30 Dec 2021, 08:33
"ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ޒިކުރުކުރުމުން ނުރައްކާތަކާއި ބިރުވެރިކަމުން ، ހަސަދަވެރިންގެ އެސްފީނާއާއި ހަސަދައިން، އަދި ޖިންނި ޝައިތާނުންގެ ކިބައިން ތިބާ ސަލާމަތްކޮށްދޭނެއެވެ."
***
"ނޯރާ....." ނޯރާ ލައިލައި ހުރި ނޭވާވެސް ހުއްޓުމާއެކު އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ. ކައިލްގެ އަޑުން އެނަން ކިޔައިލިގޮތުންނެވެ. ކޮންމެ ފަހަރަކު ކައިލް އޭނަގެ ނަން ކިޔާހިނދު އިހުސާސްކުރެވެނީ ކޮންމެ ފަހަރަކު އޭނައަށް އާ ނަމެއް ދެވޭހެންނެވެ. އަދި އެ ހިތް ތުރުތުރުލައިގަތެވެ. ނޯރާ ހަށަން ބަދެލަމުން އެނބުރުނީ މޫނަށް ތަފާތު ޝުއޫރެއް ގެނެސްފައެވެ.
"ވަޓް؟" ނޯރާގެ ރާގުގައި ހަރުކަށި ގޮތެއްވިއެވެ.
"އިށީދެބަލަ..."
ކައިލްގެ އެދުމަށް ނޯރާއަށްގޮސް ސީޓުގައި އިށީދެވުނުއިރު އަމިއްލަ ނަފުސަށް އެއްވެސް އިޚުތިޔާރެއްނެތެވެ. އޭނަގެ ހިތްވެސް އޭނައަށް ކެހިދިނީއެވެ.
"ބުނަން ބޭނުންވަނީ ކީކޭ؟" ނޯރާ ބުނެލިއެވެ.
"ހިތްހަމަނުޖެހިފައިތަ؟"ކައިލް އެއް ބުމަ އަރުވައިލިއެވެ.
"ނޫން.." ނޯރާ މޭގައި އަތް އަޅާ ބާރުކޮށްލައިގެން އިންއިރު އަމިއްލަ ނަފުސަށް ބާރެއް ނުފޯރުވުނެވެ. އެއްވެސް އިޚުތިޔާރެއްނެތ ހިތް ބަންޑުންކޮށްލެވުނެވެ." ނާޔަލްއަށްވުރެ ބޮޑަށް އަހަރެން އެނގޭނެދޯ. ބައްޕަ ހޯދުމުގައި އެތައް ގަޑިތަކެއް ހޭދަކޮށް ޕޯސްޓަރުތައް ހައްދާ ނުދަންނަ މީހުންނަށް ދާންދެން ބަހާ ހެދިއިރު އެހުރިހާ ކަމެއް އެންމެ ކައިރިން ދެކުނު އެކަކީ ތިއީ. އެހުރިހާ ހާލެއްގައި އުޅުނުއިރު އެ މަންޒަރު ފެންނާނެ. އެކަމަކު އެންމެ ފަހުން ބައްޕަ ފެނުނީމަ އެ ވާހަކަ ނުބުނެވުނު. އަދި ބޭބެ ގާތުގައި ބުނެފައި އަހަންނަށް އެކަން ސިއްރުކުރަން އެދުނީ. އެދުވަހު ހޮސްޕިޓަލަށް އައިއިރު. ރާއްޖެދާން ފުރަން ގާތްވީއިރު އޭރުވެސް ބުނެވިދާނެ....އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރުމުގެ އުއްމީދު އޮތްވާހަކައާއި އެތަނުގައި ބައްޕަ ހުރިއްޔާ ހޯދާނެކަމުގައި...އެތައް މަހެއްވާންދެން އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅުނިން. އެކަމަކު ތި ޓްރީޓްކުރަނީ ހަމަ ބީރައްޓެއްސެއްގެ ގޮތުގައި ނުވެސް ދަންނަކަމުގައި ހެދިގެން ތި އުޅެނީ.........."
ނޯރާއަށް ފުންކޮށް ނޭވާއެއް ލެވުނީ އޭނައަށް ހުރިހާ އެއްޗެއް ދުލުން ބޭރުކުރެވުނުކަން އެނގުމުން ހާސްވެފައެވެ. އެންމެ ރަގަޅެވެ. މިވަގުތު ނޫނީ ދެން ފަހަރެއްގައިވެސް ނުވާނެއެވެ. މޭގައިވާ ހިތަށް ލުޔެއް ލިބޭނީވެސް ހިތުގައިވާ އިހުސާސްތައް ބޭރުކޮށްލައިގެންނެވެ. ކައިލްގެ ރަން މުށިކުލައިގެ ލޯ މިވަގުތުވެސް އޭނަގެ ހިތް ފަތަހަކުރިއެވެ. އަބަދުވެސް ފަދައިންނެވެ. ފުރަތަމަ ދުރު ބަލައިލެވުނީ ނޯރާއަށެވެ. އޭނަގެ ނަޒަރު ހުއްޓުނީ އަނދަމުން ދިޔަ އަލިފާނަށެވެ. ކަރުނުން ފުރިފައިވި ލޮލުންނެވެ.
