23 Dec 2021, 22:13
އިނގިރޭސި ޕްރިމިއާ ލީގުގައި ކޮވިޑް19 ގެ ސަބަބުން ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗު ފަސްކޮށްފިއެވެ.
ލީގުގެ ޝެޑިއުލްގައިވާ ގޮތުން މި ދެ ޓީމު މީގެ ކުރިން ކުޅެން ހަމަޖެހިފައިއޮތީ އަންނަ އާދިއްތަ ދުވަހުގައެވެ. މި މެޗުގެ އިތުރުން ވުލްވްސް އާއި ވަޓްފޯޑް ހަމަ އެދުވަހު ކުޅެން އޮތް މެޗު ވަނީ ކޮވިޑްގެ ސަބަބުން ފަސްކޮށްފައެވެ.
ޕްރިމިއާ ލީގުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާގޮތުން އެ ލީގުގެ ބޯޑު މެންބަރުންގެ ބައްދަލުވުމަކުން ނިންމާފައިވަނީ ކޮވިޑްގެ އާ ވޭރިއަންޓާ ގުޅޭ ކޭސްތަކެއް ފެނުމުން މެޗު ފަސް ކުރުމަށެވެ.
މިކަމާ ގުޅިގެން ސަޕޯޓަރުންނަށާއި ޓީމުތަކަށް ކުރިމަތިވާނެ ދަތިތަކަށް އެ މެންބަރުން ވަނީ މާފަށް އެދިފައެވެ.
"އާންމުންގެ ރައްކާތެރިކަން މުހިއްމުވާނެ. އެއްވެސް މެޗެއްގެ ސަބަބުން އާންމުންނަށް ނުރައްކާވާ ކަމުގައި ވާނަމަ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ފިޔަވަޅުތައް އަޅާނެ،" ޕްރިމިއާ ލީގްގެ ބޯޑް މެމްބަރުން ބުންޏެވެ.
ލީޑްސް ގެ ކުޅުންތެރިންގެ އިންޖަރީ އާއި ބަލި ހާލަތަށް ބަލާއިރު މި ހަފްތާގައި އެޓީމަށް ޕްރިމިއާ ލީގުގައި ކުޅެވެން ނެތް ކަމަށް ވަނީ އަންގާފައެވެ. އެގޮތުން އެ ކުލަބުގެ ފަރިތަކުރުންތައް ބާއްވާ ދަނޑުވެސް ވަނީ ކޮވިޑްގެ ކޭސްތަކެއް ފެނުމުގެ ސަބަބުން ބަންދު ކޮށްފައެވެ. އެތަން ބަންދުކޮށްފައިވަނީ ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އަދި ޕްރިމިއާ ލީގުގެ އެދުމުގެ މަތިންނެވެ.