"އާ އަހަރު ބިސްމީގެ ބަރަކާތުންފަށާ އަދި ކުރުސި ކިޔަވާ މާތްﷲއާއި ރަސޫލާއަށް ކިޔަމަންގަނެ ރަގަޅު މުސްލިމަކަށްވުމަށް އަޒުމް ކަނޑަ އަޅާ އާޚިރަތަށް ދަތުރު ހަދާށެވެ. ދާއިމީ މަންޒިލަކީ މި ދުނިޔެއެއްނޫނެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިއްޖެއްޔާ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. ހަޔާތް ކުރުވެފައި ވަގުތުދަނީ އަވަސްކަމާއެކުގައެވެ. ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުން ދެ ދުނިޔޭގެ ނަސީބުވެރިން ކަމުގައިވާނެއެވެ."

***

ރަދްވާ މާ ވަރަކަށް ރީތިވެލައިގެން ކޮޓަރިން ނުކުތްއިރު މުޅި ހިސާބުގައި އަގުބޮޑު ސެންޓެއްގެ ވަސް ހިފާލާފައިވިއެވެ. އަލާޔާ ހީކުރީ ޕާޓީއަކަށް ދާން އުޅެނީކަމުގައެވެ.

"ރުގުޔާ ކުރާ ކުއްޖާ އެބަ އާދޭ...."

"އޯ......" އަލާޔާއަށް ބުނެވުނެވެ."ފިރިހެނެއްތަ؟"

"ހަހަހަ ސާބަހޭ އަލާޔާ. ކޮންފަދަ ސޯލިހު ވިސްނުމެއް ތިހިރީ. ފިރިހެނަކު ރުގުޔާ ކުރަން އަންނާނެހެން ހިޔެއްނުވޭ. މަގޭ މަންމަ އޯވާޕްރޮޓެކްޓިވް މީހެއް ވީމަ އެވަރު ބަލާނެ.މަންމަ ގުޅާފައި ބުނީ މިރޭ އިޝާއަށްފަހު ރާގީއެއް އަންނާނެއޭ. ފެންވަރާ ސެންޓްޖަހާ ރީތިވެގެންނޭ އަބަދުވެސް ރަދޫ ހުންނަނީ............."ރަދުވާ ދުރަށް ބަލަމުން ވާހަކަދެއްކިގޮތުން އަލާޔާއަށް ވިސްނިއްޖެއެވެ. ރަދްވާ އެހެދީ މަރު ދޮގެކެވެ. އެލޮލުން ސާފުކޮށް އޭނައަށް އެކަން އެނގުނެވެ.

"އެންމެ ރަގަޅު. މަވެސް މިދަނީ ދެން ހަނާ ނިންދަވަން އިނގޭ. ފީ އަމާނިﷲ..."

އަލާޔާ ކޮޓަރިއަށް ވަދެ ހަނާ ނިންދަވަން އުޅެގަތެވެ. ޝަހާދަތާއި ކުރުސި ކިޔަން ވާނެކަމުގައި ބުނެލީ މިދުވަސްކޮޅު ދީނާއިމެދު އުފެދެންފެށި ޝައުގެއްގެ ބޮޑުކަމުންނެވެ. މަހާފަދަ ފަހަރިއަކު ހުރުމުން ރަގަޅު އަސަރުކުރަން ފެށީ ކަމަށް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް ހިދާޔަތުގެ އަލިކަން ލިބުމުން އެ އަލީގައި ކުރިއަށް ދާންފެށުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ހިތާމަތަކާއި މަލާމާތާއި ކުރިމަތިލުމުގެ ހިތްވަރު ލިބުނެވެ.

ގޭގެ ބެލް އަޅައިލިއަޑު ފަނި ފަކުސައާއި ރޭގަނޑުގެ ހިމޭންކަން މުގުރާލައިފިއެވެ. އަލާޔާގެ ހިތުގައި އެ ރާގީ ދެކެލުމުގެ ޝައުގު އުފެދުނެވެ. ރަދްވާގެ ލޯބިވެރިޔާއާއި ބައްދަލުކުރަންވެގެން އޮޅުވާލާފައި ރުގުޔާ ކުރާ މީހެކޭ ބުނީކީ ނޫންބާވައެވެ. ކަންތައްތައް ހޯދާ ބެލުމުގެ ޝައުގު ކުޑައިރުއްސުރެ ހުންނަ އަލާޔާއަށް ކެތްނުކުރެވިގެން ސިއްރު ސިއްރުން ކުޑަދޮރު ހުޅުވާލައިގެން ބަލަން ހުރެވުނެވެ. ރަދްވާ ހުޅުވައިލި ދޮރުން އެތެރެއަށް ވަން މީހާ ފެނުމާއެކު އަނގައިގާ އަތް އަޅައިލެވުނެވެ.

"އައިމަލް.......އަގްގް...ސީރިޔަސްލީ..މީނަ ހަމަ އެންމެނަށް ރުގުޔާ ކުރަން އިޝްތިހާރުކޮށްގެން މިއުޅެނީ؟ ރަދްވާ އެހާވަރުން ފުރައިގެން މިއައީ މި އައިމަލް ގާތަށް ރުގުޔާ ކުރުވަން..............މިދެމީހުން ގަންނަ ގަނޑެއްވެސް ބަލަން ޖެހޭނެ. އައިމަލް އަންގާވެސް ނުލާ މިހިރީ އައިސްފަ. މަށަށް ގުޅާވެސް ނުލި. ގޭގައި ނެތީމަވެސް ކިހާ ވަރިހަމަ......ނުދެނެހުއްޓާ ހަފްތާއެއް ވެގެން މިދިޔައީ..އަވަހަށް އެގެއަށް ދާންވީކަން ނޭގޭ. ރަދްވާ އަހަރެން މިގޭގައި ހުރި ވާހަކަ ބުނެފިއްޔާ އައިމަލް ހުޝިޔާރުވާނެކަން ނޭގޭ..އެކަމަކު އަހަރެން ރަދްވާ ގާތު ބުނިން ދޯ އެއްވެސް މީހެއްގެ ކައިރީ ނުކިޔާށޭ. ލެޓްސްސީ...."