"އަހަންނަށް އޭރު ޓްރަސްޓް ނުކުރީމެއްނު. އެފެމިލީގެ ވާހަކަ ބުނީމަ އެކަން ގަބޫލެއްނުކުރި. އެމީހުންނާއެކު ދިރިއުޅެން އެގެއަށް ދިޔައީ..."ކައިލް ޖަވާބުދިނެވެ.
"ޔޫ ޑިޑްންޓް ޓްރަސްޓް މީ އީދާ. ތިގޭގައި އަހަރެން އުޅެން ބޭނުންނުވާނެކަން ޔަގީންވާތީ ދިޔައީ...
"އަހަރެން އިތުބާރު ނުކުރިނަމަ މާމައަށް ކެއާ ކުރަން އަދި އަހަރެންގެ ގޭގައި ބަހައްޓަން މޮޔަވީތަ؟ އަހަރެން ނުބުނަން ނޯރާ ގާތު ދާށޭ. މާމަ ނޯރާދެކެ ވަރަށް ލޯބިވި...." ކައިލް އިތުރަށް ބުނެލިއެވެ. އެވާހަކައިން މާޒީގެ އެކި ހަނދާންތައް އަނބުރާ އައެވެ. އެއީ ތެދެކެވެ. ކައިލްގެ މަންމަގެ މަރާއި ބައްޕަގެ ގުޅުމެއް އޮތްކަން އެނގުމުންވެސް ނޯރާ އެގެއިން ދާން ކައިލް ފަހަރެއްގައިވެސް ބުނެފައެއް ނުވެއެވެ. ނޯރާ ދިޔައީ އަމިއްލައަށެވެ. ނޯރާގެ އަމިއްލަ އުއްމީދުތަކާއި ހީކުރުންތަކުގެ ސަބަބުން ހިތް ހަލާކުވެގެންނެވެ.
"އަހަރެން ގާތު މަޑުކުރަން ނޭދުނީ ކީއްވެތަ؟" އެކަމަކު އެ ލަފުޒުތައް ވީ ނޯރާގެ ހިތުގައެވެ. މިހާރު މާ ލަސްވެއްޖެއެވެ. އެހުރިހާކަމެއް ވަނީ މާޒީއާއެކު ގޮސްފައެވެ. ޒާފިރާގެ ނަން ގަތުމުން އޭނަވީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. މިހާ އަވަހަށް ނިދަން ދިޔައީހެއްޔެވެ؟ ނޯރާ އެ ސުވާލުކުރަން އުޅެނިކޮށް ކައިލް ގޮނޑިން ތެދުވުނެވެ.
"މިތާ މަޑުކޮށްލަދެއްޗޭ. ނޯރާގެ އެއްޗެއް އެބައޮތް މާމަގެ ފަރާތުން ލިބުނު....." ކައިލް ތެދުވެގެން ދިޔައީ ނޯރާ ޝައުގުވެރިކުރުވާފައެވެ. އެކަނިވެރިވީ ވަގުތުކޮޅު އޭނަގެ ހިތާއި ސިކުނޑި މަސަލަސްކުރަން މަސައްކަތްކުރިއެވެ. އެންމެ މުހިއްމުކަމަކީ ބައްޕަ ދުނިޔޭގައި ހުރުމާއި ކައިލް ބައްޕަގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. ބައްޕަ އެ މޮޔައިންގެ މަރުކަޒުގައި އެކަނި ދޫކޮށްލެވުނުނަމަ އަދި އެ ބާރުގަދަ ބޭސްތައް ކާންދެވުނުނަމަ މާ ގިނަ ދުވަހަކަށް ބައްޕައަށް ދުނިޔޭގައި ހުރެވޭނެކަމެއް ނޭގެއެވެ. އެހާ ދުވަސްވަންދެން ހިފަހައްޓާލެވުނުކަމީވެސް ކަރާމާތެކެވެ. އެންމެ ކުރިން ނޯރާ ހުރީ ދެރަވެފައެވެ. އެކަމަކު އޭނަ އެތައް ޒަމާނެއްވާންދެން ކުރި އިންތިޒާރުގެ ނިމުން އައުމުން ޒާތީ މައްސަލައެއް އެ އުފަލަށް ހިޔަނި އެޅިޔަ ދީގެން ނުވާނެއެވެ.
އޭނަގެ ބައްޕަ ދުނިޔޭގައި ހުރުމުން އެހެން ހުރިހާކަމަކަށް ފަރުވާލެއްނެތެވެ. ނޯރާއަށް ކައިލްގެ ފިޔަވަޅުތައް އަޑު އިވުނީ އޭނަ ގޮނޑިކައިރީ ހުއްޓިލުމުންނެވެ.
"މިއޮތީ...." ކައިލް ދިއްކޮށްލީ ރީތިކޮށް ބަންދުކޮށްފައިވާ ހަދިޔާ ފޮށްޓެކެވެ.
"އަހަންނަށްތަ؟" ނޯރާގެ މޫނުމަތިން ޝައްކުގެ ކުލަވަރު ފެނުނެވެ. އޭނަ މަޑުމަޑުން އެ ހަދިޔާ ހުޅުވައިލިއިރު ހިތަށް ބަރުކަމެއް އިހުސާސްކުރެވުނެވެ. ޒާފިރާއަށް މި އަމިއްލައަށް ދެވިދާނެ ނޫންހެއްޔެވެ؟ ޒާފިރާގެ ބަދަލުގައި ކައިލް މި ގެނެސްދިނީ ކީއްވެހެއްޔެވެ؟ އޭގައި ހުރި ހަދިޔާއަށް ބަލައިލުމާއެކު އޮއްސިގެން ދިޔަ ހިތަށް ފަހުމްވީ ހަމަ ރަގަޅަށެވެ. އޭގެ ތެރޭގައި އޮތީ އާސާރީ ވައްތަރުޖަހާ ބޯތަށްޓެކެވެ. އެއީ ރާއްޖެއިން ގެނެވުނު ހަދިޔާއެއްކަމަށް ނޯރާއަށް ވިސްނުނެވެ. އަދި ބޮލިތަކެވެ. އެކި ސައިޒްގެ އެކި ކުލަތަކެވެ. ކުދި މުތްތަކެވެ.
"މާމަ......" ނޯރާ އެ ހަދިޔާ ފޮށްޓަށް ބަލަން ހުރެ އެސްފިޔަ ޖަހައިލުމުން ކޯތާފަތަށް ހިޔަނި އެޅުނެވެ. އޭނަ މަޑުމަޑުން ބޮލިތަކުގައި އިނގިލި ޖައްސައިލެވުނެވެ. އޭނަ ކައިލްއަށް ނަޒަރު ހުއްޓައިލީ އޭނައަށް ކުރެވުނީ ކުށްހީއެއްކަން ކައިލް ޔަގީންކޮށްދޭނެ ކަމުގެ އުއްމީދުގައެވެ.
"މާމަ ދެދުވަސްކުރިން އަހަރެމެންނާއި ވަކިވެގެން ހިގައްޖެ. މާމަ ވަޅުލީ މާމަގެ ކުރީގެ ގެ ކައިރީގައި. މާމަ އެންމެ ބޭނުންވާނެ ގޮތަކީ އެއީކަމުގައި ގަބޫލުކުރެވުނީ. މިތަނުގައި ހުރިއިރު ދުވަހަކު ނުވާވަރަށް މާމަ އުފަލުން ހުރީ...."
ނޯރާ އެ ހަދިޔާ ފޮށީގައިވި ކޮންމެ ހަދިޔާއަކަށް ބަލަމުން ދިޔައީ ކަރުނުން ފުރިފައިވާ ލޮލުންނެވެ." މާމަ ކުރީގެ ގެއާއި އެކުވެރިންގެ ވާހަކަ ވަރަށް ގިނައިން ދައްކާ އުޅުނު. އެތަނަށް ވަރަށް ދާހިތުން ހުރީ..."
"ސަފިއްޔާވެސް ހުރިތަ؟"ނޯރާ ކޮންމެވެސް ކަމެއް ހަނދާންވިއެވެ. އެއީ ޒާފިރާ އެންމެ ފަހަރަކު ނަމަވެސް ބައްދަލު ކުރަން ބޭނުންވި ފަރާތެވެ. މާޒީގެ ހަނދާންތަކުގެ ތެރެއިން އެންމެ ގިނައިން ޒާފިރާ ދައްކައި އުޅުނީ އެންމެ ގާތް އެކުވެރިޔާ ސަފިއްޔާގެ ވާހަކަތަކެވެ. ކައިލް ބޯ ޖަހާލާފައި ޖިންސްގެ ޖީބުގައިވި ވޮލެޓުން ނެގީ ތަސްވީރެކެވެ. އެއީ އޭނަގެ ކެމެރާއިން ނެގި ޕޮލަރޮއިޑް ފޮޓޯއެކެވެ. މާމައާއި ސަފިއްޔާ މޫދުގައި އެކީގައި ތިބިތަނެވެ. އޭނަ އެ ތަސްވީރު ނޯރާއަށް ދެއްކުމުން ހިނިތުންވެލިއިރު ނޯރާގެ ކޯތާފަތް މަތިން ތިރިއަށް ދެމިގަތީ ހޫނު ކަރުނައެވެ.
" ވަރަށް އުފަލުންހެން ހީވޭ...." ނޯރާ އެތަސްވީރުގައި ހިފަހައްޓައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ.
"އެކަމަކު....މިއޮތީ މާމަގެ އަނގޮޓި..." ނޯރާ ކުދި ޖަވާހިރުޖެހި އަނގޮޓި ނެގިއެވެ. އެ ކިތަންމެ ކުޑަވިޔަސް އޭގެ ތާރީޚަށް ބަލައިލުމުން އަގު ހުންނާނެވަރު ނޯރާ ދެނެގަތެވެ.
"މާމަ ބޭނުންވީ މި ނޯރާއަށް ދޭން.." ކައިލް ބުނެލިއެވެ." މާމަ އަބަދުވެސް ދެކުނީ ތީ މާމަ ދަރިއެއްގެ ގޮތުގައި.."
"އެކަމަކު." ނޯރާއަށް ކައިލްއާއި ދިމާލަށް ނަޒަރު ހުއްޓައިލެވުނިއިރު ކައިލް ގޮނޑީގައި ލެނގިލައިގެން ލޯ މަރާލައިފިއެވެ. އެހާ ވަރުބަލިވެ ހިތްވަރެއްވެސް ނެތީ އެންމެ ލޯބިވި މާމަ ވަކިވެ ދިޔުމުންނެވެ. އަދި އެހާ ދިގު ދަތުރަކުން އެނބުރިއައުމުގެ އިތުރުން ނޯރާގެ ބައްޕަ އެގޭގައި ހުރުމުންނާއި އެކަންތައްތަކާއި ކައިލް ކުރިމަތިލާންވެސް ޖެހިފައިވިއެވެ. ކައިލްއަށް ނިދުނީ އެހެންވެކަން ނޭގެއެވެ. ކައިލްގެ މޫނަށް ނަޒަރު ހުއްޓިގޮތަށް ދުރު ބަލައިނުލެވުނުއިރު ހިތަށް ދަތިވަމުން ދިޔައެވެ. މާމަ ނިޔާވުމުން ކައިލްއަށް ކުރާނެ އަސަރާއި ދެރަވާނެވަރު އިހުސާސްކުރެވުނެވެ. ހަޔާތުގެ އެންމެ މުހިއްމު ދެ އަންހެނުން ވެލީގެ ދާނުގައި އަބަދަށްޓަކާ ވަޅުލާން ޖެހުނީއެވެ. އޭނަ ކައިލްއަށްޓަކާ ހުންނަން ބޭނުންވިއެވެ. ކައިލްގެ ހިތް ހަމަޖައްސާދޭންވެސް ބޭނުންވިއެވެ. އެކަމަކު ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭނައަކީ ކައިލްގެ އާއިލާއެއްނޫނެވެ. އަންހެނުންވެސް ނޫނެވެ.
ނޯރާ ސީޓުގައި ހަމަޖެހިލައިގެން އިށީދެ އަލިފާން އަނދަމުންދާ މަންޒަރަށް ނަޒަރު ހުއްޓައިލިއެވެ. ފިނި މޫސުމްގެ އެރޭ ހިމޭންކަން ވެރިވެފައިވާ ވަރުން ގުދުރަތީ ރާގެއްހެން އަނދަމުންދާ އަލިފާނުގެ ހިތްގައިމު އަޑު ފިޔަވާ އިތުރު އެއްވެސް އަޑެއް ބަޑެއްނީވެއެވެ. އަނދަމުންދާ އަލިފާނުން އުދަރެހާއި ދިމާލަށް އަރައިގެން ދަނީ ރަންކުލައިގެ ވިދުމެވެ. އޭގެ ރަން އަލީގެ ހުޅުތަކުން ވަށައިގެންވާ މާހައުލު ފެންވަރުވަމުންނެވެ. އޭނަވެސް ބޭނުންވީ އޭނަގެ ހިތުގައިވާ ރިހުންވެސް އެގޮތަށް އަނދާ އަޅިއަށް ވުމަށެވެ.
ނޯރާގެ ބޭބެއާއި މިކާލްގެ އަޑަށް އޭނަ އަވަހަށް ތެދުވުނެވެ.
"ކައިލް. އިސްހާގު ބުނީ ހުރިހާ ކުދިންވެސް ކާން އަންނާށޭ...."މިކާލްގެ ބަރުއަޑުން އެންގިއެވެ. ނޯރާ އަވަހަށް ތުންފަތުގައި އިނގިލި ޖައްސައިލަމުން މިކާލް ހިމޭންކުރުވިއިރު މިކާލްވެސް ކަންތައްބޮޑުކޮށްލާފައި ތުންފިތާ ބާރުކޮށްލިއެވެ. ނޯރާ ރަޖާގަނޑެއް ނަގާފައި އޯގާތެރިކަމާއެކު ކައިލްގެ ގައިމަތީ އަޅާލަދިނެވެ. ނާޔަލްއާއި މިކާލްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އަދި މިކާލް ކޮނޑު އަރުވާލައިފިއެވެ.
ކުއްލިއަކަށް އެދެމީހުން ހައިރާންކޮށް ސިއްސުވައިލީ ނޯރާގެ ތޫލި އަޑު ރޭގަނޑުގެ ހަމަހިމޭންކަން މުގުރައިލުމުންނެވެ. ކައިލްވެސް ހޭލައިގެން ލޯ ހުޅުވާލައިފިއެވެ. އޭރު ނޯރާގޮސް އޭނަގެ ބޭބެގެ އަތުގައި އެލިގަތްއިރު ދެފައި ބިންމައްޗަކު ނުޖެހެއެވެ. ސިމްބާ މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ނޯރާގެ ފައި ކައިރީގައެވެ. އަދި އެ ތޫނު ރީދޫކުލައިގެ ލޮލުން ނޯރާއަށް ބަލައިލިއެވެ. ހައިރާންވެފައިވާ ގޮތަކަށެވެ. މި އިންސާނާ މިހާ ބިރުވެރި ހުތުރު ބަހުރުވައަކުން ހަޅޭއްލަވަނީ ކީއްވެހެއްޔެވެ؟
"އެއީ ކޯނޗެއްތަ؟" ނޯރާ ރޮއިގަތެވެ.
"އެއީ ބުޅަލެކޭ ނޯރާ.." ނާޔަލް ހިނި އައެވެ. އެއާއެކު ނޯރާއަށްވެސް ބުޅަލެއްގެ މޫނު ސިފަވިއެވެ. އަދި އެ ރީދޫ ދެލޯ ކަޅުކަމުގެ ތެރެއިން ވައިގެ ތެރޭ އެލުވިގެން ހުރީ ނޫންކަން އެނގުނެވެ. ހިތް އަވަސްވެފައިވާ ހާލު ނޯރާވެސް އެއީ ޖޯކަކަށް ހަދާފައި ކަންބޮޑުވެފައިވާގޮތަކަށް ހީގަތެވެ. އޭރުވެސް އެ ކަޅު ބުޅަލާއިމެދު އޭނަ ހުރީ ސަމާލުވެގެންނެވެ. ސިމްބާއަށް އޭނަ ހޯދަމުން އައި ފަރާތް ފެނުމާއެކު ފުންމައިގެންގޮސް ކައިލްގެ އަތުތެރޭގައި ހަމަޖެހިލައިފިއެވެ.
"ނޯރާ. ދިޔުމުގެ ކުރިން އިސްހާގު ބައްދަލުކޮށްލަން ބޭނުމޯ....." ކައިލް އެހެން ބުނިއިރުވެސް ނޯރާގެ ނަޒަރު ހުއްޓިފައިވީ ސިމްބާއަށެވެ.
"އެހެން ބުނަން މިއައީ. އިސްހާގު އެދެނީ އެންމެން ކާން އައުމަށް. ރޭގަނޑުގެ ކެއުން ތައްޔާރަށް ހުރީ. ނޯރާގެ ބައްޕަވެސް ގެންނަން މަސައްކަތްކުރައްޗޭ. އިސްހާގު ބުނީ މަހުމޫދުއަށް ދިން އެއްވެސް ކާ އެއްޗެއް ނުކައި ކެއުމާއި ދުރުކަމަށް......."
