22 Dec 2021, 11:03
ލަންޑަން (ޑިސެމްބަރު 22) : ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރު އަދި ނައިބު ރައީސް އަދި އެގައުމުގެ ވިޔަފާރީގެ މައި ހަބު ކަމަށްވާ ދުބާއިގެ ވެރިޔާ (ހާކިމު) ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް ގެ ވަރިކުރި އަނބިކަނބަލުން އުރުދުންގެ ޕްރިންސެސް ހަޔާ ބިންތުލްހުސައިން އަށް 251.5 މިލިއަން ޕައުންޑު ދިނުމަށް ލަންޑަންގެ ހައި ކޯޓަކުން ހުކުމްކޮށްފިއެވެ.
ކޯޓުން ކުރި ހުކުމްގައި ޕްރިންސެސް ހަޔާއަށް 251.5 މިލިއަން ޕައުންޑު ދިނުމުގެ އިތުރުން ހަޔާގެ ފަރާތުން މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމްއަށް ލިބިފައިވާ އަންހެންދަރިފުޅު، 14 އަހަރުގެ ޖަލީލާ އަށާއި އުމުރުން ނުވަ އަހަރުގެ ޒާޔިދުގެ ދިރިއުޅުމުގެ ޚަރަދުތަކަށާއި ސަލާމަތާއި ރައްކާތެރިކަމާއި ސްކޫލް ފީއާ އެނޫންކަންކަމަށް 290 މިލިއަން ޕައުންޑު އެދެކުދިންނަށް ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ހަޔާ ބިންތި އަލްޙުސައިން އަކީ އުރުދުންގެ ކުރީގެ ރަސްގެފާނު ކިންގް ހުސައިންގެ ދަރިކަނބަލެކެވެ. އެހެންކަމުން ހަޔާއަކީ އުރުދުންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ ދެވަނައިގެ ކޮއްކޯފުޅެވެ. ހަޔާއަކީ ދުބާއިގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް ގެ 6 ވަނަ އަނބިކަނބަލުންނެވެ.
ދެބޭފުޅުން ކައިވެނި ބައްލަވައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ. ނަމަވެސް ދެބޭފުޅުންގެ މެދުގައި މައްސަލަޖެހި ހަޔާ ދުބާއި އިން ފިއްލަވައިގެން އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ 2019 ވަނައަހަރުއެވެ. އެއަށްފަހު ޝައިޚް މުޙައްމަދު ބިން ރާޝިދު، ހަޔާ ވަރިކުރެއްވީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ.

ޝައިޚް މުހައްމަދު އަދި ޕްރިންސެސް ހަޔާބިންތުލްހުސައިން
ޝައިޚް މުޙައްމަދު ބިން ރާޝިދު އާއި ޕްރިންސެސް ހަޔާ އާ ދެމެދު މައްސަލެޖެހެން ފެށީ ހަޔާގެ ބޮޑީގާޑެއްގެ ގޮތުގައި އުޅުނު ޒުވާން ފިރިހެނަކާ ހަޔާ މާބޮޑަށް ގަޔާވާކަމާއި އެދެމީހުންގެ މެދުގައި ލޯބީގެ ކަންތައްތަކެއް ހިނގާކަން ޝައިޚް މުޙައްމަދު ބިން ރާޝިދުއަށް އެނގިވަޑައިގަތުމުން ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. ލޯބީގެ މި ކުޅިގަނޑު ބޭޒާރުވުމުން ހަޔާ އެކަމަނާގެ ދެކުދިންނާއެކު ދުބާއި އިން ފިއްލެވީ 2018 ވަނައަހަރުއެވެ.
އެއަށްފަހު ވަރިވުމަށާއި އަދި ބަދަލުހޯދުމުގެ ނަމުގައި ލަންޑަންގެ ކޯޓަކަށް ހަޔާ މައްސަލަ ހުށަހެޅުއްވިއެވެ. އެމައްސަލަ ބަލަމުންގެންދިޔަ ދުވަސްވަރު ކޯޓުންވަނީ މުޙައްމަދު ބިން ރާޝިދު ސޮފްޓްވެއާއެއް ބޭނުންކުރައްވައިގެން ހަޔާގެ ފޯނު ހެކްކުރައްވައިގެން ހަޔާއަށް ޖާސޫސުކުރައްވައި ހަޔާއަށް ދުއްތުރާކުރެއްވިކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ލަންޑަނަށް ވަޑައިގަތުމަށްފަހު ހަޔާ އޭނާގެ ދެ ދަރިންނާއެކު އުޅުއްވަނީ އޭނާގެ ބައްޕަ، މަރުހޫމް ކިންގް ހުސައިން ލަންޑަނުން ބައްލަވައިގެންފައިވާ ގެކޮޅެއްގައެވެ. މި ގެކޮޅު ހުންނަނީ އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރެއްކަމަށްވާ ކެންސިންގްޓަން ޕެލެސް ގެ ކައިރީގައެވެ.
ހަޔާ އަށް ބަދަލުގެގޮތުގައި ދޭންޖެހޭ 251.5 މިލިއަން ޕައުންޑާއި ދެދަރިކަލުންނަށް ދޭންޖެހޭ 290 މިލިއަން ޕައުންޑާއެކު ޖުމްލަ 550 މިލިއަން ޕައުންޑު ދޭނެކަމަށާއި އެކަމަށް އިއުތިރާޒެއް ނުކުރައްވާ ކަމަށް މުޙައްމަދު ބިން ރާޝިދުގެ ތަރުޖަމާނަކުވަނީ ވިދާޅުވެފައެވެ.
ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕްރިންސެސް ހަޔާއަކީ 47 އަހަރުގެ ބޭކަނބަލެކެވެ. ޝައިޚް މުހައްމަދު ބިން ރާޝިދަކީ 72 އަހަރުގެ ބޭފުޅެކެވެ.