އަލާޔާ ބަލަން ހުއްޓާ ދެމީހުން އެކީ ސިޑިން މައްޗަށް އަރައިގެންގޮސް ނިވާވިއެވެ.

އައިމަލް "ރުގުޔާ"ކޮށްފައި ގެއަށް ދާ ގަޑިވެސް ބަލަން ޖެހޭނެއެވެ.

ހަގީގަތުގައި އޭނަ ރުގުޔާ ކުރަނީހެއްޔެވެ؟ މިއީ ދީނުގައި މިކަން އޮންނަންވާނެ ގޮތްކަމަކަށް އަލާޔާގެ ހިތް ގަބޫލެއް ނުކުރިއެވެ. ހިލޭ ފިރިހެނަކާއި އަންހެނަކު ރޭގަނޑު އެކަނިމާ އެކަނި ކޮޓަރިއެއްގައި ތިބުމުން ތިންވަނަ މީހަކަށް ޝައިތާނާ އިންނާނެކަމާއިމެދު ޝައްކެއްނެތެވެ. ސަމަރު ޖަވާހިރެއްކަމަށް ހީކޮށް އޭނަގެ އަތުން ޖަހައިގަތީ ވެލިފުކެއް ކަން ޔަގީނޭ ހިތަށް އަރާފައި ނުބައިގޮތަކަށް ހެވިއްޖެއެވެ. އަލާޔާ ހެދުންތައް ޕެކްކުރާން ހުރިއިރުވެސް ހަމަ ހެވެނީއެވެ.

އަލާޔާ ދޭތެރެއަކުން ބަލައިލާއިރުވެސް ގޭތެރެ ފެންނަނީ ހިމޭންކޮށެވެ. އައިމަލް އެގެއިން ނިކުމެގެން ދިޔައީ ދިހައެއް ޖަހާ ބޮޑުވީފަހުންނެވެ.

***

ރަދްވާއަށް އަލާޔާ ފެނުނީ ދަބަސް ހިފައިގެން ދޮރުމަތީގައި ހުއްޓައެވެ.

"ގުޑް މޯނިން އަލާޔާ ޑާލިން...." ރަދްވާ އުފަލުން ހުރިވަރުން އައިސް އޭނަގެ ގައިގާ ބައްދައިގަނެވުނެވެ. އޭނައަށް ރަދްވާގެ ނިދާހެދުމުން އައިމަލްގެ ސެންޓްވަސް ދުވީ ޝައްކުވީވަރުން ކަމެއް ނޫނީ ހެދުމުގައި އެވަސް ހިފާފައި ހުރުމުން ކަމެއް ނޭގުނެވެ.

"ރޭގައި ރުގުޔާ ކުރީމަ ކިހިނެއްވީ؟ ކާކު އައީ؟ ރަގަޅުތަ"

"އާލިމާ ކިޔާ ކުއްޖެކޯ. ހޫމް އޭނަ ކިޔަވާފައި ތެޔޮ މަސާޖުކޮށްލަދިނީމަ ރޭގައި ޖިންނީގެ އުދަގުލެއްނުޖެހޭ. ވަރަށް އަރާމުކޮށް ނިދައިލެވުނު.."ރަދްވާ ތުއިވެލިއެވެ.

"ކޮންތާކު؟" އަލާޔާ ބޯ ހޫރައިގަތެވެ.

"ނުބައިކަން ބޮޑު ކުއްޖެއްނު. ބޯ މަސާޖުކޮށްދިނީ......" ރަދުވާ އަށް ހެވުނެވެ.

އަންހެންކުދިންގެ މޮޔަކަމާއިމެދު އަލާޔާ ހައިރާންވިއެވެ. އޭނަވެސް އޭގެ ތެރޭ ހިމެނުނީތީ ލަދުގަތެވެ. އެކަމަކު އިންސާނުންގެ ތަބީއަތުގައި ހުންނަ ބަލިކަށިކަމެވެ. ރީތި ފިރިހެނުންނަށް ހެއްލެނީއެވެ. އަލާޔާއަށްވެސް އަމިއްލަ ދެލޮލުން އެމީހަކު ނުފެނުނުނަމަ ރަދްވާގެ ވާހަކަތައް ގަބޫލުކުރެވުނީހެވެ.

"ސުބުހާނަﷲ. މަ އަދި ބުނަން ވެގެންނޭ މިހިރީ.މިހާ އަވަހަށް ޕެކްކޮށްލައިގެން މިދަނީ މިގޭގައި ހުންނަން ބިރުން. ތި ރުގުޔާ ކުރީމަ ޖިންނި ރަދޫ ދޫކޮށް މަށާއި އަވަލައިފި..އާލިމާ ގާތު ބުނޭ މިރޭ މަށަށް ރުގުޔާކޮށް ތެޔޮ ވަށާލަދޭށޭ..."އަލާޔާ ހީލައިގެން ހުރިލެއް ލޯބިކަމުން އޭނަގެ ހިތުގައިވީ އެއްޗެއް ރަދްވާއަކަށް ރޭކާ ނުލިއެވެ.