***
އޮފީހުން ތަންކޮޅެއް އަވަހަށް ގެއަށް އައިކަމުގައި ވިޔަސް އައިޒަކްގެ ތަބީއަތު ރަގަޅެއްނޫނެވެ. ނޯރާ އެއްވެސް ތަނަކުން ނުފެނުނުތާގައި އޭނަގެ މެސެޖަކަށް ޖަވާބުދިނީ އެއްވެސް ނޫނެވެ. އަދި ސާރާގެ އެ މައްސަލައާއިމެދުވެސް އޭނަ ފިކުރުބޮޑުވެއެވެ. ނޯރާ ބުނިފަދައިން ސާރާ އޭނަދެކެ ލޯބިނުވަންޏާ ކައިވެނި ކުރީ ކީއްވެކަން އޮޅުން ފިލުވާހިތުންވެސް ކެތްކުރެވެނީއެއްނޫނެވެ. އައިޒަކް ތިރިއަށް ދިޔައިރު ވިސްނަމުން ދިޔައީ އޭނަގެ އެދުމަށް ހިނގައިލަން ނުދިޔައީތީ ސާރާ އެކަމާއި ހިތާމަކުރާވަރުގެ ލަނޑެއް ދޭންވެގެންނެވެ. އޭނަކަހަލަ މީހަކާއިމެދު އެގޮތަށް އަމަލުކުރަން އެކުއްޖާ ނިންމީ ކީކޭ ހިތަށް އަރައިގެންހެއްޔެވެ؟
ނުލަފާ ޚިޔާލެއް އައުމާއެކު އޭނަގެ ތުންފަތުގެ ކަން ކުޑަކޮށް ހިއްލުނެވެ. ސާރާ ކުރަފިދެކެ ބިރުގަންނަވަރު އޭނަ ދަނެއެވެ. އެއިން އޭނަ ފިލާވަޅެއް ދޭނީއެވެ."ސީރިޔަސްލީ؟ އަހަންނަކީ ދިހަ އަހަރުގެ ކުޑަކުއްޖެއްތަ؟" އައިޒަކް އަމިއްލަ ނަފުސަށް މަލާމާތްކޮށްލީ ކުޑަކުދިންގެ ޕްރޭންކެއް ކުޅެން ހިތަށް އެރުވުނީތީއެވެ. އެކަމަކުވެސް އެގޮތަށް ހަދަން އަޒުމް ކަނޑައެޅިއެވެ. އައިޒަކްގެ ހިނގުމަށް ހުރަސް އަޅައިލީ ކޮންމެވެސް މީހަކު އޭނަގެ ގަމީހުގެ އަތުކުރީގައި ހިފާ ދަމައިގަތުމުންނެވެ. އައިޒަކް ބުމަ އަރުވާލާފައި ކީކޭހެއްޔޭ ބުނާފަދަ ގޮތަކަށް މޫނު ހަދައިލިއެވެ. ސާރާ ދައްކައިލި ގަނޑުކޮޅުގައި އޮތީ " ކާރު ދުއްވާލަން ދަމާ ހިނގާ" އެވެ. އައިޒަކް މޫނު ހަދައިލީ މިފަހަރު އޭނަގެ ރުޅިވެރިކަން ފޮރުވުމެއްނެތިއެވެ. ކުރިން އޭނަ ސާރާގާތު ހިނގައިލަން ދާން އެދުމުން އޭނަގެ ޕްލޭންތައް ތިބިކަމަށް ކިޔާފައި ނުގޮސް ހުރެފައި މިހާރު ލަދެއްނެތި އޭނަގެ ގާތުގައި ދުއްވާލަން ދާން އެބުނީއެވެ. އައިޒަކް ބޯ ހޫރާލާފައި ސާރާގެ އަތް ހެދުމުން ވީއްލުވާލައިފިއެވެ. އޭނަގެ ހެދުމުން ސާރާގެ އިނގިލިތައް ނައްޓުވަން މިނިޓެއްހާއިރު ނެގިއެވެ. ކިތަންމެ ކުޑަކޮށް ހުއްޓަސް އެ މުށުގެ ބާރުގަދައެވެ. ހަށިގަނޑުގެ އެހެން ބައިގެ މަސައްކަތް އިތުރުވަނީ އެކުއްޖާ ބީރުވީމަހެއްޔެވެ؟ އައިޒަކް އެގަޑީގައި ހުރީ ކޮންމެހެން ބޭރަށް ދާކަށް ނޫނެވެ. އެކަމަކު ސާރާއަށް ދައްކަން އޭނަ ގެއިން ނުކުތީއެވެ. އޭރުން ސާރާއަށް ޝޮކެއްލިބި ފިލާވަޅެއްލިބޭނެއެވެ. އޭނަ ރުޅިނާރުވަން ދަސްވާނެ ނޫންހެއްޔެވެ؟ ކުޑަ ޝައުގެއްވެސް ސާރާގެ މައްޗަށް ނެތިހުރެ ރަގަޅުމީހެއް ކަމަށް ހެދިގެން ހުރެހުރެ ވަރުބަލިވެއްޖެއެވެ.
ގޭޓުގެ އަނެއް ފަރާތުގައި ކާރެއް މަޑުކޮށްލާފައި އޮތެވެ.
"ހެލޯ އައިޒަކް..." ޒުވާނަކު ކާރުން ފައިބަމުން ހޫނު ހިނިތުންވުމަކާއެކު ސަލާމްކޮށްލިއެވެ.
"ވަރަށް ދަންނަ ގޮތެއް އެބަހުރި..އޯ......ސާރާގެ ކަޒިން؟" އައިޒަކް އަހައިލުމުން ޔޫނުސް ބޯ ޖަހައިލިއެވެ.
