ސުކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ތިން ސުކޫލެއްގައި ކުލާސްރޫމުތައް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ކުލާސްރޫމުތައް އެޅުމަށް ހަމަޖެހިފައިވާ ތިން ސްކޫލަކީ ހދ. ކުމުންދޫ ސްކޫލް، ށ. ފުނަދޫ ސްކޫލް އަދި ނ. އަތޮޅު މަދަރުސާއެވެ.

އެ ތިން ސްކޫލްގެ ކްލާސް ރޫމްތައް އިމާރާތްކުރަން ދައުލަތުގެ ބަޖެޓުން 42 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އެގޮތުން ހދ. ކުމުންދޫ ގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 12 ކުލާސްރޫމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 12 މިލިއަން ރުފިޔާއެވެ. އެ ކުންފުންޏާއެކު މިއަދު ސޮއިކުރީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ށ. ފުނަދޫ ސުކޫލުގެ އާ އިމާރާތް އަޅަން ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށަފއިވަނީ ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 15 ކުލާސްރޫމުގެ މި އިމާރާތުތުގެ މަސައްކަތުގެ އަގެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 15.3 މިލިއަން ރުފިޔާއެވެ.

ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައި ތިން ބުރީގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 15.3 މިލިއަން ރުފިޔާ އަށެވެ.

ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ސުކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަންނަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ސުކޫލު ތަކުގައި ކުލާސްރުމުތައް އެޅުމަށް ހިމަނާފައިވެއެވެ.