07 Mar 2012, 16:15
ކުރީގެ ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫނާއެކު ހަތް ބޭފުޅަކަށް ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވެސް މިއަދު ވަނީ ދެއްވައިފި އެވެ.
ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ ސްޓޭޓް ފޯ އެޑިޔުކޭޝަން ކަމަށް ގައުމީ ޕާޓީގެ ނައިބު ރައީސް ސ. ފޭދޫ އެވަރެސްޓް އިމާދު ސޯލިހާއި ސްޓޭޓް ފޯ ފިޝަރީޒް އެންޑް އެގްރިކަލްޗަރު ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ހ. އުލިގަމުގޭ ފުއާދު ގާސިމާއި ސްޓޭޓް ފޯ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ކައުންސިލް މެމްބަރު ހ. މެރިންވިއު އަހްމަދު ޝަމީމާއި ސްޓޭޓް ފޯ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު)ގެ ދަރިކަނބަލުން ހ. ދެނޫ މަރިޔަމް މިޒްނާ ޝަރީފެވެ.
ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ގދ. ގައްދޫ ރޯޒްމާގޭ އަބްދުﷲ އަމީނާއި ސްޓޭޓް ފޯ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މއ. ކިނބިގަސްދޮށުގޭ މުހަންމަދު ޣައްސާން މައުމޫނާއި ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ކަމަށް މަދަނީ އިއްތިހާދުގެ ރައީސް ސ. ފޭދޫ އިނގުރުމާގޭ އައްޝައިޚް މުހަންމަދުދީދީ ވެސް ވަނީ އައްޔަން ކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، މިހުރިހާ ބޭފުޅުންވެސް، އެބޭފުޅުންގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ޚިދްމަތް ކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސްޓޭޓް މިނިސްޓަރުކަން ގަބޫލުފުޅު ކުރެއްވި ކަމަށްޓަކައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.