ދަރިވަރުންނަށްދޭ ތައުލީމާ އެއްވަރަށް ތަރުބިއްޔަތުކޮށް ތަމްރީނުދީ މުޖުތަމައު ތެރެއަށް ލޯހުޅުވަައިދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އީޕީއެސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި "ޚިދުމަތުގެ ހަވީރު 2021" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއް ތަރައްގީ ވުމުގައި ގައުމުގައި ކިޔަވަމުންދާ ދަރިވަރުން މުޖުތަމައަށް ލޯ ހުޅުވުން މުހިންމުކަމަށެވެ.

މީގެ އިތުރުން އީޕީއެސްގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުގެ މަތިން އެމަނިކުފާނު ހަނދާން އާކުރެއްވިއެވެ. އިތުރު ހަރަކާތްތައް ބެއްވުމަކީ އީޕީއެސްގައި ތައުލީމު ހާސިލުކުރި ދަރިވަރުން ހޯދި ކާމިޔާބީގެ އަސްލުކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"އީޕީއެސްއިން ދެވުނު ތައުލީމާ އެކީގެ ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައްދިން. މުޅި މުޖުތައަށް ލޯ ހުޅުވައިލަ ދިން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެގައި ތިބެ އިނގިރޭސި މީޑިއަމްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދިއުން އެއީ އޭގެ ފައިދާ އެތައް ރައްޔިތުންނަށް ލިބިގެންދިޔަ ރަނގަޅު ބަދަލެއް ކަމުގައިވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީޕީއެސް ސްކޫލް ހުޅުވުމަކީ އެ ދުވަސްވަރު ތައުލީމު ހާސީލުކުރުމަށް ހާއްސަކޮށް ރަށްރަށުން އައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެވޭކަމަށެވެ.

މި ހަފްލާގައި ރައީސް ސޯލިހު ވަނީ އީޕީއެސްއަށް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ. އީޕީއެސް ސްކޫލް އުފެދުމަށްފަހު ފާއިތުވި 50 އަހަރަށްވުރެ ދިގު މާޒީގައި އެ ސްކޫލުން ހަތާވީސް ހާހެއްހާ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ.