23 Dec 2021, 10:29
ނިއުދިއްލީ (ޑިސެމްބަރު 23): އަސްކަރީ އަދި ދިފާއީ ކަންކަމުގައި ވަކި ގައުމަކަށް ބަރޯސާ ނުވެވޭނެ ކަމަށްބުނެ ރަޝިއާއިން ގަނެފައިވާ ދިފާއީ އައްޑަނައިގެ ނިޒާމު ބެހެއްޓުމުގެ (އިންސްޓޯލް ކުރުމުގެ) މަސައްކަތް އިންޑިއާއިން ފަށައިފިއެވެ.
އިންޑިއާއިން މިކަން ފަށާފައި މިވަނީ ރަޝިއާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ މިނިޒާމު ނުގަތުމަށާއި މިނިޒާމު އިންޑިއާގެ އެއްވެސް ތަނެއްގައި ހަރުނުކުރުމަށް ގޮވާލައި އެމެރިކާ އިންޒާރުތައް ދެމުން ގެންދަނިކޮށެވެ.
އިންޑިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން އެސް 400 ގެ ދިފާއީ ނިޒާމުގެ ބައިތައް (އޭގެ ބެޓްރީތަކާއި ރާޑުތައް) ބަހައްޓަނީ ޕަންޖާބު ގައެވެ. ޕަންޖާބަކީ އިންޑިއާގެ ހުޅަނގު އުތުރު ގެ ސްޓޭޓެކެވެ. އިންޑިއާގެ އަސްކަރީ ތަޖްރިބާކާރުންގެ ލަފައާއެކު މިނިޒާމު ޕަންޖާބުގައި ބެހެއްޓުމަށް އެގައުމުން ނިންމީ އަވަށްޓެރި ޕާކިސްތާނާއި ޗައިނާއިން ހަމަލާތަކެއް އަތުވެއްޖެނަމަ ދިފާއުކުރަން ފަސޭހަވާނީ އެސަރަހައްދުގައި ބެހެއްޓުމުންކަމަށްވާތީއެވެ.

އެސް 400 މަރުކާގެ ދިފާއީ ނިޒާމު
އިންޑިއާއަކީވެސް ނިއުކްލިޔާ ބާރަކަށްވާއިރު އެގައުމުގެ އަވަށްޓެރި ޕާކިސްތާނާއި ޗައިނާއަކީވެސް ވަރުގަދަ ނިއުކްލިޔާ ދެބާރެވެ. އެދެގައުމަކީ އިންޑިއާއާ ސަރަހައްދީ ރޮނގުގެ މައްސަލަތަކާ އަދި ޖިއޮ ސްޓްރެޓީޖިކް މައްސަލަތައް އޮންނަ ދެ ގައުމުކަމުން އެދެގައުމުން ފިޔަވައި އެހެން ގައުމަކުން އިންޑިއާއަށް ނުރައްކަލެއް އައުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އިންޑިއާގެ ދިފާއީ ސްޓްރެޖިސްޓުން ދެކެއެވެ.
ރަޝިއާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމަކީ އެމެރިކާގައި އުފައްދާ މިބާވަތުގެ ނިޒާމުތަކަށްވުރެ ޓެކްނޮލޮޖީގެ ގޮތުންނާ އަދި ގާބިލްކަމުގެ ގޮތުން އެތައް ގުނައެއް މޮޅު ނިޒާމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއާ ގަންނަނީ މިނިޒާމުގެ ފަސް ޔުނިޓެވެ. މިފަސް ޔުނިޓް ގަތުމުގެ އެއްބަސްވުމުގައި ރަޝިއާއެކު އިންޑިއާ ސޮއިކުރީ 2018 ވަނަ އަހަރުއެވެ.
އިންޑިއާއިން ގަންނަ މިނިޒާމު ބައިތަކަށް އަރަނީ 5.5 ބިލިއަން ޑޮލަރެވެ. މި އަގުގެ ތިންބައިކުޅަ ދެބައި އިންޑިއާ މިހާރުވަނީ ރަޝިއާއަށް ދައްކާފައެވެ. އަނެއްބައި އަންނަ އަހަރު ދައްކާގޮތަށްވަނީ ހަމަޖެހިފައެވެ. އެސް 400 އަކީ ކްރޫޒް މިސައިލާއި ބަލިސްޓިކް މިސައިލް ގެ އިތުރުން ފައިޓާ ޖެޓްތަކުން ދޭ ހަމަލާތައްވެސް ހުއްޓުވުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ.

އެސް 400 މަރުކާގެ ދިފާއީ ނިޒާމު މަސައްކަތްކުރާގޮތް
އެމެރިކާވަނީ ރަޝިއާގެ އެސް 400 މަރުކާގެ ދިފާއީ ނިޒާމު އިންޑިއާ ގަންނާތީ އިންޑިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައެވެ. ނަމަވެސް އިންޑިއާ ދަނީ އެމެރިކާގެ ބިރުދެއްކުންތަކާ އެކުވެސް ރަޝިއާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަތުމުގެ ކަންތަކާ އަދި އެ ނިޒާމު ބެހެއްޓުމުގެ ކަންތައްވެސް ފަސްޖެހުމެއްނެތި ކުރިއަށް ގެންދަމުންނެވެ.
އެމެރިކާގެ އިންޒާރުތަކަށް އިންޑިއާ ސަރުކާރުން ސީދާ ގޮތެއްގައި ރައްދު ނުދިންނަމަވެސް އިންޑިއާ ސަރުކާރާ ގުޅުންބޮޑު އެގައުމުގެ ނޫސްތަކުން ބުނާގޮތުން އިންޑިއާއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. އެހެންކަމުން އިންޑިއާ ހަތިޔާރު ގަންނަންވާ ގައުމުތަކާއި ގަންނަންވާ ހަތިޔާރު ކަނޑައަޅާނީ އިންޑިއާ ސަރުކާރުންނެވެ. އެކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޭރުގެ ފަރާތަކަށް އިންޑިއާ ނުދޭނެއެވެ.
އިންޑިއާއަކީ ރަޝިއާގެ އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަންނަ ހަތަރުވަނަ ގައުމެވެ. އިންޑިއާގެ ކުރިން ތުރުކީ، ސޫރިޔާ އަދި އީރާނުންވަނީ އެ ނިޒާމުތައް ގަނެފައެވެ. އިންޑިއާއަކީ ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އެކުލަވާލާފައިވާ "ކުއެޑް" ޖަމާއަތުގެ މެންބަރަކަށްވާތީ ރަޝިއާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަތްނަމަވެސް އިންޑިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން އެމެރިކާ ފަސްޖެހުން އެކަށީގެންވާކަމަށް މުރާސިލުން ބުނެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރު ދައްކައިގެން ހަތިޔާރު ވިއްކަން އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް މަޖްބޫރު ކުރަމުން ގެންދާއިރު މިއީ އެމެރިކާ އަމިއްލައަށް ގަބޫލުކޮށް ޕްރޮމޯޓްކުރާ މިނިވަން ވިޔަފާރީގެ އަސާސްތަކާ މުޅިން ޚިލާފު ކަމެކެވެ.