23 Dec 2021, 18:15
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވާން ރާއްޖޭން ކުރި ދަތުރަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝައިޚު ހަސީނާ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަގްރީރުކުރައްވަމުން ހަސީނާ ވިދާޅުވީ ބަންގްލަދޭޝުން ފާއިތުވީ ދިހަ އަހަރު ތެރޭގައި އިގްތިސޯދީ ގޮތުން ގިނަ ކުރިއެރުން ތަކެއް ހޯދައިފައިވާ ކަމަށެވެ.
ހަސީނާ ވިދާޅުވީ އެ ގައުމުގެ އުފެއްދުންތެރިކަން ކޮވިޑްގެ ކުރީން އެވްރެޖުކޮށް އުޅުނީ ހަތް އިންސައްތައަށް ވުރެ މަތީގައި ކަމަށެވެ. އެގޮތުން ކޮވިޑް އައިރު އެވްރެޖުކޮށް އެވަރުގައި ހިފެހެެއްޓިފައި ހުރިނަމަވެސް ބަލިކަމަޑުކަމުގައި އެ އަދަދު މިހާރު ދަށްވެފައިވާ ކަން ފާހަގަކުރެއްވިއެވެ.
އެ ގައުމުން މިހާރު އަމާޒު ހިފައިފައިވަނީ 2041 ވަނަ އަހަރުގެ ކުރީން އެ ގައުމަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވާން ރާއްޖޭން ކުރި ދަތުރަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަން ފާހަގަކުރައްވައި، ބަންގްލަދޭޝުން ކުރަމުން އަންނަ ދަތުރުގައި ރާއްޖޭގެ އެހީތެރިކަން ބޭނުންވާ ކަމަށް ހަސީނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބަންގްލަދޭޝްގެ ތަރައްގީގެ ދަތުރުގައި ބައިވެރިވުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް އެކަމަނާ ވަނީ ދައުވަތު ދެއްވައިފައެވެ. އަދި މިކަމަކީ ދެ ގައުމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.