ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންްޓަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކުރި މި ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 4.59 މިލިއަން ރުފިޔާއެވެ. މެރިޓައިމް ސަވައިވަލް ސެންްޓަރު ނިންމަން އެއްބަސްވެފައިވަނީ 210 ދުވަސް ތެރޭގައެވެ.

މި މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ އެމްޓީސީސީގެ ހެޑް އޮފީހުގައެވެ.

އެ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމްއެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

މި މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1،200 ކިއުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރީޓް ގައު ޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭމްޕެއް ހެދުމުގެ މަސައްކަތާއި ވާ އައްސާ މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތާއި، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީ އުފެއްދީ 1980 ވަނަ އަހަރުގައެވެ. އެ ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އެ ކުންފުނިން އަންނަނީ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ މަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.