23 Dec 2021, 12:37
ބަންގްލަދޭޝްއިން ދިވެހިންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދޭން ނިންމައިފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިއަދު އިއުލާންކުރައްވައިފިއެވެ.
ޝައިޚް ޙަސީނާ އެހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން ދެއްވި ބަޔާނެއްގައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށާއި ބަންގްލަދޭޝްގައި ކިޔަވާ ދިވެހިން ދަރިވަރުންނަށް ދިގު މުއްދަތަކަށް ވިސާ ދިނުމަށް އެދިވަޑައިގެންފައެވެ.
"ބަންގްލަދޭޝްއަށް ދާ ދިވެހިންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދިނުމަށާއި ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަކަށް ސްޓޫޑެންޓް ވިސާ ދިނުމަށް އަޅުގަނޑު ދެންނެވިން،" ރައީސް ވިދާޅުވިއެވެ.

ޝައިޚް ޙަސީނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އެއަށް ފަހު ޝައިޚް ޙަސީނާ ވިދާޅުވީ، ދިވެހިންނަށް އަލުން އޮން އެރައިވަލް ވިސާ ދޭން ބަންގްލަދޭޝްއިން މިހާރު ނިންމާފައިވާ ކަމަށެވެ.
"ބަލިމަޑުކަމުގެ ހާލަތު މިހާރު ރަނގަޅުވެފައި ވުމުން، ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ބަންގްލަދޭޝްގެ ސަރުކާރުން ނިންމައިފަވާކަން އުފަލާއެކު ފާހަގަ ކުރަން،" ޝައިޚް ޙަސީނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނެވެ. އެގޮތުން އެގައުމުން އޮން އެރައިވަލް ވިސާގެ ހިދުމަތް ދޭ ހުރިހާ ގައުމަކަށްވެސް އެ ހިދުމަތް ދިނުން އެއިރު ހުއްޓާލިއެވެ.
ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަމަނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.
މިއަދު ޝައިޚް ޙަސީނާ މާލެ ވަޑައިގަތުމުން ރަސްމީ ފާލަން ސަރަހައްދުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހުއެވެ. އަދި ޖުމްހޫރީ މައިދާން ސަރަހައްދުން ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމު ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިއަދު ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އާ ގުޅޭ ގޮތުން ސޮއި ކުރި އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދި ދެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ހެދި އެއްބަސްވުމެކެވެ.
އެ އެއްބަސްވުންތަކުގެ އިތުރުން، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދިނުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.