25 Dec 2021, 20:07
އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އިދިކޮޅު ޕްރިގްރެސިވް ކޯލިޝަނުން "އިންޑިއާ އައުޓް" ހަރަކާތް މެކުހަށް ޖަހައި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި އަދި މާލޭގައި ބާއްވާ ހަރަކާތްތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އަދާލަތު ޕާޓީން ވަނީ އިންޑިއާ އަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ގައުމެއްކަމަށް ބުނެފައެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި އިތުރަށް ބުނީ މިހާރު ސްޓެރެޓެޖިކް ދާއިރާތަކުން ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަކަށް ދެމިގެންދާނެ އަދި ދެ ގައުމުގެ މެދުގައިވާ ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްކަތަކީ ސިޔާސީ މަގުސަދެއްގައި ކުރައްވަމުންގެންދަވާ މަސައްކަތެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"މިހާރު ހިންގަމުންދާ ބައެއް ކަންކަމަކީ ޚުދު ރައީސް ޔާމީނުގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންކަމުގައި ވީއިރު، އެ މަނިކުފާނު މިހާރު ކުރއްވަމުންގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާއި ކުޅުއްވައިގެން ހިންގަވަމުން ގެންދަވާ ނޭއްގާނީ އަމެލެކެވެ." އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަމަށް ފުރުސަތު ނުދޭނެކަމަށްވެސް އަދާލަތު ޕާޓީން ބުނެއެެވެ.
ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގްވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެ ގަތުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމަށާއި ދިވެހިން މި އެދޭ ތަރައްގީ ހޯދުމަށް އަވަށްޓެރި ގައުމުތަކުގެ އިތުރުން ހެޔޮ އެދޭ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަމުން އަންނަ އިންޑިއާ އައުޓް ހަރަކާތަކީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި މި ހަރަކާތް ހުއްޓުވުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ކޯލިޝަނުން އަންނަނީ ގޮވުމުންނެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ކުރީގެ ރައީސް ޔާމީން ބައިވެރި ވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް ސިފަކޮށް ރައީސް ޔާމީނަށް އަންނަނީ ކޯލިޝަންގެ މެންބަރުން ފާޑުކިޔަމުންނެވެ.