23 Dec 2021, 21:21
ވަކި ހާލާތްތަކެއްގައި، ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު، ސީޓްބެލްޓު އެޅުން މަޖުބޫރުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރުން ފެށިގެން 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ވެސް ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެނެވެ.
މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ސީޓްބެލްޓް އެޅުން މަޖުބޫރުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.