22 Dec 2021, 15:01
ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ސަރުކާރުން ޗައިނާއަށް ދީފިއެވެ.
ވަން ޗައިނާ ޕޮލިސީއަކީ ޓައިވާނުން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާން ކުރުމާ ދެކޮޅު ހެދުމެވެ. އަދި އެއީ ޗައިނާގެ ބައެއްގެ ގޮތުގައި ދެކޭ އުސޫލެކެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން މިއަދު ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަން ފާހަގަކުރައްވައިފައެވެ.
ނައިބު ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ޗައިނާއިން ރާއްޖެއަށް ގިނަ އެހީތަކެއް ވެދިން ކަމަށާއި މީގެ އިތުރުން ވެސް ފަތުރުވެރިކަމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި، މަތީ ތައުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ދެއްްވައި ނައިބު ރައީސް ވަނީ ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
ޗައިނާ ސަފީރު ވަނީ ކޮވިޑަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލީތީ އެކަމަށް ތައުރީފްކުރައްވައިފައެވެ.
ހަމައެހެންމެ ސަފީރު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަވައިފައެވެ.