07 Mar 2012, 22:53
ފެބުރުއަރީ އަށްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރެއްވި މުޒާހަރާގައި އެކަށީގެންނުވާ މިންވަރަށް ފުލުހުން ބާރުގެ ބޭނުން ކުރިކަމަށް އެއްބަސްވެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދިޓީވީން މިރޭ ގެނެސްދިން އެމަނިކުފާނުގެއިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ މިދިޔަ މަހުގެ އަށްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ކުރެއްވި މުޒާހަރާގައި ފުލުހުން އެކަށީގެން ނުވާމިންވަރަށް ބާރުގެ ބޭނުން ކުރިކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އެކަމާއި ގުޅިގެން ފުލުހުންނާއި ބައްދަލުކޮށް ގާނޫނުތަކާއި، އަދި އިންސާނީ ހައްގުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް ދަންނަވާފައި ވާނެކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުވެސް އެއްބަސްވަން އެ ދުވަހު ބާރުގެ ބޭނުންކުރުމުގައި އަޅުގަނޑުމެން އެދޭވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކުރެވުނުކަމަށް އަޅުގަނޑު އެއްބަސްވަން. އެކަމުގައި އަޅުގަނޑުމެން ވަނީ ފުލުހުންނަށް ދަންނަވާފަ، އަޅުގަނޑުމެން ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޚާއްސަކޮށް އިންސާނީ ހައްގުތަކާއި އެއްގޮތްވާގޮތުގެ މަތިން އެބޭފުޅުންގެ އަމަލުތައް ބެހެއްޓެވުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ ކުރީ ދުވަހަކީ ދިވެހި ތާރީޚުގައި ވެސް މިހާތަނަށް ފުލުހުންނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެވުނު ދުވަސްކަމަށާއި ފުލުހުންނަށް އެގޮތަށް އަމަލު ކުރެވުނީ އެ ދުވަހު ފުލުހުންނަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ފުލުހުންގެ ހިތްތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ވަގުތަކާއި އެ މުޒާހަރާ އާއި ދިމާވުމުން ކަމަށް ވެސް ހަނދާން ކުރަންޖެހޭނެ ކަމަށެވެ.
"އެބޭފުޅުންގެ ދިފާއުގައި އެއްޗެއް ދަންނަވަނީކީ ނޫން އެހެންނަމަވެސް ވިސްނާ ވަޑައިގަންނަވަން ވާނެ އޭގެ ކުރީ ދުވަހަކީ ފުލުހުންނަށް މިހާތަނަށް ދިވެހި ތާރީޚުގައި ވެސް ފުލުހުންނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެވުނު ދުވަސް. އޭގެ ސަބަބުން ފުލުހުންގެ ހިތްތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައި ހުރި ވަގުތަކާއި އެކަމާއި ދިމާވީ. އެހެންވީމާ އެކަންވެސް ޖެހޭނެ ހަނދާން ކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނަށް ވިސްނި ވަޑައިގެނެވި ގޮތުގައި އެ މުޒާހަރާ ކުރި ވަގުތަކީ ދުނިޔޭގެ ގިނަ ނޫސްވެރިން މާލޭގައި ހަރަކާތްތެރިވި ދުވަހެއް ކަމަށްވެފައި އެމްޑީޕީން ވެސް ބޭނުންވީ "މަންޒަރުތަކެއް ދުނިޔެއަށް ދައްކާލަން،" ކަމަށާއި ފުލުހުންނަށް އެ ދުވަހު އެކަން ނުވިސްނުނީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެދުވަހު ފުލުހުންގެ އަމަލުތައް ބެހެއްޓި އިރުގައި "ފޮޓޯއަށް ވަރަށް ވިޔާނުދާ މަންޒަރުތަކެއް ފެނިގެން ދިޔަ" ކަމަށެވެ.
ރައީސް ވިދާޅުވީ އެކަށީގެންނުވާ މިންވަރަށް ފުލުހުން އެދުވަހު ބާރުގެ ބޭނުންކުރި އިރު ބައެއް މީހުންނަށް "ކުދި ހާނިއްކަ" ވިކަމަށާއި ނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުންވާވަރުގެ ކަމެއް ނުވާކަމަށެވެ.
ފުލުހުން ބާރުގެ ބޭނުން ކުރިގޮތުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ފުރާނައަށް ގެއްލުން ވެފައިވާކަމަށް ބުނެ ވާހަކަތަކެއް ދެކެވެން ފެށުނުކަމަށާއި އެމަނިކުފާނު އެކަން ސާފުކުރި ކުރުމުގައި އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ.
"ދެން ކޮންމެވެސް ބަޔަކަށް ކުދި ހާނިއްކަވެސް ވި. އެހެންނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުންވާވަރުގެ ކަމެއް ނޫވޭ. އެމްޑީޕީގެ ޗެއާޕާސަން އޭނާގެ ފުރާނަފުޅަށް ގެއްލުންވާތީ އެހެންވެގެން އަޅުގަނޑާއި ހަމަޔަށް ވެސް އެ މައްސަލަ އައި. އެހެންނަމަވެސް ފަހުން އަޅުގަނޑު އެކަން ސާފުކުރި އިރުގައި އެއީ ހަމަބޮޑު ދޮގެއްކަމަށް ވަނީ،" ރައީސް ޑ. ވަހީދު ވިދާޅުވި އެވެ.
އެ ދުވަހުގެ މުޒާހަރާ ކުރުމުގެ ކުރިން އެ ދުވަހު އެމްޑީޕީން ނުކުތީ ތަންތަން ރޯކޮށް ތަންތަން ހަލާކުކުރުމަށް ކަމަށް މައުލޫމާތު ލިބުނު ކަމަށާއި އެ މުޒާހަރާ ހުއްޓުވަން ފުލުހުންނަށް މަޖުބޫރުވީ އެ ސަބަބައްޓަކައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނުގޮތުގައި އެ ދުވަހު އެމީހުން ނުކުތީ ތަންތަން ރޯކުރުމަށް، ތަންތަން ހަލާކު ކުރުމަށް. އެހެންވީމަ ފުލުހުންނަށް އެކަން ހުއްޓުވުމަށް މަޖުބޫރުވީ،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.