އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިން ރާއްޖޭގައި ފެތުރެމުން އަންނަނީ ބަލިމަޑުކަމަށްވުރެ ހަލުވިކަމާއެކުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވައިލައި ކުރަމުން އަންނަ ކެމްޕެއިނުގެ ތެރެއިން ފ. ނިލަންދުއަށް ވަޑައިގެން ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުން ވަނީ އިންޑިއާއާއެކު ފުންމިން ނޭނގޭ އެތައް ބައިވަރު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ކަމަށެވެ.

"ފުރަތަމަ ބުނަމުން ދިޔައީ އެ އެގްރީމެންޓުތަކުގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލަ ޖެހޭ ކަމެއް ނޯންނާނެ ކަމަށް. ހަމައެއާއެކު ބުނަމުން ދިޔައީ އެއްވެސް ގޮތަކަށް އިންޑިއާގެ ސިފައިން މިތާ ނުތިބޭ ކަމަށް. ފަންނީ މީހުން ހެލިކޮޕްޓަރު ބަލަހައްޓަން ތިބޭ ވާހަކައެއް އެބަ ދައްކާ. އަދި ދިވެހި ޕައިލެޓުންނަށް ހެލިކޮޕްޓަރެއް ދުއްވާލަން ނޭނގޭނެ ވާހަކައެއް ވެސް އެބަ ދައްކާ،" ޔާމީން ވިދާޅުވިއެވެ.

މިފަދަ އެތަކެއް ވާހަކަތަކެއް ސަރުކާރުން ދައްކައިފައިވާއިރު، މިއަދު އެގްރީމެންޓުތަކުގެ ހަގީގަތް ހާމަވެގެން އައިއިރު އެގްރީމެންޓުތަކުގައި ރައްޔިތުން ވަރަށް ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ކަނޑުގެ ހުރިހާ ބާރުތަކެއް އިންޑިއާއަށް ދީފައިވުމަކީ މަސްވެރީން ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ކޮންމެ ދިމާލަކަށް ބެލިނަމަވެސް އިންޑިއާގެ އުނދަގޫތައް ފޯރަމުން އަންނަ ކަމަށާއި އިންޑިއާ ސިފައިންނަކީ ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިވުމަށް އައިސް ތިބި ބައެއް ނޫން ކަމަށެވެ.

"މިތަނުގަ މިތިބީ މަސްލަހަތު ހިމާޔަތްކުރަން އައިސް ތިބި ބައެއް ކަމަށް ވާނަމަ، އެ އެގްރީމެންޓުތަކުގައި އޮތީ ކޮން އެއްޗެއް ކަން ސަރުކާރަށް ބުނެދެވެން ވާނެ، ސަރުކާރުން ބުނީމަތާ ރައްޔިތުންނަށް އުފާވެރި މެސެޖުތަކެއް ލިބޭނީ. އެހާ ރަނގަޅު އެގްރީމެންޓުތަކެއް ކޮށްގެން، ރައްޔިތުންނަށް އެހާ ހެޔޮ އެދިގެން ކުރާ އެގްރީމެންޓްތަކުގެ އުފާވެރި ހަބަރު ދޭން ވާނެ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރިނަމަވެސް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭކަން މިހާރު އެންމެންނަށް ވެސް އެނގޭ ކަމަށާއި އެކަން ގަބޫލުނުކުރާ ދިވެއްސަކު މިހާރު ނެތް ކަމަށެވެ. އަދި ރައްޔިތުން ވެސް ބޭނުންވަނީ އިންޑިއާ ސިފައިން ބޭރުކުރަން ކަމަށް ވިދާޅުވިއެވެ.

"އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ނެތް ކަމަށް ގަބޫލުކުރާ އެކަކު ވެސް ނުހުންނާނެ. އެކަމާ އުނދަގޫވެގެން، އެކަމާ ކަންބޮޑުވެގެން، އެ ނުރައްކާތެރިކަން އިހުސާސް ކުރެވޭތީ، ރާއްޖޭގެ ހުރިހާ ދިމާލެއްގަ ފެތުރެމުންމިދަނީ ތަދުމަޑުކަމަކަށްވުރެ، ބަލިމަޑުކަމަކަށް ވުރެ ބާރަށް ފެތުރިގެން މިދަނީ އިންޑިއާއާއި އިންޑިއާގެ އަސްކަރިއްޔާ މިތަނުގައި ތިބުމަށް ދެކޮޅު ހަދާ ޝުއޫރުތައް،" ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް މިގޮތަށް ހުރި ކަމުގައިވީނަމަވެސް ސަރުކާރުން ކަންބޮޑުވެގެން އުޅެނީ އިންޑިއާ އައުޓް ކެމްޕެއިނުން އިންޑިއާއަށް ވެދާނެ ގެއްލުމަކާ ދޭތެރޭގައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.