22 Dec 2021, 14:25
ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބައި-އިލެކްޝަން ގައި ވޯޓު ދެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު, މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ވޯޓާސްލިޓު އާންމު ކުރުމަށް ފަހު ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލީ ރަށްވެހިވެފައިވާ ރަށް ބަދަލުވެފައިވާ ފަރާތްތަކަށާއި މިހާރު ދުނިޔޭގައި ނެތް ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނޭ ނަމަ އެ ނަންތައް އުނިކުރަން ހުށަހެޅުން ފަދަ ފުރުސަތެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީސީގެ އީމެއިލް ([email protected]) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.
އޭނާ އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައެވެ.