މާލޭގެ މިސްކިތެއްގެ ފަންކާއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ސިލްވާބީޗް، އުމުރުން 35 އަހަރުގެ އަރީޝް އިބްރާހިމްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފަންކާ ވަގަށް ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މިސްކިތު ތެރެއިންނެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ އަރީޝް ހައްޔަރުކުރީ މިސްކިތުގެ ފަންކާ ނައްޓައިލައިގެން ފިލަން އުޅެނިކޮށް ކަމަށެވެ. އަދި އެވަގުތު އޭނާގެ އަތުން ފަންކާ ނައްޓަން ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން އަރީޝް ބަންދުގައި ބަހައްޓަން ނިންމައިފައިވަނީ އޭނާއަކީ މީގެ ކުރިން ވެސް ވައްކަމުގެ އެތައް މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާތީއާއެކު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.