07 Mar 2012, 16:55
ބްރަޒީލިޔާ (މާޗް 7) : އިޤްތިސާދީ ގޮތުން އިނގިރޭސިވިލާތުގެ މައްޗަށް ކުރިހޯދައި ދުނިޔޭގެ 6 ވަނަ އިޤްތިސާދީ ބާރަކަށް ބްރަޒީލް ވެއްޖެވެ. މިކަން ހާމަކުރައްވަމުން ބްރަޒީލްގެ މާލީ ވަޒީރު ގޮއިޑޯ މަޓިންގާ ވިދާޅުވީ އޭނާގެ ޤައުމުން އިނގިރޭސިވިލާތުގެ މައްޗަށް އިޤްތިސާދީ ގޮތުން ކުރިހޯދިފައިވަނީ މާބޮޑު ތަފާތަކުން ނޫންކަމުގައެވެ.
ބައިނަލްއަޤްވާމި އިޤްތިސާދީ ތަފާސްހިސާބުތައް ބުނާގޮތުން ބްރަޒީލުން އިނގިރޭސިވިލާތުގެ މައްޗަށް ކުރިހޯދާފައިވަނީ މަދުޢަދަދެއްގެ ބިލިޔަން ޑޮލަރުގެ ތަފާތަކުންނެވެ. 2011 ވަނަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތް އޮތީ ދުނިޔޭގެ 6 ވަނަ އިޤްތިސާދީ ބާރުގެ ގޮތުގައެވެ. އެއީ 2.25 ޓްރިލިޔަން ޑޮލަރުގެ ޤައުމީ އާމްދަނީ (ޖީޑީޕީ) އަކާއެކުގައެވެ. އެއަހަރު ބްރަޒީލް އޮތީ 2.09 ޓްރިލިޔަން ޑޮލަރުގެ ޤައުމީ އާމްދަނީ (ޖީޑީޕީ) އަކާއެކު ދުނިޔޭގެ 7 ވަނަ އިޤްތިސާދީ ބާރުގެ ގޮތުގައެވެ.
ނަމަވެސް 2011 ނިމުނުއިރު އިނގިރޭސިވިލާތުގެ އިޤްތިސާދީ ދުވެލި 0.8 ގައި ހުރެފައި ބްރަޒީލްގެ އިޤްތިސާދީ ދުވެލި 2.7 ގައި ހުރުމުން ބްރަޒީލްގެ ޖީޑީޕީ ވަނީ 2.5 ޓްރިލިޔަން ޑޮލަރަށް މައްޗަށްގޮސް އިނގިރޭސިވިލާތުގެ ޖީޑީޕީ ވަނީ 2.2 ޓްރިލިޔަން ޑޮލަރަށް ދަށަށް ގޮސްފައެވެ.
މިދިޔައަހަރު ޗައިނާއިން ޖަޕާން ވައްޓާލައި ދުނިޔޭގެ ދެވަނަ އިޤްތިސާދުގެ މަޤާމް ހޯދީ ވަރަށް ބޮޑު ތަފާތަކުންނެވެ. ބްރަޒިލްގެ މާލީ ވަޒީރު މަޓިންގާ ވިދާޅުވީ ކޮންމެ ގޮތެއްގައިނަމަވެސް ދުނިޔޭގެ 6 ވަނަ އިޤްތިސާދުގެ މަޤާމް ބްރަޒިލްއަށް ލިބިއްޖެ ކަމަށާ ނަމަވެސް މިއަށްވުރެ އޭނާ އުފާވަނީ ބްރަޒީލްގެ އިޤްތިސާދު ވަރަށް ހަލުއިމިނެއްގައި ކުރިއެރުމުގެ ޤާބިލްކަން ލިބިފައިވާ ޑައިނަމިކް އިޤްތިސާދަކަށް ވެފައިވުމުން ކަމުގައެވެ.
ބައިނަލްއަޤްވާމީ އިޤްތިސާދީ ރިޕޯޓްތައް ބުނާގޮތުން މިހާރު ދުނިޔޭގެ އިޤްތިސާދުގެ އެއްވަނަ ރޭންކްގައި އޮތީ އެމެރިކާއެވެ. ދެވަނައަށް ޗައިނާއެވެ. ތިންވަނައަށް ޖަޕާނެވެ. ހަތަރުވަނައަށް ޖަރުމަނުވިލާތެވެ. ފަސްވަނައަށް ފަރަންސޭސިވިލާތެވެ. ހަވަނައަށް ބްރަޒިލްއެވެ. ހަތްވަނައަށް އިނގިރޭސިވިލާތެވެ. އަށްވަނައަށް އިޓަލީއެވެ. ނުވަވަނައަށް އިންޑިޔާއެވެ. ދިހަވަނައަށް ކެނެޑާއެވެ. އެގާރަވަނައަށް ރަޝިޔާއެވެ.
މީގެތެރެއިން އެމެރިކާގެ ޤައުމީ އާމްދަނީ (ޖީޑީޕީ) ގެ މިންވަރަކީ 14 ޓްރިލިޔަން ޑޮލަރެވެ. ޗައިނާގެ ޤައުމީ އާމްދަނީ (ޖީޑީޕީ) ގެ މިންވަރަކީ 5.9 ޓްރިލިޔަން ޑޮލަރެވެ. ޖަޕާން ޤައުމީ އާމްދަނީ (ޖީޑީޕީ) ގެ މިންވަރަކީ 5.4 ޓްރިލިޔަން ޑޮލަރެވެ. -- ނޫސްއެޖެންސީތައް