"ސާރާ ގޭގައި އެބައުޅޭތަ؟ ސާރާގެ އެންމެ ފެވެރިޓް ކޭކު ހިފައިގެން މިއައީ....." ޔޫނުސް ކޭކު ފޮށިގަނޑެއް ދައްކައިލިއެވެ."ސާރާގެ މަންމަވެސް އަންނަން ބޭނުންވި އެކަމަކު ބަލިވުމުގެ ސަބަބުން ނާދެވުނީ. އެކަމަކު ސާރާގެ ޕޭރެންޓުންނާއި ނުލާވެސް މިއަދު ވަރަށް އުފާވާނެކަން އެނގޭ...މިހާ ރަގަޅު އާއިލާއަކާއި ފިރިޔެއްލިބުނީމަ. އަހަރެމެން ސާރާއަށްޓަކާ މިއަށްވުރެ އުފަލެއް ނުވާނެ...." ޔޫނުސްގެ ވާހަކަދެއްކުމުގައި މަޑުމައިތިރިކަމެއް ހުރެފައި އަދަބުވެރިކަމާއި އަޚުލާގު ރަގަޅުކަމުން އައިޒަކްއަށް ޔޫނުސް އާއި ސާރާ އެއްގޮތްވިއެވެ." ސާރާ އުފަންދުވަސް ފާހަގަކުރަން ބޭނުންނުވާކަމާއި ބޮޑެތި ޕާޓީތަކާއި ދެކޮޅުކަން އައިޒަކްމެންނަށް އެނގޭނެކަން ޔަގީން. އެކަމަކު އަހަރެމެން އަބަދުވެސް ސާރާއަށް ކޭކު ގެންނަން. އެއީ ފެމިލީ ޓްރެޑިޝަނެއް......"
ވީއިރު މިއަދަކީ ސާރާގެ އުފަންދުވަސްތާއެވެ. އައިޒަކްއަށް އެކަމެއް އެނގިފައެއްނުވިއެވެ.
"އަހަރެންވެސް މިދަނީ ސާރާއަށް ކޭކެއް ގަންނަންވެގެންނޭ. ކޮންފަދަ އިއްތިފާގެއް..." އައިޒަކް ހީގަތެވެ."އަހަރެންވެސް ސާރާއަށް ސަޕްރައިޒެއް ދޭން އުޅުނީ އެކަމަކު ގޭގައި އަބަދު އުޅޭތީ އެކަން އުދަގޫކަމަކަށް ވީ...."
ޔޫނުސް ވަގުތުން އައިޒަކްގެ ރޭވުމަށް އެހީތެރިވެދޭނެކަމަށް ބުނެ ސާރާ ކާރުގައި ބުރެއް ޖަހައިލަން ގެންދާން ނިންމިއެވެ. އޭރުން އެމީހުން އެނބުރި އަންނަންވާއިރަށް ބޭނުން ގޮތަކަށް އައިޒަކް ސަޕްރައިޒްދޭންވީއެވެ. އައިޒަކް ބޭނުންވީ ޔޫނުސްގެ އަތުގައި އޮތް ކޭކު ޖަހައިގެންފާ ސަތޭކަ ފޫޓުދުރަށް ހޫރައިލުމަށެވެ. އޭނަ ނުރުހޭ އަންހެންކުއްޖަކަށް އުފަންދުވަހުގެ ސަޕްރައިޒެއް ދޭގޮތަށް އޭނައަށް ޖެހުނީ ކީއްވެއްހެޔެވެ؟
***
"އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރުވެރިވަން ކައިލް. ބައްޕަގެ ފުރާނަ ސަލާމަތްކޮށްދިނީ ކައިލް. ކޮންމެވެސް ދުވަހަކުން އެކަމުގެ އަގު އަހަރެމެން އަދާކުރަންޖެހޭ....." ނާޔަލް ކައިލްއާއި ސަލާމްކޮށްލަން އަތްދިއްކޮށްލިއިރަށް ނޯރާއަށް ބަލައިލެވުނީ ކައިލްގެ އަންގިނުލައްވާ ހުރި އަތަށެވެ.
"އަހަރެމެންގެ ބައްޕަ މިގޭގައި ބަހައްޓައިދިންކަމަށްޓަކާ ޝުކުރިއްޔާ. މިހާރު ވަރަށް ލަސްވެއްޖެ އަހަރެމެން ގެއަށް ދާންވީ..." ނޯރާ އޭނަގެ ބޭބެގެ އަތުގައި ހިފާ ދަމައިގަތެވެ.
"ބައްޕައަށް ރޭގަނޑުގެ ސަލާމް ނުކުރާނަންތަ؟" ނާޔަލްއާއި ނޯރާ ދާތީ އެންމެން ދޮރުމަތީގައި ތިބެފައި މިކާލް އެހިއެވެ.
"ބައްޕަ ނިދަނީ. އަދިވެސް ބައްޕައަކަށް އަހަރެން ކާކުކަމެއްނޭގޭ. އެކަމަކު ބޭހުގެ އަސަރުކުރަން ފެށީމަ މަޑުމަޑުން ހަނދާންތައް އަންނަން ފަށާނެ."ނޯރާ ހިނިތުންވެލިއެވެ.