އައިމަލްގެ ނުބައިކަމާއެކުގައި އަދިވެސް ހިތް އެދެނީ އައިމަލް އެންމެންގެ އަތުން ކާމިޔާބު ކުރުމަށެވެ. އައިމަލް އޭނައަށްޓަކާ ރަގަޅުވެގެން އޭނަގެ މީހަކަށް ވެ އާދޭސްކުރާނެ ދުވަހަކަށް މިހާރު އެބަ އިންތިޒާރުކުރެވެއެވެ. ހެޔޮވިސްނުން އައުމުން އައިމަލް ކުރެވުނު މޮޔަ ކަންތަކާއިމެދު ހިތާމަކުރާނެ ދުވަހެއް އަންނާނެއެވެ.

"ވަރަށް ބިޒީއޯ ބުނީ. އޭނަގެ ޝެޑިއުލް އިން މަށަށް ލިބެނީ ހަފްތާއަކު ދެރޭ. ޑޯންޓްވޮރީ ޑާލިން. އަމީލާއަށްވުރެ ރަގަޅު އެހެން ރާގީއެއް ހޯދަދޭނަން"

"އައި ތޯޓް ހާރ ނޭމް ވޯޒް އާލިމާ..." އަލާޔާ އަނގަ ތަންމިނަށް ހުޅުވައިލިއެވެ. އެހެން ޖުމްލަތައް އަލާޔާގެ ހިތުގައި ވިޔަސް ދުލުން ބޭރު ނުކުރީ އަދި ރަދްވާއަށް އޭނަގެ މަކަރުވެރިކަން އެނގޭކަން އަންގަން ބޭނުން ނުވުމުންނެވެ. އޭނަ ހިތާހިތުން ރަދްވާއަށް އެއްޗެހި ކިޔައިގަތެވެ."ރަދްވާ ޑާލިން. ދޮގު ހަދަންޏާ ސިކުނޑި ގާނައިގެންވެސް ތޫނުކޮށްބަލަ. ޝާޕް މައިންޑެއް ބޭނުންވާނެ ދޮގުހަދަން. މެމަރީގައި ހުރިހާ ދޮގުތައް ރައްކާކުރަން ސްޕޭސްވެސް ބޭނުންވާނެ.."

"އުދަގޫ ނަމެއްވީމަ.."

"އޯކޭ. މިހިރީ ކާރަކަށް ގުޅައިގެން. އެމީލިއާ ގާތުގައި މަ މިގޭގައި ހުރި ވާހަކަ ބުނިންތަ." އަލާޔާ ގަސްތުގައި އަދި މުޅިން އެހެން ނަމަކުން އެ ބުނާ "ރާގީ"އަށް ނަމެއް ދިނެވެ.

"ނުބުނަން. ޓްރަސްޓްމީ......"

އަލާޔާ ހާ ރީތި އަންހެންކުއްޖަކު އައިމަލްއަށް ތައާރަފުކޮށްދޭން އޭނައަކީ މޮޔައެއް ހެއްޔެވެ؟ރަދްވާވެސް ނުބައި ގޮތަކަށް ހީލިއެވެ.

***

އަލާޔާ ހަނާގެ އަތުގައި ހިފައިގެން ދަބަސް ދަމަމުން ގޮސް ދޮރު ހުޅުވައިލިއިރު އައިމަލް ހެދުނު ހޭލިގޮތަށް ޕިޖާމާގައި ހުރިއިރު އެލޮލުގައި ތާއަބަދު ހުންނަ ކަންނެތް ކަމެވެ. އަތުގައި ހުރި ކޮފީތަށީގެ މީރުވަސް ތަނުގައި ހިފާލާފައިވިއެވެ. ހަނާގެ ކުޑަ އަތްތިލައިން އަލާޔާގެ އަތަށް ބާރުކޮށްލިކަން އޭނައަށް އެނގުނެވެ.

"އައްސަލާމް އަލައިކުމް..ކޮންފަދަ އިއްތިފާގެއް. ހުރިކަން ނޭގި އައީމަ ލިބުނު ސަޕްރައިޒުން އުފަލުންގޮސް އުދުހިގަނެވުނުހެން ހީވި....." އަލާޔާ އައިމަލްގެ ގައިގާ ބައްދައިގަންނަން އަތް ފުޅާކޮށްލިއެވެ. އައިމަލް ފަހަތަށް ޖެހުނެވެ.

"ކޮންތަނަކުން ތިއައީ؟ ރަށަށް ދިޔައީ ކަމަށް ހީކުރީ..."އައިމަލްގެ ފަރުވާކުޑަ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ. ހަމަ ރަގަޅު ޝައިތާނެކެވެ. ވެމްޕަޔާ ޑައިރީސްގައި ކްލައުސް ކުޅުނު ރޯލާއި ވާދައަށް ކަން ނޭގެއެވެ. ސަލާމްވެސް ބަލައިނުގަތީއެވެ. އަޅުވެރިއަކަށް ހެދިގެން އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން އުޅޭއިރު ދީނީކަން ފުޅެއް ހުރީއެއްނޫނެވެ.

"އޯޓަމް ވިއުގައި ހުރީ..." އަލާޔާގެ ޖުމްލައިން އައިމަލް ސިހުނެވެ. އަލާޔާއަށް އެ ސިކުންތުކޮޅު ރީތިކޮށް ނަގައިގަނެވުނެވެ.

