23 Dec 2021, 11:39
އިއްޔެ ރާއްޖެވަޑައިގަތް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވައިފިއެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގަތް ޙަސީނާ މާލެ ވަޑައިގަނެފައިވަނީ މިއަދު އެވެ. ރޭ އެކަމަނާ ހުންނެވީ ރިސޯޓެއްގައެވެ.
މާލެ ވަޑައިގަތުމާއި އެކު ރަސްމީ ފާލަން ސަރަހައްދުން ޙަސީނާއަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހުއެވެ. އަދި ޖުމްހޫރީ މައިދާން ސަރަހައްދުން ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމު ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޝައިޚް ޙަސީނާގެ މި ދަތުރުފުޅުގައި ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ވެސް ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އާ ގުޅޭ ގޮތުން ވެވޭ އެއްބަސްވުމަކާއި ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރާ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ވެވޭ އެއްބަސްވުމެކެވެ.
ހަމައެހެންމެ ބަންގްލަދޭޝުން ސިއްހީ ދާއިރާގެ މުވައްޒަފުން ރެކްރޫޓު ކުރުމަށް ވެފައިވާ އެއްބަސްވުން ވެސް އައު ކުރަން ވަނީ ހަމަޖެހިފައެވެ.
ޝައިޚް ޙަސީނާގެ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އާ ވެސް ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން މިއަދު މެންދުރު ފަހު އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވަވާނެއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ އޮންލައިން ކޮށް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުރަމާނަ ދަތުރުފުޅަށްފަހު ޝައިޚް ޙަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.