އެއީ ދިވެހިބަސް ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމުގެ މޭސްތިރިޔާއެވެ. ރާއްޖެއިން ބޭރު ގައުމެއްގައި ދިވެހި ބަސް ކިޔަވައިދިނުމަށް މަގު ކޮށައިދިން އާރުކާޓީއެވެ. އެކަމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި މެދުވެރިޔާ ވެސް މެއެވެ.

ރާއްޖެ ނޫން އެހެން ގައުމެއްގައި ދިވެހިބަސް ފުރަތަމަ ކިޔަވައިދޭން ޓީޗަރަކު، ތަމްރީނުކުރި ކުޅަދާނަ އެދުރަކީ ޑރ.ޝައިސްތާ އަލީއެވެ.

މިއީ ޑރ.ޝައިސްތާ އޭނާގެ ދިރިއުޅުމުގައި ކުރި ތަފާތު ތަޖުރިބާއެކެވެ. ބޭރު މީހަކަށް، ދިވެހި ބަސް އުނގަންނައިދިނުމުގެ ޒިންމާ އޭނާ ބޮލުގައި އެޅީ އެއީ ކިހާ ބުރަ ކަމެއްކަން އެނގިހުރެއެވެ.

ޑރ. ޝައިސްތާ ދިވެހި ބަސް ކިޔަވައިދިނީ ޗައިނާގެ ފެންގް ފެންގްއަށެވެ. އުނދަގޫ މަސައްކަތެއްކަމުގައި ވިޔަސް، ޝައިސްތާ އެކަމާ ކުރިމަތިލީ ކެރިހުރެގެންނެވެ. އެކަން ކާމިޔާބުވުމުން، ދިވެހިބަހަށް ލިބޭނެ ކުރިއެރުމާމެދު ވިސްނާފައެވެ.

ގާދޫކޮލުން ނުކުމެ ދިވެހީންގެ މާދަރީ ބަސް ބޭރު ގައުމުތަކަށް ދަތުރު ފެށީ ޝައިސްތާގެ މާލިމީކަމުގެ ދަށުންނެވެ. ޝައިސްތާގެ ދަތުރުގައި ވިއްސާރަވެ، ކަނޑުގަދަ އެތައް ދުވަހެއް ތަހައްމަލު ކުރަން ޖެހުނު ނަމަވެސް އޭނާ މަންޒިލަށް ވާސިލުވެއްޖެއެވެ.

ޑރ. ޝައިސްތާ ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން މިއަދު އެބަ ފެނެއެވެ. ޗައިނާގެ ލޭންގުއޭޖް އުނގަންނައިދޭ އެންމެ ބޮޑު ޔުނިވާސިޓީ، ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި މިއަދު ދިވެހިބަހުގެ ކޯސްތައް ކުރިއަށް އެބަ ގެންދެއެވެ. އެ ކޯސްތައް ލީޑު ކުރާ ޓީޗަރަކީ ޝައިސްތާގެ ދަރިވަރު، ފެންގް ފެންގްއެވެ.

"މިއީ އަޅުގނޑު ދިވެހި ބަސް ދަސްކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ މުދައްރިސް. އަކުރުގެ ރާގާއި މަޙްރަޖުން ފެށިގެން އަކުރު ލިޔާނެ ގޮތް އެންމެ ފުރަތަމަ އަޅުގަޑަށް ދަސްކޮށްދެއްވީ އަޅުގަނޑުގެ މިތުރު ޑރ.ޝާއިސްތާ ޢަލީ." ފެންގް ފެންގް އޭނާގެ ޓްވީޓާގައި ލިޔެފައިވެއެވެ.

މިއީ އޭނާއަށް ދިވެއްސަކު ލިޔެދިން އިބާރާތްތަކެއް ނޫނެވެ. ޝައިސްތާގެ ބުރަ މަސައްކަތާއެކު، ފަންގް ފަންގްގެ އިބާރާތްކުރުން މިއަދު ދިވެއްސަކަށް ވަކި ދުލެއް ނުކުރެއެވެ. ނޭނގޭ މީހަކަށް އޭނާއަކީ ދިވެއްސެއް ނޫންކަމެއް ރެޔަކާ ވެސް ނުލާނެއެވެ.

ގދ. ތިނަދޫއަށް އުފަން ޑރ. ޝައިސްތާ އަލީ އަކީ މިއަދު ހުވަދޫ ސުކޫލުގެ ޕްރިންސިޕްލެވެ. ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކޮށްފައިވާ ޝައިސްތާ ފެނަގް އަށް ދިވެހިބަަހުގެ ގަވައިދުތަކާއި، ދިވެހި ބަހުގެ އަކުރުގެ ރާގާއި، މަހުރަޖުން ފެށިގެން އަކުރު ލިޔާނެ ގޮތްވެސް ދަސްކޮށްދިނެވެ.

ޑރ. ޝައިސްތާއާއި ފެންގް ފުރަތަމަ ދިމާވީ ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި ޝައިސްތާ ޕީއެޗްޑީއަށް ކިޔެވި ދުވަސްވަރުގައެވެ. ދިވެހިބަސް އުނގެނުމުގެ މަސައްކަތް ފެންގް ފުރަތަމަ ފެށީ 2013ވަނަ އަހަރުއެވެ.