"ހާސްނުވޭ. އެގޭ މަތީބައިގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ ކުއްޖަކު ހުރީމަ އެކަނިއެއް ނޫނޭ ހުރީ. ނޫންކަމަށް ހެދިގެން ހުއްޓަސް ހަމަ ކޮންސާން އެބަވޭ ދޯ ހެހެ.....ތޭންކްސް ތިހާ ކެއާ ކުރީމަ. މިއަދު އަންނާނެހެން ހީވާތީ ގެއަށް އަންނަންވެގެން ރޭ ތަންކޮޅެއް އަވަހަށް ނިދީ. ވާރޭ ބޯކަމުން އަރާމުކޮށް ނިދައިލެވުނު...." އަލާޔާއަށް އައިމަލް ކަންބޮޑުވުން ގުޅުނީ ކޮންކަމަކާއިކަން އެނގޭތީ ވަގުން ހަދާހެން އައިމަލްއާއި ބައިވެގެން އެ ފޮރުވަން ފަސް އެޅުމުގައި ބައިވެރިވިއެވެ. އައިމަލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

"ކޮބާ ޕެރިހުގެ މަޝްހޫރު މެކަރޯން. ގެނައިންތަ؟ އެ ކާ ހިތުން ކުޅު ދިޔާވެގެން ހުވަފެނުގައިވެސް އެ ނޫން އެއްޗެއް މިދުވަސްކޮޅު ނުފެނޭ...." އަލާޔާ ސޯފާގައި އިށީނެވެ. އޭނަގެ "އެކްޓް"ގެ މޮޅުކަމާއިމެދު އަމިއްލަ ނަފުސަށް ތައުރީފުކުރިއެވެ. ސުބުހާނަﷲއެވެ. އެކަމަކު އެންމެންގެ މަކަރުވެރިކަމާއެވެ. އިޚުލާސްތެރިކަމާއި އިހުސާންތެރިކަމުގެ ލެކްޗާ އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުމެގެން ދަނީއެވެ. ތިމާ ހެއްދެވި ފަރާތަށްވެސް މަކަރުހެދެނީއެވެ.

ސަމަރު ކޮޓަރިތެރެއިން ބޯ ދިއްކޮށްލީ ނިދި މޫނަކާއެވެ. ނިދަން ލާ ހަރުވާޅާއި ޓީޝާޓަކާއެކު އިސްތަށިގަނޑު ހާވާލައިގެން ހުރިއިރުވެސް މޭކަޕްކޮށްގެންނެވެ. ނިދަން އަރަނީވެސް މޭކަޕް ނުފިލުވާކަން ޔަގީނެވެ.

"މޯނިން ހަނާ....." ސަމަރު އަށް އަލާޔާ ހަމަ ނުފެނުނީކަން ނޭގެއެވެ.

"ހެލޯ.މަވެސް އެބައިނީމޭ. މިއިނީ ވެނިޝިން ކްރީމް ބިލިގާއަކަށް އެރިފައެއްނޫނޭ..........ސަމަރު ޑާލިން ކިހިނެއް ޓްރިޕް....ފޮޓޯތައްވެސް ދެކުނިން. ޕެރިސް ހާދަ ސަޅިއޭ.........." އަލާޔާ ރަދުވާ ގާތުން ދަސްކުރީ ކޮންމެހެން ލޯބިން ނޫނަސް ކޮންމެހެން ގާތް މީހަކަށް ނުވިޔަސް "ޑާލިން" ކިޔައިގެން ވާހަކަދެއްކޭނެ ކަމެވެ."ސާކޭސްޓިކް"ގެ އެހެން ވައްތަރެއްކަމަށް ވެދާނެއެވެ.

ސަމަރުވެސް އަނގަޔަށް ގޮތެއް ހަދައިލީ އަލާޔާގެ ހިތް އޭނައަށް ކިޔަން އެނގިގެންކަން ޔަގީނެވެ. އަލާޔާގެ ހަސަދަވެރިކަން ފޮރުވަން އާ އުކުޅެއްކަން އެނގުމުން ހިނިވެސް އައެވެ.

"ފޮޓޯއަކުން އަދި ހަގީގަތެއް ނޭގޭނެ. އިޓް ކެން ޑިސީވް ހަމަ..އެކަމަކު ތެދަށް ބުނަންޏާ އެއީ މަގޭ ފޭވަރިޓް ޕްލޭސް...އަދި ހަނީ އާއެކު ދެވުނީމަ ދޯ ބޭބީ...." ސަމަރު އައިމަލްއާއި ދެމީހުންގެ ސަމާސާއަކަށްފަހު ސަމަރު އެތެރެއަށް ވަދެ ގެއްލުނެވެ. ހަގީގަތުގައި މިފަހަރު އަލާޔާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނަގެ ހިތުގައި މިދެމީހުންނަށްޓަކާ އުފެދުނު ފޫހިކަން އިތުރުވާންފެށީ އޭނަވެސް އުއްމީދު ނުކޮށް ހުއްޓައެވެ.

އިރުގަނޑެއްފަހުން ސަމަރު ތާޒާވެލާ ރީތިވެގެން ދައްކައިލިއިރު ބުޅި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައެވެ. އެވީ ކުޑަވަގުތުކޮޅުވެސް ލޮލުގައި އަނދުން އަޅާފައި ލޮލުގެ ދެފަރާތުން ކޫރު ދަމާފައެވެ. ކޮންފަދަ "ނަގުލީ" މޫނެއްހެއްޔެވެ؟

އައިމަލްއާއި ސަމަރު ސައި ބޮއިގެން ނުކުތްތަނާ އަލާޔާވެސް ހަނާ ގޮވައިގެން ސައިދޭން ވަނެވެ. ފްރިޖް ހުޅުވާފައި ހަނާ ނެގީ މެކަރޯން ފޮށްޓެކެވެ. އެފޮށި ހުޅުވައިލިއިރު އެކިކުލައިގެ ބިސްކޯދު ރީތިކޮށް އަތުރާފައި ހުރިތަން ފެނުމުން ހަނާ އެކަތި ނެގިއެވެ.

