ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދާއެކު، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާ، ގައުމުން ބޭރު ކުރާން ގޮވާލައި، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ، "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް އިތުރަށް ފުޅާ ކުރާން ނިންމާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ޔާމީން އިރުޝާދު ދެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުން، ދިފާއު ކުރައްވައި އެކިއެކި ވާހަކަތައް ދައްކަވަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ޕްރެސްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ވަރުގަދަކޮށް، އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޔާމީން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

"އިންޑިއާ އައުޓް ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް، ރައީސް ޔާމީން ވަނީ އިރުޝާދު ދެއްވާފަ،" ހީނާ ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ކ. ގުރައިދޫ ކައުންސިލާ، ރައީސް ޔާމީން ބައްދަލު ކުރައްވަނީ --

ހީނާ ވިދާޅުވީ މި ކެމްޕެއިންގެ ހަރަކާތްތައް، ފ. ނިލަންދޫގައި ވެސް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ޓަކައި އަންނަ ބުރާސްފަތި ދުވަހު، ރައީސް ޔާމީން، އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔަމީން، ނިލަންދޫއަށް ކުރައްވަން ނިންމެވި އެ ދަތުރުފުޅާއި ބެހޭގޮތުން ހީނާ ވިދާޅުވީ އެމަނިކުފާނު ނިލަންދޫއަށް ވަޑައިގަތުމަށްފަހު، އެދުވަހުގެ ހަވީރު ބާއްވައި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގައި ރޭގަނޑު ޖަލްސާއެއް ބާއްވާ ގޮތަށް ވެސް ޕާޓީން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލު ކުރުމަށް ޓަކައި ކައިރި ރަށްރަށުން ނިލަންދޫއަށް އަންނަ ފަރާތްތަކާ ބައްދަލު ކުރައްވާނެ ކަމަށެވެ.

"އެ ރަށްރަށުގައި ތިބި ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި އަދި އިސް ރައްވެހީންގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނިލަންދޫގައި ބައްދަލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ،" ހީނާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް، އަތޮޅު ތެރޭގައި ވެސް ފުޅާ ކުރުމުގެ ގޮތުން ރައީސް ޔާމީން ފައްޓަވާފައިވާ މި ދަތުރުފުޅުތަކުގެ ތެރެއިން ނިމިދިޔަ ހަފްތާގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކ. ގުރައިދޫ އަށާއި ތުލުސްދޫ އަށެވެ.

ހީނާ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާއިރު، އިންޑިއާ އައުޓް ނަމުގައި ފަށާފައިވާ ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ވެސް އެ ރަށްރަށުގައި ކުރާނެ ކަމަށެވެ.

"މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތް ކުރިއަށް އެބަ ގެންދަން. އަދި އޮންލައިންކޮށް ވެސް މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަގު ތަނަވަސްވެފައިވާނެ،" ހީނާ ވިދާޅުވިއެވެ.

މާލެ ސިޓީއާ ހުޅުމާލެ، އަދި ވިލިމާލޭގެ އިތުރުން ގިނަ ރަށްތަކެއްގައި ވެސް އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާކަން ފާހަގަ ކުރައްވައި ހީނާ ވިދާޅުވީ އެ މަސައްކަތަށް އަންނަނީ ގިނަ ބައެއްގެ ތާއީދު ލިބެމުން ކަމަށެވެ.

ރައީސް ޔާމީންގެ އިސް ނެންގެވުމަކަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ފާޑު ވިދާޅުވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، އިންޑިއާ އައުޓޭ ނުގޮވޭނެ ކަމަށާއި އެއީ ރާއްޖޭގެ ސުލްހަ މަސްލަހަތާ މުޅީން ހިލާފު ކަމެއް ކަމަށެވެ. މީގެ އިތުރުން ނަޝީދު ވަނީ ފުލުހުން ނުކުމެ، އިންޑިއާ އައުޓޭ ގޮވާ ފަރާތްތައް ހިފާ ހައްޔަރުކުރާން ވެސް ގޮވާލާފައެވެ.

އެސްއޯ ފުލުހުން ނުކުމެ، "އިންޑިއާ އައުޓް" ހަރަކާތެއް ހުއްޓުވަނީ --

ނަޝީދުގެ އިތުރުން ހަސަން ލަތީފު ވެސް ވިދާޅުވީ ދިވެހި ބޭސްގަނޑެއްހެން، ރައީސް ޔާމީންގެ ގައިގައި "އިންޑިއާ އައުޓް" ބަނދެގެން ނުކުމެ، އެ ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.