25 Dec 2021, 13:47
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާއެކު އެ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ވެސް ވާދަ ކުރަން ނިންމައިފިއެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ، އެމްޓީޑީ އިން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ، އެ ޕާޓީގެ މެންބަރުންނަށް އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00އާ ހަމައަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.
އެހެންކަމުން އެމްޓީޑީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަ ކުރަން ބޭނުންވާ އެންމެހާ މެންބަރުން އެ ޕާޓީގެ އީމެއިލް،[email protected]އަށް މެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީ މެންބަރު، ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މިހާތަނަށް ވަނީ އެމްޓީޑީގެ އިތުރުން ތިން ޕާޓީ އަކުން ވާދަ ކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީއާ ޕީޕީއެމް އަދި އެމްއެންޕީއެވެ.