"ހަނާ........ޑޯންޓް..." ސަމަރު އައިގޮތަށް އެ ބިސްކޯދު އަތުލިއެވެ. ހަނާގެ މޫނަށް ވެރިވި ކުލަވަރާއި ލޮލުގައި ވިދި ކަރުނަތައް ފެނި ސަމަރުގެ ހިތްވެސް މަޑުވިކަން ނޭގެއެވެ. އެބިސްކޯދު ދީފައި އެފޮށި އަތުލިއެވެ."މިއީ މަންމި ފްރެންޑުންނަށް ދޭން ގެނައި ގިފްޓެއް އިނގޭ......ސޮރީ ލަވް. ނެކްސްޓް ޓައިމް..."

އަލާޔާއަށް ނުދީ ކާންވުމުން ހަނާ އެބިސްކޯދު ކާކަށް ބޭނުން ނުވިއެވެ. ސަމަރު އެތަނުން ނުކުތުމާއެކު ހަނާ ބިސްކޯދު ދޭން އުޅުނީ އޭނަގެ މަންމައަށެވެ.

"ހަނާއަށް މީރެއްނޫން...."

"ހަނާ......މަންމަ ވަރަށް ހިތްހަމަނުޖެހޭ. ކީއްވެކަން އެނގޭތަ؟މަންމައަށް ހަނާއަށް މި ބިސްކޯދު މީރުކަން އެނގޭ އެކަމަކު ދަރިފުޅު ދޮގެއް ތިހެދީ. ދޮގުހަދާކުދިން ސުވަރުގެއަށް ނުވަންނާނެ. މަންމަ ވަރަށް ދެރަވާނެ ދަރިފުޅު ދޮގުހެދީމަ. ދޮގުހަދާކުދިން ދެކެ އެއްވެސް މީހަކު ލޯތްބެއްނުވާނެ....." އަލާޔާގެ ފަރާތުން ދޮގުހެދުން ދަރިފުޅަށް ވާރުތަވެދާނެކަމުގެ ބިރާއެކު ދަރިފުޅުގެ އަތުގައި ހިފަހައްޓަމުން އެކުއްޖާއާއި ހިސާބަށް ތިރިވިއެވެ. ކޯތާފަތުގައި މަޑުމަޑުން ފިރުމައިލިއެވެ.

"ސޮރީ މަންމާ..ދެން ދޮގެއް ނުބުނާނަން.."

"އެހެންވިއްޔާ ބިސްކޯދު ކާލާ...."

"ނޫން."ހަނާ ދެކޮޅުހެދިއެވެ. ހައްލާލައިގެން އެ ބިސްކޯދު ކާންދޭން އުޅުމުންވެސް ހަނާގެ ގޮތްދޫނުކުރުމާއި ބޮޑާކަން ދައްކައިގެން ބިމަށް ވެއްޓިގަނެގެން އުޅެނިކޮށް އައިމަލް ދޮރުމައްޗަށް އެރިއެވެ. ހަނާގެ ހަޅޭއްލުމާއި ބޮޑާހޭކުން ވަގުތުން ހުއްޓި ލޯބޮޑުކޮށްލަމުން ވަގުތުން އިނގިލި އަނގައިގާ ޖެހިއެވެ.ކަރުނުން ފުރިފައިވާ ލޮލާއެކު ފެންނަނީ ނިކަން މައުސޫމްކޮށެވެ. އައިމަލް ސުވާލުކުރުމުން އަލާޔާ ރުޅިއަންނަގޮތްވިއެވެ.

"ކިހިނެއްވަނީ؟"

ހަނާ ބިރުގެންފައިހުރި ވަރަކީ ވަގުތުން އޭނަގެ މަންމަގެ އަތުގައި އޮތް މެކަރޯން އަތުލައިގެން ކާންފެށުމެވެ.

ހަނާ ހުރުމުން އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓަސް އޭނަގެ ހިތުގައި އައިމަލްއާއިމެދު އޮތްހާ ރުޅިވެރިކަމެއް ބަންޑުންކޮށްލަން އޭނަ މިހުންނަނީ ވަގުތަކަށް ބަލަބަލައެވެ. އައިމަލްއާއި ކައިވެނިކުރި މަގުސަދު ހާސިލުނުވެ އޭނަގެ ބަދުނާމުވެ ނިކަމެތިކުރާއިރު އޭނަ ކެތްކޮށްލައިގެން މިހުންނަނީ އެހެން ގޮތެއް ނެތިގެނެއް ނޫނެވެ. އަދި އޭނަ އައިމަލްގެ ދިރިއުޅުމުން ދުރަށް ދާނެއެވެ. އެދުވަހަކުން އައިމަލް ހިތާމަކުރާނެއެވެ. އައިމަލް ނިކުންނާން ހިނގައިގަތުމުން ތުންފިތައިގެން ހުރި ހަނާ މަންމައަށް ބަލައިލީ ޝަކުވާއިން ފުރިގެންވާ ނަޒަރަކުންނެވެ.

