25 Dec 2021, 21:40
އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް)ގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލުމަަށްފަހު މަހުމޫދު އެއްލައިލައިފައި އޮއްވާ ފެނުނީ ވަޅެއްގެ ތެރެއިންނެވެ. އަދި ފެނުނުއިރު އޭނާގެ ފަޔަށާއި ބޮލަށް ގޯންޏެއް މަހައިފައިވާއިރު ވަޅަށް ވައްޓައިލައިފައި އޮތީ ބޯކޮޅު ވަތަށެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ސާލިމް އެކަންޏެވެ. އޭނާއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުރި ބިދޭސީއެކެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
އެ މައްސަލައިގެ ޝަރީއަތް މާދަމާ 10:30ގައި ފެށުމަށް ތާވަލްކޮށްފައިވާއިރު, މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއެވެ.
މަހުމޫދު މަރާލީ އޭނާގެ އަތުން ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ސާލިމް، މަހުމޫދު މަރާލީ އޭނާ ދިރިއުޅޭ "ނެދުންގެ"އަށް ގެންދިއުމަށް ފަހުގައެވެ. އޭނާ ވަނީ މަހުމޫދު އެގެއަށް ގެންގޮސް ފައިސާއަށް އެދިފައެވެ. އަދި ފައިސާ ނުދިނުމުން ހިނގި ހަމަނުޖެހުމެއްގައި މަހުމޫދު މަރާލީ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.
މަހުމޫދުގެ ގައިގެ އެތަން މިތަނަށް ސާލިމް ވަނީ ވަޅި ހަރާފައެވެ. އަދި މަހުމޫދު މަރާލުމަށްފަހު ސާލިމް ވަނީ މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް އަރުވާފައެވެ. އަދި އޭނާ ދިރިއުޅޭ ނެދުންގޭގެ ބިއްދޮށުގައި ހުންނަ ފަޅުގޭގެ ވަޅުތެރެއަށް މަހުމޫދު ވައްޓާލީ ފާރުމަތިން މަހުމޫދު ބޭރަށް ވައްޓާލުމަށްފަހު ނަގައިގަނެގެން ގެންގޮހެވެ. މި ހުރިހާ ކަމެއްގައި ވެސް ސާލިމް ފިޔަވާ އިތުރު މީހަކު ޝާމިލު ނުވާކަން ތަހުގީގަށް އެނގިފައިވެއެވެ.