07 Mar 2012, 22:20
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ފެބުރުއަރީ 7، 2012ގައި ވެއްޓި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައީސް ނަޝީދުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވުމާ އެކު އެމަނިކުފާނުގެ ސަރުކާރާ ނުރުހުނު އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު ސުވާލެއް ކުރަމުން ދިޔަ އެވެ. ހާއްސަކޮށް ޒުވާނުންނެވެ. އެމީހުން ސުވާލަކީ އަހަރެންގެ ވޯޓް ކޮބައި ހެއްޔޭ އެވެ؟ އެ ސުވާލު ބޮޑު ކެމްޕޭނެއްގެ ގޮތުގައި އެމްޑީޕީގެ ސީދާ ހަރަކާތުގެ ތެރެއިން އެކި ސިފަ ސިފައިގައި ނުކުތެވެ. ޝިއާރުތަކާއި ޕޯސްޓަރުތަކާއި ފޮޓޯތަކާއި ޓީޝާޓްތަކާއި ބެނާތަކާ އެކު އެވެ.
ކުޑަކުޑަ އެކަމަކު މާނައިން ފުރިގެންވާ މި ސުވާލަށް ގާނޫނީ ގޮތުން ވަރަށް ގިނަ ބަޔަކު މިހާތަނަށް ވެސް އައީ ލީގަލް ޖަސްޓިފިކޭޝަނެއް ދެމުންނެވެ. އެކަމަކު ހާއްސަ ސުވާލު އަމާޒުވާ ފަރާތަކީ ރައީސް ވަހީދެވެ. މިހާރު ރައީސް ވަނީ އެ ސުވާލަށް ޖަވާބު ދެއްވާފަ އެވެ.
"ވެއާ އިޒް މައި ވޯޓް؟" ރައީސް ވަހީދާ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއް މިރޭ އެ ޓީވީން ފޮނުވި އިރު ޕްރެންޓަރު މަސްއޫދު އަލީ ސުވާލު ކުރި އެވެ. އެ ސުވާލަށް ރައީސް ވަހީދު ޖަވާބު ދެއްވީ ހިނިފުޅު ވެޑުވުމަކާ އެކު އެވެ.
"[ހިނިފުޅު ވަޑުވަމުން] ވަރަށް ގިނަ ކުދިން އަޅުގަނޑު ގާތުގައި އެބަ އަހާ ތިމަންނާގެ ވޯޓް ކޮބައިހޭ؟ އެކުދިންނަށް ފަހަރުގައ ހަނދާންނެތިފައި އޮވެދާނެ މިހާރު،" ރައީސް ވަހީދު ވިދާޅުވި އެވެ. "އަޅުގަނޑާއި ނަޝީދާ ދެ މީހުންގެ ނަން އޮތީ އެއް ކަރުދާސް ކޮޅެއްގައި ވޯޓްލީއިރުގައި. އެ ކަރުދާސްކޮޅުގެ ޕީ މިހާރު ވެސް އުޅޭނެ ކަންނޭގެ، އެހެންވީމާ ރައީސް ނަޝީދަށް އެކުދިން ދިން ކޮންމެ ވޯޓެއް އަޅުގަނޑަށް ވެސް ލިބުނު،"
އެމަނިކުފާނު ވިދާޅުވީ އެއީ ގާނޫނު އަސާސީގައި އެކަން ހަމަޖެހިފައި އޮތް ގޮތް ކަމަށާއި އެކަން އެގޮތަށް ހަމަޖެހިފައި އޮތުމުން ރައީސަކަށް ހުންނަ މީހަކު އެ މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ ނައިބު ރައީސަކަށް ހުންނަ މީހާ އެ މަގާމާ ހަވާލުވާން ޖެހޭނީ ކަމަށެވެ. އަދި އެއީ މާދުރުގައި ހުރި މީހަކު އައިސް އެކަމުގެ ތެރެއަށް ވަންނަނީ ނޫން ކަމަށެވެ.
"މާ ދުރުގައި ހުރި މީހަކު ގެނެސް އެތަނަށް ލައިގެނެއް ނޫން މިއުޅެނީއަކީ! މިއީ ހަމަ ރައްޔިތުން އެއް ކަރުދާސްކޮޅަކުން ވޯޓު ދީގެން އިންތިހާބު ކުރި ދެމީހުން، އެކަކު ނެތިއްޔާ އަނެކަކު ހުންނަ ގޮތަށް. އެހެންވީމާ އެކުދިން ދެއްވި ވޯޓް އަޅުގަނޑު އަތުގައި އެބައޮތް! އަޅުގަނޑަށޭ އެވޯޓް ދެއްވުނީ އެބޭފުޅުން ދެއްވި ވޯޓް އަދިވެސް މިއޮތީ އެކަމަކާ ހާސްވެ ވަޑައިގަންނަވާކަށް ނުޖެހޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވުމަށް ފަހު ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ދުވަހަކު ވެސް ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް މަސައްކަތް ނުކުރައްވާ ކަމަށާއި އެކަން ބޭނުންފުޅު ވެގެން އާދޭސް ކުރެއްވެވީ އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ކަމަށެވެ.
ނަޝީދާއި ވަހީދަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އާއ އިއްތިހާދުވެގެން 54 ޕަސެންޓް ލިބި ވަޑައިގަތެވެ. ފުރަމަ ބުރުގައި ނަޝީދާ ވަހީދަށް ލިބި ވަޑައިގަތީ 25 ޕަސެނެޓްވެ.