08 Mar 2012, 08:24
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި، މިހާރު އޮތް ހާލަތު ދިގުލައިގެންދާ ނަމަ ރާއްޖޭގައި ކަންތައް ވެގެންދާނެ ގޮތް ދަންނަވަން ވެސް ދަތި ކަމަށް ކުރީގެ ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއި އޮފް ޕްރެޒިޑެންޓް އިބްރާހިމް ހުސެން ޒަކީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ މިހާރު އޮތް ސިޔާސީ ހަލަބޮލިކަން ދިގުލައިގެން ހިނގައްޖެ ނަމަ ވެދާނެ ގޮތެއް ދަންނަވަން ދަތި ކަމަށާއި ބައެއް ގައުމުތަކުގައި މިފަދަ ކަންކަމާއި ހާލަތު ހަނގުރާމައަށް ވެސް ބަދަލުވެފައިވާ ކަމަށެވެ.
"އަޅުގަނޑަށް ހަމަ ދަންނަވަން ވެސް ދަތި، އަޅުގަނޑު އެކަމާ ބިރުވެސް ގަނޭ، ދެރަވެސް ވޭ، ހަގީގަތުގައި މިގޮތަށް ގައުމެއް [މަޝްވަރާ ނުކުރެވި] ދިގުލައިގެން ގޮސްފިއްޔާ، އެހެން ގައުމުތަކުން ފެނިފައި ހުރީ ވަރަށް ދެރަގޮތް ގޮތް، ހަގީގަތުގައި މަދަނީ ހަނގުރާމައަކަށް ވެސް ބަދަލުވެގެން ދޭ،" ޒަކީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަނެއްބައި ގައުމުތަކުގައި ޑިމޮކްރަސީގައި މީހެއްގެ ހައްގު ނުލިބުމުން އެމީހާ "ބިމުގެ އަޑިއަށް،" ދާ ކަމަށެވެ. އަދި އެފަދަ މީހުން ކުރާނީ ނުރައްކާތެރި ޓެރަރިޒަމްގެ ހަރަކާތްތައް ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.
"ބައެއް ފަހަރު ގައުމުތަކުގައި މީހެއްގެ ހައްގު ނުލިބުނީމަ އެމީހާ ދާނީ 'އަންޑަ ގްރައުންޑަށް' އަންޑަގްރައުންޑަށް، ގޮސްގެން ދެން އެހިންގާ ހަރަކާތްތަތަކީ އަދި އޭގެ ސަބަބުން ގައުމަށް މާބޮޑެތި ނުރައްކާ ހުރި ހަރަކާތްތަކެއް، އެއީ ޓެރަރިސްޓް ހަރަކާތްތަކެކޭ ވެސް ބުނެވިދާނެ،" ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބީ އަވަސް ހައްލަކަށް ބޭނުންވެފައި ކަމަށާއި ސިޔާސީ ލީޑަރުން، ރައްޔިތުންނަށް އެ ހައްލު ހޯއްދަވައިދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ޒަކީ ގޮވާލެއްވި އެވެ.