމެދު ސީދާ ބަހުގެ ހިދުމަތް ފެށިފައި ނެތުމަކީ ވަރަށް ގިނަ ބައެއް ކަންބޮޑުވުން އޮތް ކަމެކެވެ.