އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށް އަދާލަތު ޕާޓީން ބުނެފައިވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ބަޔާނެއް ނެރެފިއެވެ.

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް އެއްވެސް ގައުމަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ނުވާ ހިނދު، އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބި ކަމަށް ނިންމާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ހަމައެހެންމެ ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާ ގުޅިގެން ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެފަރާތަށް ވެސް ފައިދާ ލިބޭ ކަންކަން ކަން ޖޭޕީން ފާހަގަކުރިއެވެ. އެ ޕާޓީން އިތުރަށް ބުނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވާ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ އިދިކޮޅުން ވަކި މަގުސަދުތަކެއް ހާސިލްކުރުމަށް ހިންގާ ސިޔާސީ ކެމްޕެއިނެއްގެ ގޮތުގައި ޖޭޕީން ވަނީ ސިފަކޮށްފައެވެ.

"އަދި އަމުދުން މިފަދަ ބޭނުމަކު ހަތިޔާރު ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ މިލިޓަރީ ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާ ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއްވެސްމެ. އެހެން ކަމުން އިންޑިއާ މިލިޓަރީ އައުޓް ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތް،" ޖޭޕީން ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖެ އަކީ ގުދުރަތީ ވަސީލަތްތައް މަދު، ބޭރުގެ އިމްޕޯޓުގެ މައްޗަށް ވަރަށްބޮޑަށް ބަރޯސާ ވާން ޖެހޭ ގައުމަކަށްވާ އިރު، ބޭރު ދުނިޔެއާ ވީހާވެސް އޮމާން އަމާން ގުޅުމެއް ގާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ޖޭޕީން ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެހެންމެ އިންޑިއާ އައުޓޭ ގޮވުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވެވޭ އިހުމާލެއް ކަން ފާހަގަކޮށް، ޖޭޕީން ބުނީ އިދިކޮޅުން ކުރިއަށްގެންދާ ކެމްޕެއިނުތަކުގެ ސަބަބުން ދިވެހި ގައުމަށް ދިގު މުއްދަތަކަށް ގެއްލުންތަކެއް ފޯރާނެ ކަމަށާއި އެއީ ޖުމްހޫރީ ޕާޓީން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވާއިރު އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ނެރެފައެވެ.