"އަޅުގަނޑުގެ ކުލާސްމޭޓެއް ފެންގް އަކީ. ފެންގް ކިޔަވަމުން ގެންދިޔައީ ސައުތު އޭޝިއަން ރާއްޖެއާއި ބެހޭގޮތުން ކިޔަވަމުން. ލޭންގުއޭޖް ޔުނިވާސިޓީއެއްވީމަ އެމީހުން ބޭނުންވީ ކިޔަވަދޭން. ފަންގް ކިޔަވަމުން ދިޔައީ ރާއްޖޭގެ ތާރީހާއި ސަގާފަތާ ބެހޭގޮތުން. އެހެންވެ ފަންގް އެޕްރޯޗް ކުރީ ދިވެހިބަސް ކިޔަވައި ދިނުމަށް ކްލާސްތަކެއް ފެށިދާނެ ހެއްޔޭ. ދެން އެގޮތަށް ފެށުނީ" ފަންގްއަށް ކިޔަވައިދޭން ފެށުނު ގޮތް ޝައިސްތާ "ސަން"އަށް ކިޔހައިދިނެވެ.

ފެންގްއަށް ދިވެހި ބަސް ކިޔަވައިދޭން ފެށީ އޭނާ އަމިއްލައަށް ޝައުގުވެރިކަން ފާޅުކުރުމުންނެވެ. އެންމެ ފުރަތަމަ ފެންގްއަަށް ކިޔަވައިދިނީ ދިވެހިބަހުގެ ފޮނެޓިކް އަޑުތަކާއި އަކުރުތަކެވެ.

މުޅިން އައު ބަހެއް ދަސްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ދިވެހިބަސް ދަސްކުރުމަށް ފެންގްގެ ހިތުގައި އޮތް ޝައުގުވެރިކަމުގެ ބޮޑުކަމުން އޭނާއަށް އެކަން މާ އުނދަގޫ ކަމަކަށް ނުވިއެވެ.

"ފެންގް ވަރަށް ފަސޭހައިން ނަގައިގަނެ އަސްލުގަ. ފޮނެޓިކްސް އިން ފެށީ ފުރަތަމަ. އަކުރު ކިޔަންވީ ގޮތް ވަކި ވަކީން ފުރަތަމަ ކިޔައިދިނީ" ޑރ ޝައިސްތާ ކިޔައިދިނެވެ.

ދިވެހިބަސް އުނގެނުމަށް ފުރަތަމަ ފެންގްއަށް މަގުދެެއްކީ ޑރ. ޝައިސްތާއެވެ. ދިވެހިބަހުގެ ބިންގާ ފެންގްއަށް ޝައިސްތާ އަޅައިދިނެވެ. އެއަށްފަހު ދިވެހިބަސް އިތުރަށް އުނގެނެން، ކުރިއަށް ދާންވީ މަގު ވެސް ފެންގްއަށް ދެއްކީ ޝައިސްތާއެވެ.

ދިވެހިބަސް އިތުރަށް ކިޔަވަން ފެންގް ރާއްޖެ އައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އޭނާ ދިވެހި ބަސް އުނގެނުނެވެ. އެކަމުގައި ވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން މަދަދުގާރަކީ ޝައިސްތާއެވެ.

ދިވެހިބަހުގެ ކޯސް ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފެންގް ކާމިޔާބުކަމާއެކު ފުރިހަމަ ކުރިއެވެ. އަދި އެއަށްފަހު، ދިވެހީންގެ މި މުއްސަނދި ބަސް އޭނާ މިއަދު ޗައިނާގައި އެބަ ކިޔަވައިދެއެވެ. ދިވެހިބަހުގެ ބަގީޗާއެއް ޗައިނާގައި މިއަދު އެ ދަނީ ފަރިވެ ފޮޅެމުންނެވެ.

މި ދަތުރަކީ ޑރ. ޝައިސްތާއަށް ފަސޭހަ ދަތުރެއް ނޫނެވެ. އެހެނަސް، ކާމިޔާބު ދަތުރެކެވެ. މި ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވުނީތީ، ހުދު އޭނާ ވެސް ފަހުރުވެރިވެއެވެ.

"ޗައިނާގެ އަސްލު މީހުން ވަރަށް ބޭނުންވެފަ ތިބެނީ ރާއްޖެ ކަހަލަ ގައުމެއްގެ ބަސް ދަސްކުރަން. ރާއްޖެ އޭ ބުނީމަ އެ މީހުން ވަރަށް ފޯރި އާދޭ. އެހެންވީމަ އަހަރުމެން ކަހަލަ ކުޑަ ކުޑަ ގައުމެއްގެ ބަސް ޗައިނާ ކަހަލަ މަޝްހޫރު ބަޔަކު ދަސްކުރުމަކީ ބަހަށް ލިބޭ ކުރިއެރުމެއް ކަންނޭނގެ" ޑރ. ޝައިސްތާ ބުންޏެވެ.

އެކި ކަހަލަ އަސަރުތަކާއި ފޮނި މީރުކަން ޑރ. ޝައިސްތާއަށް އެހެން ބަސްބަހުން ވެސް ފެނުނެވެ. ނަމަވެސް އޭނާއަށް އެންމެ އަސަރުގަދަ، އެންމެ ފޮނި ބަހަކީ ދިވެހިބަހެވެ.