26 Dec 2021, 16:20
ވޮޝިންޓަން (ޑިސެމްބަރު 26): އެމެރިކާގެ ކަންކޮޅުތަކުގައި ކްރިސްމަސްގެ އިހުތިފާލްތަކާއި ޕާޓީތައް ބާއްވައި ގިނަ ބަޔަކު އުފަލާއި މަޖާކުރަމުން އަދި މީރު ކެއުންތަކާއި ބުއިންތަކުން އިސްރާފު ކުރަމުން ގެންދާއިރު އެމެރިކާ ރައްޔިތުންގެ 21 މިލިއަން މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ހާލަތުގައި ކަމަށް އެގައުމުން ބުނެފިއެވެ.
އެމެރިކާގެ ތަފާސްހިސާބުތަކާބެހޭ ފެޑްރަލް އިދާރާ "ޔުނައިޓެޑް ސްޓޭޓްސް ސެންސަސް ބިއުރޯ" ބުނިގޮތުގައި އެމެރިކާގައި އަހަރުން އަހަރަށް ފަގީރުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މިގޮތުން މި ޑިސެމްބަރު މަހުގެ ތެރޭގައި އެމެރިކާގައި ފަގީރުންގެ ގޮތުގައި 21 މިލިއަން މީހުން ތިބިކަމަށް އެ ބިއުރޯ އިން ނެރުނު ރިޕޯޓެއް ބުނެއެވެ.
އެމެރިކާގައި ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލަކު ތިންފަހަރު ކެއުމަށް ބޭނުންވާ ކާބޯތަކެތި ލިބޭ ވަރަށްވުރެ ފަގީރު ހާލަތުގައި އުޅޭމީހުންނަށެވެ. ނުވަތަ ތިންފަހަރު ކާނެ ތަކެތި އަމިއްލައަށް ހޯދޭވަރަށް އާމްދަނީ ނުލިބޭ މީހުންނަށެވެ. ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ޚާއްސަކޮށް ކުދި ވިޔަފާރިތަކަށް އައިސްފައިވަނީ އެމެރިކާގެ ތާރީޚުގައިވެސް ނާންނަފަދަ ހީނަރު ކަމެކެވެ. މި ހީނަރުކަމާ ގުޅިގެން އެތައް މިލިއަން ބަޔަކުވަނީ ފަގީރުކަމުގެ ތެރެއަށް ވެއްޓިފައެވެ.

އެމެރިކާގެ ފަގީރުން އަދި ގެދޮރުނެތް މީހުން މަގުމަތީގައި ނިދަނީ
ގިނަބަޔަކު ފަގީރުންގެ ލިސްޓަށް އެރީ ކޮވިޑް އާ ގުޅިގެން އިގްތިސާދު ނެގެހެއްޓުމަށް ސަރުކާރުން ބޮޑެތި ވިޔަފާރިތަކަށް އެތައް ބިލިއަން ޑޮލަރެއް ލޯންގެ ގޮތުގައި ދިންނަމަވެސް ވަޒީފާގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އޭގެ ތެރެއިން ވަރަށް ކުޑަކުޑަ މިންވަރެއް މެނުވީ ނުލިބުމުންނެވެ.
އެމެރިކާއަކީ ފަގީރުންނަށް ސަބްސިޑީ ދިނުމުގެ އުސޫލު ނޯންނަ ގައުމަކަށްވެފައި ފަގީރުންނަށް ބޭސްކުރެވޭނެ ސިއްހަތާބެހޭ ނިޒާމެއްވެސް ނޯންނަ ގައުމަކަށްވުމަކީ ފަގީރުންގެ ވޭނާއި ކެކުޅުންތައް އިތުރަށް ބޮޑުވެގެންދާ ކަމެކެވެ. މީގެއިތުރުން ކޮވިޑް އާ ގުޅިގެން އެމެރިކާގެ ސްޓޭޓްތަކުގައި ކާބޯތަކެތީގެ އަގުތައްވެސް އިންތިހާއަށް ބޮޑުވެގެން ދިޔުމަކީވެސް މީހުން އިތުރަށް ފަގީރުވެގެން ދިޔަކަމެކެވެ.
ކޮވިޑް އާ ގުޅިގެން ފަގީރުވާ ފަރާތްތަކަށް ލުއިދިނުމަށް އެމެރިކާ ސަރުކާރުން ހިންގި މައިގަނޑު ޕްރޮގްރާމަކީ ޗައިލްޑް ޓެކްސް ކްރެޑިޓް ނަމަކަށް ކިޔާ ޓެކްސް އިން ލުއިދިނުމުގެ ޕްރޮގްރާމެކެވެ. މިއީ އާމްދަނީ ކުޑަކޮށް ލިބޭ އާއިލާތަކުގެ ވިޔަފާރިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ގެ ބޮޑުބައެއް އުނިކޮށްދިނުމުގެ ޕްރޮގްރާމެކެވެ. ޓެކްސްގެ ބޮޑުބައެއް އުނިކުރުމުން އެއާއިލާތަކަށް މާލީގޮތުން ލުއިލިބޭނެތީއެވެ. މި ޕްރޮގްރާމުގެ ދަށުން ޓެކްސް ލުއިތައް ދެނީ 18 އަހަރު ނުފުރޭ ކުދިން ތިބޭ އާއިލާތަކަށެވެ. މިޕްރޮގްރާމް އިތުރަށް ކުރިޔަށްގެންދިޔުމުގެ ހުއްދަ އެމެރިކާ ސަރުކާރަށް ދިނުމަށް ސެނެޓުންވަނީ ފަސްޖެހިފައެވެ.
ކޮވިޑްގެ ސަބަބުން ފަގީރުވި އާއިލާތަކަށް އެމެރިކާ ގެ މައި ސަރުކާރުން 2020 ގައި ފައިސާގެ ލުއި އެހީއެއް ދިނެވެ. އެއަށްފަހު އެފަދަ ޕްރޮގްރާމެއް އެމެރިކާގައި ހިންގާފައި ނުވުމުގެ ސަބަބުން ފަގީރުންވަނީ އިތުރަށް ފަގީރުވެފައެވެ. އެމެރިކާގައި ފަގީރުންނަށް އެހީވަނީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުންނާ އަދި ބައެއް ކުންފުނިތަކުންނާއި މުއްސަނދި ބައެއް މަހުޖަނުންނެވެ.
މިފަދަ ފަރާތްތަކުންވެސް ފަގީރުންނަށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ކާބޯތަކެއްޗާއި އަންނައުނެވެ. އެމެރިކާގައި ފަގީރުންގެ އަދަދު ގިނަވަމުންދާއިރު މުއްސަނދިން ދަނީ އިތުރަށް މުއްސަނދިވަމުންނެވެ. ކޮވިޑް އާ ގުޅިގެން އެމެރިކާގައި އެތަށް ހާސް ކުންފުނިތަކެއް އިނދަޖެހި އިފްލާސް ވެފައިވާއިރު އަނެއްބައި ކުންފުނިތައްވަނީ އިންތިހާއަށް މުއްސަނދިވެފައެވެ.