ޝަރީއަތުގައި ހިނގައިފައިނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އަމިއްލަ ތަޖުރިބާގެ މައްޗަށް ހުކުމްކުރުމުން, އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލައިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް، ޝަރީއަތް ހިންގުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ބަދަލުގައި، ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ހާލަތެއް މެދުވެރިވެދާނެކަމަށް ކުރެވުނު ލަފައެއްގެ މައްޗަށް ބުރަވެ، ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު ޖޭއެސްސީން މިއަދު ބުނެފައިވަނީ, އާމިރު އެ މައްސަލައިގައި ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފު ހުކުމެއް ކަމަށެވެ.

އެކަމުގެ އަދަބެއްގެ ގޮތުން, އާމިރަށް ނަސޭހަތް ދިނުމުގެ އިތުރުން, ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ވަނީ އަންގާފައެވެ.

ގާޒީންނާއި ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީއަށެވެ.

އެކޮމިޝަނުގެ ރައީސަކީ, ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބު ރައީސަކީ, މަސްތޫރު ހުސްނީ އެވެ.

ދެން އެ ކޮމިޝަނުގައި ތިއްބަވަނީ, ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި, ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރުއާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުއާއި, ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހްއާއި, ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުއާއި, ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން އާންމުންގެ ތެރެެއިން އިންތިހާބްކޮށްފައިވާ އައިމިނަތު އުއްމުކުލްސޫމް އެވެ.