ލ. ގަމު، މުކުރިމަގު އަވަށުގައި މިދިޔަ ހޯމަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު ކޯމާއެއްގައި އޮތް ކުޑަކުއްޖާ މިރޭ މަރުވެއްޖެ އެވެ.

ހަ އަހަރުގެ ގަމު މުކުރިމަގު، މަގުކޮޅުގޭ މީޝަމް އަބޫބަކުރު މަރުވީ އޭނާގެ ބޮލަށާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް ލިބުނު ވަރަށް ބޮޑަތި ޒަހަމްތަކަކަށް އައިޗީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިރޭ 10:00 ޖަހާ އެހާކަށް ހާއިރު އެވެ. އެ ހޮސްޕިޓަލުންވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް މީޝަމް އާ ގުޅޭ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން ނުދިނެވެ.

އެކްސިޑެންޓަށް ފަހު ކޯމާގައި އޮތް މީޝަމް މާލެ ގެނައީ އިއްޔެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގީ ސިނާއީ ބޮޑުމަގުން އާދަޔާ ހިލާފަށް ބާރު ސްޕީޓެއްގައި ދުއްވާފައި އައި ސައިކަލެއްގައި މީޝަމް ޖެހިގެން ކަމަށެވެ. އެ ވަގުތު އެ ސައިކަލް ދެމީހަކު ތިއްބެވެ. އެދެމީހުންނަށް ސީރިއަސް އަނިޔާއެއްނުވެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.