މޮސްކޯ (ޑިސެމްބަރު 22): ނޭޓޯގެ މެންބަރު ގައުމަކަށް ޔުކްރޭން ހެދުމަކީ ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ހަތިޔާރުތައް ޖަމާކުރުންކަމަށާއި އެހެންކަމުން ނޭޓޯގެ މެންބަރުކަން ޔުކްރޭނަށް ދީފިނަމަ އަސްކަރީގޮތުން އެކަމަށް ރައްދު ދޭނެކަމަށް ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.

ނޭޓޯގެ މެންބަރު ގައުމަކަށް ޔުކްރޭން ހެދުމަކީ ހުޅަނގުން ހުރަސްކުރާ ރަޝިއާގެ ރަތްރޮނގުކަން ހާމަކުރައްވަމުން ޕޫޓިން ވިދާޅުވީ، ރަތްރޮނގު ހުރަސްކުރާއިރަށް ރަޝިއާ ހަމަލާދޭން ފަށާނެކަމުގައެވެ.

ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދިނުމަކީ ރަޝިއާގެ ގައުމީ ސަލާމަތަށް ސީދާ ގޮތެއްގައި ކުރިމަތިވާ ނުރައްކާއެއްކަމަށް ސިފަކުރައްވަމުން މިގޮތަށް ކަންތައް ކޮށްފިނަމަ އިތުރު އިންޒާރަކާނުލައި ރަޝިއާއިން އަސްކަރީ ހަމަލާދީ އެކަން ހުއްޓުވާނެކަމަށް ރަޝިއާގެ ދިފާއީ ވުޒާރާގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ. ނަމަވެސް ހަމަލާދޭނީ ޔުކްރޭނަށް ކަމެއް ނޫނީ ބްރަސަލްސްގައި ހުންނަ ނޭޓޯގެ ހެޑްކުއާޓަރަށްކަން ޕޫޓިން ހާމައެއް ނުކުރައްވައެވެ.

ރަޝިއާއާ ހުޅަނގާ ދެމެދު މަސްރަހު ހޫނުވެގެން މިއުޅެނީ ރަޝިއާއާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދޭން އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން ގެންދާތީއެވެ. ރަޝިއާ ބުނާގޮތުން މިއީ ނޭޓޯގެ ސަރަހައްދު ރަޝިއާގެ ސަރަހައްދީ ރޮނގަށް ފުޅާނުކުރާނެކަމަށްބުނެ ނޭޓޯގެ ގައުމުތަކުން ރަޝިއާއަށް ކުރިން ދީފައިވާ ޔަގީންކަމާ މުޅިން ޚިލާފުކަމެކެވެ.

ރަޝިއާގެ ޓައިފޫން މަރުކާގެ ނިއުކްލިޔާ ސަބްމެރިން (މި ސަބްމެރިން އިން އެކަނިވެސް ޔޫރަޕްގެ ދެބައިކުޅަ އެއްބައި ފަނާކޮށްލެވިދާނެ)

ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދީގެން ނޭޓޯގެ ބަރުހަތިޔާރު ރަޝިއާގެ ސަރަހައްދީ ރޮނގަށް ޖަމާކުރުމަށް އެމެރިކާއާއި ޔޫރަޕުން މަސައްކަތްކުރަނީ ޔޫރަޕްގައި މިހާރުއޮތް އަސްކަރީ ބެލެންސް ނޭޓޯގެ ކޮޅަށް ބަރުކުރުމުގެ ނުބައި ރޭވުމުގެ ދަށުންކަމަށާ މިކަމުގައި ކުޑަވެސް ދުލެއް ނުދޭނެކަން ރަޝިއާގެ މަސްއޫލުވެރިން ވަނީ އެތައް ފަހަރަކު ހާމަކުރައްވާފައެވެ.

ޔުކްރޭންއަކީ ރަޝިއާގެ އަވަށްޓެރި އަދި ރަޝިއާ ސަގާފީގޮތުންނާއި ނަސްލީ ގޮތުން ގާތް ގައުމެއް ނަމަވެސް އެގައުމުގެ ވެރިކަމުގައި މިހާރު ތިއްބެވީ ހުޅަނގަށް ތާއީދުކުރާ ބައެކެވެ. އަދި ޔުކްރޭންގެ ވެރިން މިހާރު ގެންދަވަނީ ރަޝިއާއަށް ޖެއްސުން ކުރުމަށްޓަކައި ނޭޓޯގެ މެންބަރަކަށް ވުމަށް މަސައްކަތް ކުރަމުން ކަމަށް ރަޝިއާ ދެކެއެވެ.

އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިއާއިން ޔުކްރޭނަށް ބިރު ދެއްކުމަށްޓަކައި އެގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ރަޝިއާގެ އެއްލައްކަ ސިފައިން ބަރުހަތިޔާރާއެކު ޖަމާކޮށްފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ރަޝިއާ ބުނާގޮތުން ސިފައިން ޖަމާކޮށްފައިވަނީ ރަޝިއާގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ.

މިމައްސަލާގައި އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައެވެ. ރައްދުގައި ރަޝިއާ ބުނަނީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދައިގެން ނޭޓޯ ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގެންނަން ކުރާ މަސައްކަތްތަކަކީ ރަޝިއާއަށް ވަރަށް ނާޒުކު މައްސަލައެއްކަމަށާއި އެކަމަށް ރައްދުދޭއިރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރަށް ރަޝިއާ ފަހަތަށް ނުޖެހޭނެކަމުގައެވެ.

އަނެއްކޮޅުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ރަޝިއާ އަށް މާބޮޑުކަމެއް ނުކުރެވޭނެކަމަށާއި އެފަދަ ހާލަތެއްގައި އެމެރިކާއާއި ޔޫރަޕާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާގެ އަތުގައިވެސް އެބަހުރި ކަމަށް ރަޝިއާ ބުނެއެވެ.

ނޭޓޯގެ މެންބަރުކަން ޔުކްރޭނަށް ދީފިނަމަ އަސްކަރީގޮތުން އެކަމަށް ރައްދު ދޭނެކަމަށް ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވުމުން އެމެރިކާވަނީ ކުރިން ގެންގުޅުނު ހަރުކަށި ރާގު ކުއްލި ގޮތަކަށް ބަދަލުކޮށްފައެވެ. މިއާއެކު އެމެރިކާގެ ރައީސް ޖޯބައިޑެންވަނީ ޑިޕްލޮމަސީން މައްސަލަ ހައްލުކުރެވޭނެކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ.

ރަޝިއާއަކީ އެގައުމާ އަސްކަރީ ގޮތުން ކުރިމަތިލައިގެން އެމެރިކާއަށްވެސް އަދި ޔޫރަޕަށްވެސް ކާމިޔާބު ނުލިބޭފަދަ އަސްކަރީ ގޮތުން ބާރުގަދަ ގައުމެކެވެ. ރަޝިއާގެ ނިއުކްލިޔާ އެންމެ ސަބްމެރިންއަކުންވެސް ޔޫރަޕްގެ ދެބައިކުޅަ އެއްބައި ފަނާކޮށް އަޅިއަށް ހަދާލެވިދާނެކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޮނުވަން ނިންމުމުން ރަޝިއާވަނީ ނިއުކްލިޔާ ބޮން އެޅުމަށް ބޭނުންކުރާ އެގައުމުގެ ސްޓްރެޓީޖިކް މަތިންދާބޯޓުތައް އަވަށްޓެރި ބެލަރޫސް ގައި ރުކުރުވާލާފައެވެ. ރަޝިއާގެ މިއަމަލާމެދު އެމެރިކާއާއި ޔޫރަޕްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.