25 Dec 2021, 02:57
ބުރުޒުމަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ވެއްޖެއެވެ.
މިރޭ 1:30 ހާއިރި އަލިފާން ރޯވެފައިވަނީ ބުރުޒުމަގުގައި ހުރި އެސްބީ މާޓް ނަމަކަށް ކިޔާ ފިހާރައިގައެވެ.
އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔަކު ބުނީ، އެ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިންކަމަށެވެ.
"ފިހާރަ ތެރޭގައި ވަރަށް ބޮޑަށް އަލިފާން ހިފާފައި ހުއްޓާ މި ފެނުނީ. ދެން މިތާ ތިބި މީހުންނާއި ފަހުން ފުލުހުން ވެސް އައިސް ހުރިހާ ސައިކަލްތަކެއް ވެސް އެއްފަރާތްކުރީ،" އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ކިޔައިދިނެވެ.
ބުރުޒުމަގުގައި ހުރި ފިހާރައިގައި އަލިފާން ރޯވެފައި --- ސަން ފޮޓޯ
ފަޔާ ޓީމުން އެ ސަރަހައްދަށް އައިއިރު ތިން ބުރި އިމާރާތުގެ އެންމެ ތިރީގައި ހުރި ފިހާރަ ހުރީ ބަންދުކޮށްފައި ކަމަށް އޭނާ ކިޔައިދިނެވެ. އަދި އަލިފާން ނިއްވާ ޓީމު ފިހާރަތެރެއަށް ވަނީ ބިއްލޫރުގަނޑު ތަޅާލުމަށްފަހުގައެވެ.
ގިނަ އަދަދެއްގެ މުދަލާއެކު ހުރި އެ ފިހާރައިގައި ރޯވި އަލިފާންގަނޑު ފަޔާ އެންޑް ރެސްކިއު ޓީމުން ނިއްވާލާފައިވާއިރު މުދަލަށާއި އެ ތަނަށް ވަނީ ގެއްލުންތަކެއް ވެފައެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު އެނގޭ ގޮތް ވަނީ ނުވެފައެވެ.