އަލާޔާގެ ހިތަށް ތަދުވިއެވެ. ދަރިފުޅުގެ ހިތުގެ ހާލަތު ދެނެގަނެވުނެވެ. އައިމަލްއާއި އެކު ސަމަރުއަށްވެސް އޭނަގެ ހިތް މާފެއް ނުދޭނެއެވެ. ހަނާއާއި ދޭތެރޭ އަނިޔާވެރިވާތީއެވެ. މެކަރޯންކެވޭނީ ސަމަރުއަށް އެކަންޏެއްނޫނެވެ. އިރާދަކުރެއްވިއްޔާ އޭނައަށް އަދި އެދުވަސް ފެންނާނެއެވެ. އަނިޔާ ލިބިފައިވާ މީހުންގެ ދުޢާ އިޖާބަވާ ކަމަށް އޮތުމުން އެއީ ލިބުނު ހިތްހަމަޖެހުމެކެވެ.

އިރުގަނޑެއްނުވެ މެސެޖެއް އައުމުން ބަލައިލިއިރު މަހާއެވެ. ހެދުނުގެ ޒިކުރުކުރަން ހަނދާންކޮށްދީފައެވެ. ޔޫކޭއާއި ރާއްޖޭގެ ގަޑި ތަފާތުވުމުން ތަންކޮޅެއް ލަހުން ބުނެވުނީއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަދުމަކުޅައުމުންނެވެ. ޒިކުރުކުރުމާއި ގުރުއާން ކިޔެވުން އަދި ނަމާދުކުރުމުން ޔަގީނުންވެސް އެކަނިވެރިވެ ހުސްވެފައިވާ ހިތަށް އަމާންކަމާއި ހަމަޖެހުން ލިބިދޭނެއެވެ. އެއީ ރަހުމާންވަންތަ ރަހީމްވަންތަ ފަރާތްކަމަށްވާހިނދު އަޅުތަކުން ދެކެ އެންމެ ލޯބިވެ ވޮޑިގެންވަނީވެސް އެފަރާތެވެ. އޭނަ އެފަރާތަށްވުރެ އެހެން މީހުންދެކެ ލޯބިވަނީ އޭނަގެ ނުވިސްނޭ ހިތުގެ މޮޔަކަމުންނެވެ.

***

ސަލާރުއާއި އޭނަގެ އަޖައިބެއްފަދަ ނުގުޅޭ ގްރޫޕްގަނޑު އެމީހުން އެއްވާ ގަސްދަށުގައި ކަޅުސައި ބޯން ތިބި މަންޒަރު އަލާޔާ ބަލަން ހުރީ ފާރުގައި ހުރި ބާކޮޅަކުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި ބަންގާޅުކުދިންނާއި ސަލާރުފަދަ ޒުވާނަކު ގުޅިގެން އުޅުމަކީ އަޖައިބެކެވެ. ގުޑުގުޑާ ބޮއި ވޭޕްކުރާ ހިތުން ކަމަށް ވެދާނެއެވެ. އެކަމަކު ސަލާރު ގުޑުގުޑާގައި އަތެއްނުލައެވެ. އެމީހުންގެ ސަމާސާއާއި ހުނުމުގައި ބައިވެރިވެފައި ލަވައެއް ކިޔާދޭން އެދުމުން އަރަބި މަދަހެއް ފެށުމުން އިވެމުން ދިޔަ ޖަނަވާރާއި ދޫނިތައް އަދި ފަނިފަކުސައިގެ އަޑުވެސް ކެނޑުނެވެ. ދުނިޔޭގައި ޖެހެމުން ދިޔަ ވައިވެސް ހުއްޓުނުފަދަ އިހުސާސެއް ކުރެވި އޭނަގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ.

އެ ލޯބި ހަފްލާ ނިންމާލާފައިއެކި މީހުން އެކި ދިމާލަށް ހިނގައިގަތްއިރު ސަލާރު ގެ މިސްރާބު ހުރީ މޫދާއި ދިމާލަށެވެ. ކަންފަތުގައި ހެޑްސެޓް އަޅައިގެންނެވެ. އަލާޔާއަށް ސަލާރުގެ ފަހަތުން ދެވުނީ އޭނަ އާއި ވާހަކަދައްކާލާ ހިތުންނެވެ. ސަލާރުގެ ފަހަތުންގޮސް ކުއްލިއަކަށް ހެޑްސެޓް ދަމައިގެންފާ ކަންފަތުގައި އެޅިއިރު ކަންފަތުގައި ޖެހުނީ ގުރުއާނުގެ މޫރިތި އަޑެވެ.

"ޝޮކިން....." އަލާޔާއަށް ބުނެވުނެވެ.

"ކީއްވެ ކޮންމެ މީހަކު ތިހެން ބުނަނީ؟ސަބޫރުވެސް ކިރިޔާ ފެއިންޓް ނުވީ....އަހަރެންވެސް އެހާ ނުބައި މީހެއްނޫނޭ. މުސްލިމެއް ވިއްޔާ ގުރުއާން އަޑުއަހަން ޖެހޭނެކަމަށް ހީކުރީ......"

"އެހެނެއްނޫން. މި ގާރީގެ އަޑު ރީތިކަމުން. މިއީ ކާކުތަ؟"

"މިޝަރީ ކަން ނޭގޭ ކިޔަނީ..."

"އަހަރެންވެސް އެހާ އަޅުވެރިއެއްނޫން. އެކަމަކު ގުރުއާން ދަސްކޮށްފިން......ހމްމްމް. އަދި ރަގަޅަކަށް ނޫން މިބުނެވުނީ....ދަސްކުރަން ކިރިޔާ ފެށީ." ސަލާރު "އިމްޕްރެސް"ކުރަން ނޫނީ ހިތް އަތުލަން ދޮގު ހެދުމުގެ މާނައެއްނެތެވެ. އޭނަގެ ހުރި ގޮތުގައި ސަލާރު އޭނައާއި ގުޅުނެވެ. ވަކިވީ އަލާޔާއެވެ. އެވެސް ޑޮކްޓަރ އައިމަލްފަދަ މީހަކަށް ބޭނުންވެ ފަޚުރާއި އިއްޒަތުގެ ބޭނުމުގައެވެ.