"އޮނެސްޓްކޮށް ބުނަންޏާ ވަރަށް ޝުކުރުވެރި......"ނާޔަލް ފެށުމާއެކު ކައިލް ހުއްޓުވިއެވެ.
"ވާވަރަށް ޝުކުރުވެރިވެއްޖައިން...."ކައިލް ބޯޖަހައިލީ އޭނައަށް އެދެޒުވާނުން ޝުކުރުވެރިވީ މިންވަރު އެނގޭކަން އަންގާފަދަ ގޮތަކަށެވެ."އެކަމަކު ނޯރާގެ ބައްޕަ މިގޭގައި ހުރިކަން އެމީހުންނަށް ނާންގާތި......"ކައިލް ނޯރާއަށް ބަލައިލީ މާނަވީ ނަޒަރަކުންނެވެ.
"އެއްވެސް މީހެއްގެ ގާތު ނުބުނާނަމޭ...."ނޯރާ އަވަހަށް ބުނެލިއިރު ހިތަށް ތަދުވެއްޖެއެވެ. ހަގީގަތުގައިވެސް ވިންޓަރފެލްއާއިލާ އާއިމެދު ޝައްކުވާކަމަށް ބުނެފައި އޮތްވާ އެގޭގައި ދިރިއުޅެން ދިޔުމުން އޭނައަކީ ބޭވަފާތެރިއެއްކަމަށް ކައިލް ދެކެނީހެއްޔެވެ؟
"ގުޑްނައިޓް ނޯރާ...." ކައިލް ނޯރާއާއި ނަޒަރު ސީދާކޮށްލިއެވެ. ނޯރާގެ މޫނު ރަތްވިއެވެ. ކައިލްގެ އެ ނަޒަރު......އެހާ ފިނިކޮށް އޭނައާއިމެދު އަމަލު ބެހެއްޓުމަށްފަހުގައިވެސް އެންމެ ލަފުޒަކުން ނޯރާގެ އުއްމީދު އާކޮށްދެނީ ކީއްވެހެއްޔެވެ؟ ކައިލް އެނބުރިފައި ގޭތެރެއަށް މިސްރާބުޖެހިއެވެ. ސިމްބާ ކައިލްގެ ކޮނޑުމަތީގައި އޮތްއިރު އެ ރީދޫ ލޮލުގައިވަނީ ޝައްކެވެ. އޭނަ ދާދިއަަވަހަށް ކައިވެނިކުރަން އުޅޭއިރު އެގޮތަށް އުއްމީދު އިތުރުކުރުވުމުގެ ބޭނުމެއް ނޭގުނެވެ.
***
ނޯރާ ނާޔަލްގެ ކާރުން ފޭބީ އޭނަގެ ނަފުސް ސަމާލުވުމަށް އެތައް އިރެއްވާންދެން އިނދެލާފައެވެ. ވިންޓަރފެލް އާއިލާއިން އޭނަގެ ބައްޕައަށް ދިން ހިތްދަތި ނިމުން ޚިޔާލުކުރުމުން ހޮޑުނުލެވުނީ ކިރިޔާއެވެ. އެގޭތެރޭގައި އެންމެ ފިޔަވަޅެއް އަޅަންވެސް އޭނަގެ ހިތްދެކޮޅެވެ. އެކަމަކު އޭނައާއި ދާދި ގާތުގައި ހުރީ ބޭބެއެވެ. ބޭބެ ޖަލުގެ ތޭރިތަކުން މިންޖުވީ މި އާއިލާއާއިހެދިއެވެ. ވެގެން އުޅޭގޮތެއް ނޭގުނަސް އޭނަ ޖެހެނީ ކަމެއްނުވާކަމަށް ހެދިގެން ހުރުމަށެވެ. ސިކުނޑީގައިވާ އުދަގޫދެނިވި ޚިޔާލާއި ވަކިވުމަށްފަހު އޭނައަށް ޖެހިފައިވަނީ ވިންޓަރފެލްގައި ދިރިއުޅުމަށެވެ.
"ނޯރާ ރަގަޅުވާނެ. އައިމް ޖަސްޓް އެ ކޯލް އަވޭ.........." ނާޔަލް ޔަގީންކަން ދިނެވެ. ބޭބެގެ ކާރު ދުއްވާފައިގޮސް ލޯމަތިން ގެއްލުމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުނީ އައިޒަކް ކާރުގައި އިށީދެ އިންގޮތަކުންނެވެ. އެހާ ހިމޭނުން އެއިނީ އަނެއްކާ ހޭނެތިފައި ބާވައެވެ. އޭނަ ނޭވާ ލާހެއްޔެވެ؟
ނުނިމޭ