ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމާއި ރާއްޖެއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރި ހަތަރު އެއްބަސްވުން:

1.މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގާބިލު ސިއްހީ ހިދުމަތްތެރިން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ, ހެލްތް މިނިސްޓަރު އަހްމަދު ނަސީމްއެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު ޒާހިދު މާލިކްއެވެ.

2. ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް

ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން ވެސް މިއަދު ވަނީ އާކޮށްފައެވެ. އެއްބަސްވުން އާކުރުމަށް ސޮއިކޮށްފައިވަނީ ދެ ގައުމުގެ ހެލްތު މިނިސްޓަރުންނެވެ.

ރައީސް ސޯލިހު އަދި ޝެއިހް ޙަސީނާގެ އަރިހުގައި ދެ ގައުމުގެ އިސްވެރިން: ރާއްޖެއާއި ބަންގަލަދޭޝްއާ ދެމެދު މަޝްވަރާކޮށް ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ---- ފޮޓޯ ރައީސް އޮފީސް

3. މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުޅިވަރާއި ޒުވާނުން ތަރައްގީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މިއަދު ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެންއެވެ.

4. ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލައި ޑަބަލް ޓެކްސޭޝަން ނައްތާލުމުގެ އެއްބަސްވުން

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށްވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލެވެ. އަދި ބަގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަހްމަތުލް މުނީމްއެވެ.

ހަތަރު އެއްބަސްވުމުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން މިއަދު ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ރާއްޖެއިން މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އެސް.އެމް ޝާފިއުދީން އަހްމަދެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ކުރިން ރައީސް ސޯލިހާއި އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމީގޮތުން ބައްދަލުކުރައްވާފައެވެ.

ފުރަމާނަ ދަތުރުފުޅަށްފަހު ޝައިޚް ޙަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.