07 Mar 2012, 16:50
އދ. މަޖިލިސް (މާޗް 7) : ދުނިޔޭގައި ސާފުބޯފެން ނުލިބޭމީހުންގެ ނިސްބަތް ދަށްކުރުމުގައި ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ބޮޑުކާމިޔާބީއެއް ލިބިފައިވާ ކަމަށް އދ. ން ބުނެފިއެވެ.
ޔުނިސެފާއި ޑަބްލިޔޫ.އެޗް.އޯ ގުޅިގެން ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން ދުނިޔޭގައި ސާފު ބޯފެން ނުލިބޭ ފަގީރު އާބާދީތަކަށް ސާފުބޯފެން ފޯރުކޮށްދިނުމަށް 1990 ން 2010 އަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިތުރު ދެބިލިޔަނަށްވުރެ ގިނަ މީހުންނަށްވަނީ ދާއިމީ ގޮތަކަށް ސާފުބޯފެން ލިބޭނެ އިންތިޒާމްތަކެއް ދުނިޔޭގެ އެތަށް ޤައުމެއްގައި ހަމަޖައްސައިދެވިފައެވެ. މިއާއެކުވެސް ދުނިޔޭގެ އާބާދީގެ 11 ޕަސެންޓް މީހުން އަދިވެސް ސާފުބޯފެން ލިބުމުން މަޙްރޫމް ވެފައިވާކަމަށް މިރިޕޯޓް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ސާފުބޯފެން ފޯރުކޮށްދިނުމަށް އެންމެދަތި އަދި އުނދަގޫތައް ކުރިމަތިވަމުންދަނީ އެފްރިކާގައި އަހްލީ ހަނގުރާމަކުރަމުންދާ ޤައުމުތަކުގެ ފަގީރުންނަށާއި ސަބްސަހަރަށް އެފްރިކާގެ ޤައުމުތަކުގެ ފަގީރު އާބާދީ ތަކަށެވެ.
ސާފުބޯފެން ފޯރުކޮށްދިނުމުގައި ފާއިތުވި 21 އަހަރު ލިބުނު ކާމިޔާބުގެ ސަބަބުން އދ. ގެ ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭން ގިނަލަނޑުދަނޑިތަކެއް ވަނީ އެކަމަށް ކަނޑައެޅި މުއްދަތުގެ ކުރިން ޙާސިލްކުރެވިފައެވެ. އދ. ގެ ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިތުރުން ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން 2000 ވަނަ އަހަރުގައިވަނީ ސާސްކަފް ލަނޑުދަނޑިތަކެއްވެސް އެކައަޅާފައެވެ.
މިގޮތުން 2015 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ފަގީރުންގެ ނިސްބަތް ދެބައިކުޅައެއްބަޔަށް ދަށްކުރުމާއި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާއި ކުޑަކުދިން މަރުވާމިންވަރު ވަކި ނިސްބަތަކަށް ދަށްކުރުމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން 2000 ވަނަ އަހަރުގައިވަނީ ސާސްކަފް ލަނޑުދަނޑިތަކުގެ ނަމުގައި ވަރަށް އުންމީދީ ލަނޑުދަނޑިތަކެއް އެކަށައަޅާފައެވެ. ނަމަވެސް މީގެތެރޭން ގިނަލަނޑުދަނޑިތައް އެތާރީޚުގެ ކުރިން ޙާސިލްކުރެވޭނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށް ކަމާބެހޭ ތަޖްރިބާކާރުން ބުނެއެވެ. -- ނޫސްއެޖެންސީތައް