"ވާއު......"ސަލާރުގެ ނަޒަރުގައި ތައުރީފާއި ގަދަރުވިއެވެ.

"ގުރުއާން ދަސްކުރުމުން އަހުލުވެރިންގެ ތެރެއިން އަށްޑިހަ މީހުން ގޮވައިގެން ސުވަރުގެ ދެވޭނެ......."

"މައި ބޭޑް ލަކް..ޗާންސް ކެޓީ ދޯ........."ސަލާރު ދެރަވިއެވެ.

"އެކަމަކު ގިޔާމަތް ދުވަހު ﷲ ގެ ހަޟުރަތަށް އެންމެ ކުރިން ގެންދެވޭ މީހުންގެ ތެރޭ ގުރުއާން ދަސްކުރި މީހުން ހިމެނޭ. މީހުންނަށް އެކަން އަންގަން. ދެއްކުންތެރިކަމުގެ ގޮތުން އެކަން ކުރުމުން އެ އަމަލު ގަބޫލެއްނުކުރައްވާނެ.....އަހަރެންވެސް ފެށީ އެހެން މީހުންނަށް އަންގަން. އެކަމަކު ހަގީގަތް އެނގުމުން ބޭނުންވަނީ ހަމައެކަނި ހެއްދެވިފަރާތާއި އަހަންނާއި ދެމެދު އޮތް ސިއްރެއްގެ ގޮތުގައި ބާއްވަން......"

"އެކަމަކު ދެންމެ ތިންވަނަ މީހަކަށް ތިހެދީ މަ...."

"ޑެވިލްއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެ.."އަލާޔާ ހީގަތެވެ.

"ހާދަ ބާރެކޭ ތިދިނީ...."ސަލާރު އެއްލޯ މަރައިލިއެވެ. އެ ގަޑީގައި އެ ލޯ ފެނުމުން އަލާޔާއަށް ކަމުދިޔަވަރުން ދުރުބަލައިލަން ބޭނުމެއްނުވިއެވެ.

"އާޒީން ބުނީތީ އަހަރެންވެސް ސިއްރެއް ޝެއާ ކޮށްފާނަން. އަހަރެންވެސް އަރަބި ބަސް ދަސްކުރަން ފަށައިފިން..ކޮންމެވެސް ދުވަހަކުން އިނގިރޭސި އަދި އަރަބި ބަހުން މަދަހަ ކިޔަވަންވެސް އެނގިދާނެކަމަށް ދޯ......"

ސަލާރު އަދިވެސް އޭނައަށް މިކިޔަނީ "އާޒީން"ގެ ނަމުންނެވެ. އޭނަ އެ މާޒީ ވަޅުލާފައިވަނިކޮށް ސަލާރު އަނބުރާ އެ ހަނދާންތައް ގެނުވައިފިއެވެ. އެ ނަން ސަލާރުއަށް ޚާއްސަވެފައިވާތީ ތަފާތު އުފަލެއް ލިބުނެވެ.

"ފެމިލީއާއި އަނެއްކާ މައްސަލަ ޖެހޭނެއްނު."

"ފެމިލީ އަބަދު ޗޫޒް ކުރުމުގެ ބަދަލުގައި އަމިއްލަ ހިތުގެ ހަމަޖެހުމާއި އަމާންކަމަށް މަސައްކަތްކޮށްފާނެ ދުވަހެއް އަތުވެދާނެ. އެދުވަހެއްގެ ވާހަކަ މިބުނީ. މިފަހަރު މިދަނީ އެންމެން ރުއްސަން. "ސަލާރުގެ ވާހަކަތަކުން އަލާޔާ ކަންބޮޑުވިއެވެ. ސަލާރު ފަހުން ދުވަހަކުން "ހައްދުފަހަނަޅާ"ދާން ވިސްނަނީބާވައެވެ.

ސަލާރުގެފަން އިސްތަށިކޮޅު ވަޔާއިއެކު ވިހުރެމުންދާއިރު ލޮލާއި މޫނަށްވެސް ގޯނާކުރަމުން އޭނަ ދޭތެރެއަކުން އަތުން ރީތިކޮށްލައެވެ. ކަޅު ޓީޝާޓަކާއި ކަޅު ޖިންސެއްގައި ހުރުމުން އަލާޔާއަށް އެކަން ފާހަގަވިއެވެ. އަބަދު ކަޅު އެއްޗެހި ލައިގެން ހުރުމުން ސުވާލުކުރުމާއެކު ސަލާރު ބުނީ ޝައިތާނާގެ ކުލައަކީ ކަޅުކުލަ ކަމުގައެވެ. ދެމީހުން އެކީގައި އިރުއޮއްސޭ މަންޒަރު ބަލާ އެކި ވާހަކަތަކުގައި ދުވަސްވީ އެކުވެރިން ފަދައިން ވަގުތު ހޭދަކުރިއެވެ.

