މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ބިދޭސީންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އަދި އެ މީހުންނަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެކަމުގައި އެންމެ އިސްކޮށް ހުރި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ އަށް މީހެއްގެއެވެ. އޭގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ބަންދުގައި ތިބީ ފަސް މީހެކެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހުންނާއި ތިން ދިވެހިންނެވެ.

އެ ތިން ދިވެހިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސަފާރީގައި ދިގު ދަތުރެއް ކުރުމަށްފަހު މަސްތުވާތަކެތި ހިފައިގެން އދ. ބޮޑުކާށިހުރާއަށް ދިޔަ ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލުމަށް މި މަހުގެ 11 ވަނަ ދުވަހު ކޯޓުން ވަނީ ނިންމައިފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ދެ ބިދޭސީންނެވެ. އެއީ:

  • އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަންގްލަދޭޝް

  • ޑީއެމް މޮބިން (24އ), ބަންގްލަދޭޝް

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބަންގްލަދޭޝް ދެ މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައެވެ.

ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ, ތުހުމަތެއް އުފެދޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ބަލައި ދިޔަ ސަފާރީގައި މި ދެ މީހުން ދަތުރުކުރި ކަމާއި މައްސަލައިގައި ތުހުމަތުކުރާ އެހެން މީހުންނަށް މި މީހުން ގުޅާފައިވާ ކޯލް ޗާޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ދެ ބިދޭސީން ވެސް ވަނީ އެމީހުންނާ މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށާއި އެ ދެ މީހުން ދަތުރުކުރަމުންދިޔައީ މުވައްޒަފުންގެ ހައިސިއްޔަތުން ކަމަށް ބުނެފައެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވުނު 10 މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލުން އިއްޔެ ވަނީ ދައުވާ އުފުލައިފައެވެ. އެގޮތުން ބަންގްލަދޭޝް ދެ މީހުންގެ މައްޗަށް ވެސް ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.