23 Dec 2021, 10:23
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވައި ފުރަމާނަ ދަތުރުފުޅާ ގުޅުވައިގެން ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި އެމްއެންޑީއެފްއާ ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިކަން ހާމަ ކުރީ ސިފައިންނާއި ފުލުހުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވައި ފުރަމާނަ ދަތުރުފުޅާ ގުޅުވައިގެން ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަށް، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ނަމަވެސް މި އޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތެއް ސިފައިންނާއި ފުލުހުންގެ ފަރާތުން ހާމައެއް ނުކުރެއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅާ ގުޅުވައިގެން މާލޭގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކަށް، ގްރީން ޒޯންގައި ހިމެނޭ ހަތަރު ސަރަހައްދެއް މިއަދުގެ އެކި ވަގުތުތަކުގައި ބަންދުކުރާން ވެސް ވަނީ ނިންމާފައެވެ.
އެގޮތުން ބަންދުކުރަން ހަމަޖެހިފައިވާ ހަތަރު ސަރަހައްދަކީ:
ޖުމްހޫރީ މައިދާން ސަރަހައްދު
- ރައީސް އޮފީސް ސަރަހައްދު
- ހޮޓެލް ޖެން ހިމެނޭ ސަރަހައްދު
- ރައްޔިތުންގެ މަޖިލީސް ކުރާ ގެ ހިމެނޭ ސަރަހައްދު
މި ސަރަހައްދުތައް ބަންދު ކުރާން ނިންމާފައިވަނީ މިއަދު ހެނދުނު 7:00 އިން 20:00 އަށެވެ.
ޝައިޚް ޙަސީނާގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އާ ވެސް ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން މިއަދު މެންދުރު ފަހު އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވަވާނެއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ އޮންލައިން ކޮށް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުރަމާނަ ދަތުރުފުޅަށްފަހު ޝައިޚް ޙަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.