ވަޅޯމަސްތަކެއް ވަގަށް ނަގައިގެން ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ވައްކަންކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ، ލަކީ ހައުސް އުމުރުން 33 އަހަރުގެ އަލީ ސަފްވާނެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ.

ބަންދުގެ މަޖިލީހުގައި އޭނާ ވަނީ އޭނާ ވަޅޯމަސް ވަގަށް ނެގި ކަމަށް އިންކާރުކޮށްފައެވެ. އޭނާ ހައްޔަރުކުރި ސަރަހައްދަށް ދިޔަ ފުލުހުން ގާތުގައި ވެސް އޭނާ ވަނީ ވިއްކަން އިނީ އޭނާއާ މީހަކު ހަވާލުކުރި ވަޅޯމަސް ކަމަށް ބުނެފައެވެ.

އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ގެއްލުމެއް ވެދާނެ ކަމަށް ބެލެވޭ ކަމަށް ބުނެއެވެ.

މި މީހާއަކީ މިފަދަ ބައެއް މައްސަލަތަކުގައި ހައްޔަރުކޮށް، ކުށުގެ ރެކޯޑު އޮތް މީހެކެވެ.