ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާނެ ޝިޕިން ލައިނެއް ގާއިމު ކުރުމާ ބެހޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ ރާއްޖެ ވަޑައިގަތް ޝައިޚް ހަސީނާ މިއަދު ވަނީ ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ކުޅިވަރާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު ޝައިޚް ޙަސީނާ ވިދާޅުވީ ދެ ބޭފުޅުން، ދެ ގައުމުގެ ވިޔަފާރި އާއި އިންވެސްޓްމެންޓާއި ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ ޔޫއެސް ބަންގްލާގެ ދަތުރުތައް މިދިޔަ މަހު ރާއްޖެއަށް ފެށުމުން، ވައިގެ މަގުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާން ބަންގްލަދޭޝް އިން ވެސް ދަނީ ޑާކާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމާ ބެހޭ ގޮތުން [މިދަނީ] ވިސްނަމުން،" ޝައިޚް ޙަސީނާ ވިދާޅުވިއެވެ.

އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން މިހާރަށް ވުރެ ހަރުދަނާވެ، ފަތުރުވެރިކަމުގެ ދާއިރާއިން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭ މިންވަރު އިތުރު ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ޑައިރެކްޓް ޝިޕިން ލައިނެއް ގާއިމުކުރުމަށް އޮތް ފުރުސަތާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން،" ޝައިޚް ޙަސީނާ ވިދާޅުވިއެވެ.

ނަމަވެސް އެ މަޝްވަރާއާ ބެހޭ އިތުރު ތަފްސީލެއް އެކަމަނާ ނުދެއްވައެވެ.

ޝައިޚް ޙަސީނާ ވިދާޅުވީ ބަންގްލަދޭޝްގެ އުފެއްދުންތެރިކަން މިހާރު އިތުރުވަމުންދާ އިރު އެގައުމުން ރާއްޖެއަށް ކޮމްޕެޓިޓަރުންނާ އެއް އަގެއްގައި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދޭން ނިންމައިފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމަށް ފަހު ރައީސް ވަނީ، ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީއަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރުމަށް އެގައުމުން ތާއިދުކޮށްފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށާއި، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް އިންސާފު ހޯދަައިދިނުމަށް ރާއްޖެއިން ވެސް މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ޝައިޚް ޙަސީނާއަށް ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަމަނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.

މިއަދު ޝައިޚް ޙަސީނާ މާލެ ވަޑައިގަތުމުން ރަސްމީ ފާލަން ސަރަހައްދުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހުއެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަކަށް ފަހު، ދެ ގައުމުގެ އިސްވެރިން ހިމެނޭ ގޮތަށް ރަސްމީ މަޝްވަރާތައް ވެސް ވަނީ ބާއްވައިފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި މިއަދު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އާ ގުޅޭ ގޮތުން ސޮއި ކުރި އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދި ދެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ހެދި އެއްބަސްވުމެކެވެ.

އެ އެއްބަސްވުންތަކުގެ އިތުރުން، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދިނުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.