07 Mar 2012, 17:26
ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން ހުޅުވާލި ފުރުސަތުގައި 109 ރިސޯޓަކުން އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުލީގެ މުއްދަތު އިތުރުކުރުމަށް ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު 25 ރިސޯޓަކުން ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފައިސާ އެކީއެކަށް ދައްކާފައިވާ ކަމަށާއި މުއްދަތު އިތުރުކުރެވޭނީ މިއަދުގެ ނިޔަލަށް އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
"މިއަދު އެ ފުރުސަތު ބަންދުވީ. ބަންދުވި އިރު 109 ފަރާތަކުން އަޅުގަނޑުމެންނަށް ހުށަހަޅާފައި އެބަ އޮތް. އަޅުގަނޑުމެން އެފަރާތްތަކުގެ މުއްދަތު އިތުރު ކުރުމުގެ ކަންކަން ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ހަދާ ނުނިމި ހުރި ރަށްތަކުގެ މުއްދަތު އިތުރުކުރުމަށް އެދުމުގެ ފުރުސަތު އޮތް ކަމައްވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން މުއްދަތު އިތުރުކުރަން ފީނަގަމުން އައީ އެކީ އެކަށް ގަނޑުކޮށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިހާރު ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް މުއްދަތު އިތުރުކުރަން ދައްކާ ފައިސާ ވަކިން ވަކިން ކޮންމެ އަހަރަކަށް ނަގާގޮތަށެވެ.
އޮފިޝަލް ވިދާޅުވީ މީގެ ކުރިން އަމަލުކުރި އުސޫލުގެ ދަށުން 25 ރިސޯޓެއްގެ މުއްދަތު އިތުރުކުރަން 40 މިލިއަން ޑޮލަރު އެ މިނިސްޓްރީއަށް ނަގާފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ "އިގްތިސޯދީ ހާލަތު މިވަގުތު އޮތް ގޮތުން އެ ފައިސާ ރިފަންޑުކޮށްދެވެން ނެތް" ކަމަށާއި "އެ ފައިސާ ސަރުކާރަށް ދައްކަން ޖެހޭ ކުލިން ކަޑާނެ" ކަމަށެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނަނީ އެގާނޫނަށް އަމަލުކުރަންފަށާތާ 18 މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރަން ޖެހެ އެވެ. އަދި މުއްދަތު އިތުރުކުރުމަށް އަހަރެއްގެ މައްޗަށް ލައްކައެއްހާ ޑޮލަރު ދައްކަންޖެހެ އެވެ.