22 Dec 2021, 23:00
ފިލިޕީންސަށް އަރައިފާއިވާ ތޫފާން ރާއީގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސީބޫ ސިޓީގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ.
ތޫފާނުގެ ސަބަބުން ދަރިަވަރުން ކުރަންޖެހޭ އަސާސީ ކަންކަން ކުރުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
ތޫފާން ރާއީގެ ސަބަބުން އަަސާސީ ހިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ދަރިވަރުން ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ނިންމާފއި ވާކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ދަރިވަރުން ދިރިއުޅެމުންދާ ސަރަހައްދުތަކުން ކެނޑިފައިވާ ފެނާއި ކަރަނޓު އަނބުރާ ގެނައުމަށް ޕިލިޕީންސް ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވުމަށް މަހެއް ހޭދަވާނެކަމަށް ފިލިޕީންސް އެންބަސީން ބުންޏެވެ. އެހެންކަމުން ސަރުކާރުން ދަރިވަރުންނަށްދޭ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މަސްދުވަހުގެ މުއްދަތަކަށެވެ.
މީގެ އިތުރުން ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ތޫފާން ރާއީގައި ގަޑިއަކު 121 މޭލު ބާރުމިނުގައި ވައިޖެހި، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އެތައް ހާސް އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. ތޫފާނުގައި މަރުވި މީހުންގެ އަދަދު ހަތަރު ސަތޭކައާ ގާތްކުރެއެވެ. އަދި 56 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާއިރު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ މީހުންގެ އަދަދު ފަސް ލައްކައާ ގާތްކުރެއެވެ. މީގެ އިތުރުން 515 މީހުންނަށް ވަނީ ތޫފާނުގެ ސަބަބުން އެކި ކަހަލަ ހާނިއްކަ ލިބިފައެވެ.