21 Dec 2021, 14:56
ޖެނީވާ (ޑިސެމްބަރު 21): ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓް ޖެހޭ މީހުންނަށް ސިއްހީގޮތުން ބޮޑުވަރު ނުވާކަމަށް ކުރިން ބެލެވުނު ބެލެވުމަކީ ގޯހެއްކަމަށާއި އޮމިކްރޯން އަކީ އިންތިހާއަށް ނުރައްކާތެރި ވޭރިއަންޓެއްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.
އެޖަމްއިއްޔާ ސީނިއާ ސައެންޓިސްޓް އަދި ރިސާޗަރު ސޫމްޔާ ސްވަމިނަތަން ވިދާޅުވީ އޮމިކްރޯން ޖެހޭމީހުންގެ ހާލަތު ފުރާނައަށް ނުރައްކާވާ ހިސާބަށްދާ ކަމާއި އޭގެތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަ ވަމުންދާކަމުގެ ރިޕޯޓްތައް ލިބެމުން ދާކަމުގައެވެ. އެހެންކަމުން އޮމިކްރޯން ޖެހޭމީހުންނަށް ސިއްހީގޮތުން ބޮޑުވަރުނުވާކަމަށް ކުރިން ބެލެވުނު ބެލެވުމަކީ ގޯހެއްކަމަށް ސޫމުޔާ ވިދާޅުވިއެވެ.
އަނެއްކޮޅުން ޑަބްލިޔުއެޗްއޯ ގެ އިސްވެރިޔާ އަދި ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމު ގެބްރިޔޭސުސް ވަނީ އޮމިކްރޯންއަކީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓަށްވުރެވެސް ނުރައްކާތެރި ވޭރިއަންޓެއްކަމަށް ސިފަކުރައްވާފައެވެ. މީގެކުރިން ޑަބްލިޔުއެޗްއޯ ގެ މަސްއޫލުވެރިންވަނީ އޮމިކްރޯން އަކީ އަވަހަށް ފެތުރޭ ވޭރިއަންޓެއް ނަމަވެސް އެއީ ޑެލްޓާ ފަދަ ބާރުގަދަ ވޭރިއަންޓެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އޮމިކްރޯން ވޭރިއަންޓް
މި ވާހަކަތައް ބަދަލުކޮށް އޮމިކްރޯންއަކީ ޑެލްޓާއަށްވުރެވެސް ހަގީގަތުގައި ނުރައްކާތެރި ވޭރިއަންޓެއްކަން ޑަބްލިޔުއެޗްއޯ ގެ މަސްއޫލުވެރިން ހާމަކުރަން ފައްޓަވާފައި މިވަނީ އޮމިކްރޯންގެ ސަބަބުން ބައެއް ގައުމުތައް އަލުން ފުރަބަންދަކަށް ދިޔުމަށް ނިންމުމާ ގުޅިގެންނާ އަދި އޮމިކްރޯން ޖެހޭ ގިނަބައެއް ފުރާނައަށް ނުރައްކާވާ ހިސާބަށް ދާކަމާ އަދި އޮމިކްރޯން ޖެހޭ ގިނަބަޔަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހި އޮމިކްރޯންގެ ސަބަބުން ގައުމުތަކުގެ ސިއްހަތާބެހޭ ނިޒާމަށް ބާރުބޮޑުވަމުންދާކަމުގެ ރިޕޯޓްތަކާ ގުޅިގެންނެވެ.
ޑަބްލިޔުއެޗްއޯ ގެ ސީނިއާ ސައެންޓިސްޓް އަދި ރިސާޗަރު ސޫމްޔާ ސުވަމިނަތަންވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ދުނިޔޭގައި އޮމިކްރޯން ފެތުރޭނެކަމަށް ލަފާކުރައްވައި ވަހަކަ ދައްކަވާފައެވެ. ސޫމްޔާވަނީ އޮމިކްރޯންގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިއްހަތާބެހޭ ނިޒާމުތަކަށް ބާރުބޮޑުވެ އޮބިނޯންނަ ވަރަށް އޮމިކްރޯންގެ ކޭސްތައް ގިނަވާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ގައިން ގައަށް އަރާ ބަލިތަކާބެހޭ އެމެރިކާގެ އިސް ސައެންޓިސްޓް އެންޓަނީ ފައުޗީ ވަނީ ކްރިސްމަސް އާއި މީލާދީ އައުއަހަރުގެ ރަސްމިއްޔާތުތަކާއި އިހްތިފާލްތަކުގެ ސަބަބުން ކުރިޔަށް އޮތް ދެމަސްތެރޭގައި ނުރައްކާތެރި މިންވަރަކަށް އެމެރިކާގައާއި ދުނިޔޭގެ އެކިގައުމުތަކުގައި އޮމިކްރޯން ފެތުރޭނެކަމަށް ލަފާކުރައްވައި އިންޒާރު ދެއްވާފައެވެ. ފައުޗީ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
އޮމިކްރޯން އަކީ ކޮވިޑް ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށާއި އަދި ކޮވިޑް ޖެހުމަށްފަހު ޝިފާ ލިބިފައިވާ މީހުންނަށްވެސް ފަސޭހައިން ޖެހޭ ވައިރަސްއެއްކަން ޑަބްލިޔުއެޗްއޯ އިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އޮމިކްރޯން އާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮވިޑްގެ ބޫސްޓާ ޑޯޒު ޖެހުމުގެ މުހިއްމުކަންވެސް ޑަބްލިޔުއެޗްއޯ އިންވަނީ ފާހަގަކޮށްފައެވެ.