"މިއުޅެނީ ބޭރަށް ފުރަން. އެމެރިކާގެ އެކުވެރިންތަކެއްގެ ދައުވަތު ލިބުނީ. މަންމަ ލައިކްވީވަރުން މަޖުބޫރުވީ. ފެމިލީއިން ދެކެނީ އެގޮތަށް ޝޯ ދީ މަޝްހޫރުވުމުން ކަމަށް ހެޕިނެސް ހޯދޭނީ......"ސަލާރުގެ ޖުމްލައިން އަލާޔާއަށް ހުއްޓުން އެރިއެވެ. ހަމަ ސަލާރު ފުރަނީހެއްޔެވެ؟

"މިރަށު ބުޅާތަކާއި އެއްޗެހި ބަލިވީމަ ކާކު އަޅާލާނީ؟" އަލާޔާ ލޯ ބޮޑުކޮށްލިއެވެ.

"އެމެރިކާގައި ހުއްޓަސް އެ މަސައްކަތް ހުއްޓައެއްނުލާނަން. ޑޯންޓް ވޮރީ. މަގޭ ޗެނެލް ބަލަންވާނެ އިނގޭ. މިއުޒިކާއި އެއްވަރަށް ކްލިނިކް ވީޑިއޯވެސް ލާނަން......." ސަލާރުއާއި އަލާޔާއަށް އިރުކޮޅެއްވާންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބެވުނުއިރު އަލާޔާ ފެންކަޅިވާގޮތްވިއެވެ. ސަލާރުގެ ވަކިވުމާއިމެދު ހިތަށް މިހާ އަސަރު ކުރި ސަބަބެއް ނުވެސް ވިސްނުނެވެ.

"އަހަރެން ހަނާއަށް ގިފްޓެއްދޭން ބޭނުން. އަލާޔާ ފޫހިވިޔަސް އެކްސެޕްޓްކުރައްޗޭ..އަލާޔާއަށްވެސް އިންނާނެ ހަދިޔާއެއް........." ސަލާރު ގެ ޖުމްލައިން އަލާޔާއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ސަލާރުގެ ހަނދާނަކަށް ހިތާއި ދެކޮޅަށްވެސް އެއްބަސް ވެވުނެވެ.

މިހާރު އަލާޔާގެ ހިތުގައި ގަދަރާއި އިއްޒަތެއްވެއެވެ. އެކަމަކު އެއީ އެންމެ ރަގަޅުގޮތް ހެއްޔެވެ؟ މިއުޒިކް ކުޅުންތެރިއަކަށްވީމަ މޮޅުވީއެވެ. އެކަމަކު އެވެސް ދީނުގައި ހުއްދަކަމަކަށް ނުވެއެވެ. ޖަނަވާރަށް ބޭސްކުރާ ޑޮކްޓަރަކަށްވުމަކީ ގައިމު ދީން މަނާކުރާކަމެއް ނޫނެވެ. ހަލާލުގޮތުގައި ފައިސާ ހޯދުމުން ހަޑި މަސައްކަތަކަށްވެ އަބުރުވެރިކަމެއް ނެތް ކަމަށް ބަލައިގެން ނުވާނެއެވެ. އަލާޔާއަށް އެނގުނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ދީނީ ނަޒަރަކުން ދެކެވެންފެށިކަމެވެ. އަމިއްލަ ނަފުސް އިސްލާހުކުރަން މަސައްކަތްކުރަން ފެށުނުކަމެވެ.

***

ސަލާރު ފުރިއިރު އަލާޔާގެ ހިތުން ބަޔެއް ހިފައިގެން ދިޔަކަމުގެ އިހުސާސްވިއެވެ. ސަލާރު މަޝްހޫރުވީމަ ކަމެއް އޭނައަކަށް ނޭގެއެވެ. މޫދަށް ދިޔުމުން ހީވަނީ ސަލާރުއާއި އޭނަގެ އެންމެ ފަހުގެ ބައްދަލުވުން ފެންނަހެންނެވެ. ސަލާރުގެ ހިތްހެޔޮ ހިނިތުންވުމެވެ. އެދުވަސްކޮޅު ފެންނަން ފެށީ ސަލާރުގެ އަގުބޮޑު ރީތި ޓީޝާޓްތަކާއި ޖިންސްތައް ލައިގެން އަބްދަލް ސަލާރުގެ ސައިކަލުގައި އުޅޭ މަންޒަރެވެ. އެހާ ހިތްހެޔޮ މީހުންވެސް ދުނިޔޭގައި އުޅޭހެއްޔެވެ؟ އައިމަލްއާއި ދިމާ އިދިކޮޅެވެ.

އަލާޔާ އާއި ރަދްވާ އަދި ހަނާ މޫދުގެ ދޮންވެލިގަނޑުމަތީގައި ކުއިލްޓް އަޅާލައިގެން ކާ އެއްޗެހި ނަގައިގެން ކެއުމަށް ތައްޔާރުވާން ފެށިއެވެ. އަލާޔާ ރަދްވާއާއި މެދު އެހާ ހިތް ރަގަޅުނޫނަސް ރަދްވާ ދައުވަތުދިނުމުން އައީއެވެ. ރަދްވާގެ ކޮންމެވެސް ވަރެއްގެ ހިތްހެޔޮކަމެއް ހުންނަކަންވެސް ފާހަގަވާތީއެވެ. ހަނާއަށް އައިސްކްރީމް ޗޮކްލެޓް އަދި މެޓާ އެއްޗެއް ދީ އުޅޭއިރު ކުޑަކުދިންދެކެ ލޯބިވާކަން ހަރަކާތްތަކުން އެނގެއެވެ.

"ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް.....މިހުރިހާ ދުވަސްވާންދެން ސިކްރެޓެއް......އެކަމަކު ދެން ނުބުނެ ވާކަށް ނެތް.." ރަދްވާ ބުނެލިއެވެ.

ނުނިމޭ