07 Mar 2012, 19:08
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމަށްފަހު ޖެހިގެން އައި ދުވަސް، ފެބްރުއަރީ އަށް ވަނަ ދުވަހު ޏ. ފުވައްމުލަކުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެ ފުލުހުންގެ މަރުކަޒަށާއި ވެހިކަލްތަކަށް ގެއްލުންދިނުމުގެ އިތުރުން ފުލުހުންނަށް ހަމަލާދިން 41 މީހެއްގެ މައްސަލައިގެ ތަހުޤީގް ނިންމުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ފުވައްމުލަކުގައި އެދުވަހު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ފަރާތްތަކުން ފުލުހުންގެ މަރުކަޒަށާއި ވެހިކަލްތަކަށް ގެއްލުންދިނުމުގެ އިތުރުން ފުވައްމުލަކުގައި ހަރަކާތްތެރިވަމުން ދިޔަ ބައެއް ފުލުހުނަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ދީފައެވެ.
އެދުވަހު ފުވައްމުލަކުގައި ހިންގި ހަމަނުޖެހުންތަކުގައި ހަތަރު ފުލުހަކަށް އަނިޔާވުމުގެ ސަބަބުން ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދީފައިވެ އެވެ.
ފުވައްމުލަކުގެ ހަމަނުޖެހުމުގެ ތުހުމަތަށް 41 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވި އިރު އައްޑޫ ސިޓީގެ ކޯޓުތަކާއި، ޕޮލިސް ސްޓޭޝަންތަކާއި ސަރުކާރުގެ އެހެނިހެން ތަންތާގައި ހުޅުޖެހި މައްސަލަތަކުގައި ތުހުމަތު ކުރެވޭ 19 މީހެއްގެ މައްސަލަ އަންނަ ހަފުތާގެ ތެރޭގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.